ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ދައުރުވަމުންދާ އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއްގެ އަޑު ހިމެނޭ އޯޑިއޯއެއް ދައުރުވަމުންދާތީ ފުލުހުން އެކަން ތަހުގީގު ކުރަން ފަށައިފި އެވެ.
އަލީ ވަހީދު އާއި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އާއި އިތުރު ބަޔަކު ތިބެގެން ދައްކާ ވާހަކައެއް ކަމަށް ބުނެ މިހާތަނަށް ފަސް އޯޑިއޯއެއް ސޯޝަލް މީޑީއާގައި ލީކުކޮށްލާފަ ވެއެވެ. އެކަމަކު އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް ބުނެ އެ މައްސަލައިގެ ތަހުގީގެއް ކުރުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި މައްސަލައިގަ ފުލުހުން ބުނީ އެ އޯޑިއޯގެ މައްސަލަ އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައި ނުުވާ ކަމަށެވެ. އެކަމަކު އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ
އެހެންވެ ފުލުހުންނާއި ކަމާ ބެހޭ ފަރާތްތައް ގުޅިގެން އޯޑިއޯއާ ގުޅޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ.
ފުލުހުން ތަހުގީގު ކުރަނީ ކޮރަޕްޝަނާއި ގުޅުން ހުރި ވާހަކަތަކެއް ދައްކާ އޯޑިއޯގެ މައްސަލައެވެ.
އެ އޯޑިއޯގައި އަސްހަދު ކަމަށް ބެލެވޭ މީހާ ބުނެފައިވަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގަތުމުގެ ތެރޭގައި، އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލްއާ ހެދި ހުރަސް އެޅޭ ވާހަކަ އެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ (ޝިމައްޓެ) ގެ އެހީގައި އެކަން ނިމިފައިވާ ކަމަށް، އޭނާ ވިދާޅުވެ އެވެ.
މި އޯޑިއާގައި ދައްކާ ވާހަކަ މައްސަލައެއްގެ ގޮތުގައި ބެލެވެނީ އެ އޯޑިއޯގައި ވާހަކަ ދައްކާމީހުންނަށް 800،000 ރުފިޔާ ލިބިއްޖެ ކަމަށް ބުނެފައިވާތީ އެވެ.
ވެހިކަލްތައް ގެނައުމުގެ މުއާމަލާތަށް ހުރަސް އަޅައި، އެކަން "ޕޮލިސް ކޭސް" އަކަށް ހަދަން އުޅޭ ވާހަކަ އަސްހަދު ކަމަށް ބެލެވޭ މީހާ ބުނުމުން އަލީ ވަހީދު ކަމަށް ބެލެވޭ މީހާ ފުލުހުންނަށް ހުތުރު ބަސްތައް ރައްދު ކުރައްވަ އެވެ.
މީގެ އިތުރުން ލީކު ކުރި އޯޑިއޯތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ނިސްބަތް ކުރައްވައި އެހެން ބަޔަކު ތިބި ތަނެއްގައި ވަރަށް ހަޑި ހުތުރު ބަހުން އަލީ ވަހީދު ކަމަށް ބެލެވޭ މީހާ ވާހަކަ ދައްކަވަ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު އަށް ވެސް ގުޅުއްވައި ދަށުދަރަޖައިގެ ވާހަކަތަކެއް އަލީ ވަހީދު ކަމަށް ބެލެވޭ މީހާ ދައްކަވާ އޯޑިއޯއެއް ވެސް އާންމުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް