ތަރުޖަމާނު މުންދު -
ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް، ފިންލެންޑުގެ ޑީޕް އަދި ކޭވް ޑައިވިން ތަޖުރިބާކާރުންގެ ތިން ބޭފުޅެއްގެ ޓީމެއް މިއަދު ރާއްޖެ އަންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު އޭޕީ ނޫހަށް ވިދާޅުވީ، ފިންލެންޑް ޓީމް އައިސް ހޯދުމުގެ ސްޓްރެޓެޖީ އަލުން ރާވާނެ ކަމަށެވެ. އިއްޔެ (ހޮނިހިރު) ހޯދުމުގެ އޮޕަރޭޝަނުގައި ފީނި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ޑީކޮމްޕްރެޝަން ސިކްނެސް ޖެހި ނިޔާވުމާ ގުޅިގެން، ފިންލެންޑް ޓީމް އަންނަން ދެން ހޯދުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
އިއްޔެގެ ޑައިވުގައި ހޮހޮޅައިގެ ތިން ޗެމްބަރުގެ ތެރެއިން ދެ ޗެމްބަރު ބެލި ނަމަވެސް ގެއްލުނު ހަތަރު ޑައިވަރުން ފެނިފައެއް ނުވެއެވެ. ތިން ވަނަ ޗެމްބަރު ބެލެވޭ ގޮތެއް ނުވީ އޮކްސިޖަން އާއި ޑީކޮމްޕްރެޝަނާ ގުޅޭ ސަބަބުތަކާ ހެދި ކަމަށް އިޓަލީ ޚާރިޖީ ވުޒާރާ އިން ބުނެފައި ވެއެވެ.
ޓޫރިޒަމް ވުޒާރާ އިން ވަނީ ތަޙުޤީޤު ނިމެންދެން ހާދިސާ ހިނގި "ޑިއުކް އޮފް ޔޯކް" ބޯޓުގެ ލައިސެންސް ސަސްޕެންޑް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް