ރިޔާސީ ބަޔާނަށް ޖަވާބުދެއްވުމާ ގުޅޭގޮތުން އިދިކޮޅު މެންބަރުން މިއަދު މަޝްވަރާ ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު އިދިކޮޅު މެންބަރުން ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ. އެކަން އިއުލާ...

17 Feb 2020 | 06:40

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު އިދިކޮޅު މެންބަރުން ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެކަން އިއުލާނު ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބައްދަލުވުން އޮންނާނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންދުރު12:30 ގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ސޯލިހު ނިސްބަތްވެ ވަޑައިގެންނަވާ ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ބައިވެރިވެވަޑައި ނުގެންނެވުމަށް ނަޝީދު އިލްތިމާސް ކުރި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ މެންބަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް އިދިކޮޅުން ތައްޔާރު ކުރާ ޖަވާބު ތައްޔާރު ކުރުމުގައި ބައިވެރިވާނެ އެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނެ މައިނޯރިޓީ ޕާޓީއެއް ކަނޑަނޭޅިގެން އުޅެނިކޮށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ޕީޕީއެމްއަށް ސޮއި ކުރުމުން އެ ޕާޓީ ވަނީ މައިނޯރިޓީ ޕާޓީގެ ގޮތުގައި ހަމަޖެހިގެން ގޮސްފަ އެވެ.

އަދި މައިނޯރިޓީ ލީޑަރަކަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރުު އަހުމަދު ސަލީމް ހަމަޖެއްސިކަން މިދިޔަ ހަފްތާގައި މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް