ޗެކެއް އެއްފަރާތުން އަނެއްފަރާތަށް ނުދެވޭނެ ހަމައެކަނި ހާލަތަކީ " ނޮޓް ނެގޯޝިއަބަލް" ޗެކުގަ ޖަހާފަ އޮތުމުން : ބީއެމްއެލް

ޗެކެއް އެއް ފަރާތުން އަނެއް ފަރާތަށް ނުދެވޭނެ ހަމައެކަނި ހާލަތަކީ ޗެކުގައި "ނޮޓް ނެގޯޝިއަބަލް" ޖަހާފައި އޮތުން ކަމަށާއި ނަމަވެސް އެމް.އެމް.ޕީ.އާރ.ސީގެ ނަމުގައި ދޫކުރެވިފައިވާ، އެންޑޯރސް ކުރެވިގެން އެސ...

17 Feb 2019 | 15:21

ޗެކެއް އެއް ފަރާތުން އަނެއް ފަރާތަށް ނުދެވޭނެ ހަމައެކަނި ހާލަތަކީ ޗެކުގައި "ނޮޓް ނެގޯޝިއަބަލް" ޖަހާފައި އޮތުން ކަމަށާއި ނަމަވެސް އެމް.އެމް.ޕީ.އާރ.ސީގެ ނަމުގައި ދޫކުރެވިފައިވާ، އެންޑޯރސް ކުރެވިގެން އެސް.އޯ.އެފް. ގެ އެކައުންޓަށް ޖަމާކުރެވިފައިވާ ޗެކްތަކަކީ "ނޮޓް ނެގޯޝިއަބްލް" މިގޮތަށް ބަޔާންކޮށްފައިވާ ޗެކްތަކެއް ނޫން ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލްއިން މިހެން ބުނެފައިވަނީ މިއަދު ނެރެފައވާ ނޫސްބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ބޭނުންކުރި ޗެކްތަކަކީ ކްރޮސްކޮށްފައިވާ ޗެކްތަކެއް ކަމުގައިވާއިރު މިޗެކުތައް އެހެންފަރާތެއްގެ އެކައުންޓަށް (އެންޑޯރސްކޮށް ދެވުނު ނުވަތަ އެންޑޯރސީގެއެކައުންޓަށް) ޖަމާކުރެވުނީ ކީއްވެގެންތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ކަމަށެވެ.

ބޭންކުން ބުނެފައިވާގޮތުގައި ޗެކެއް ކްރޮސްކުރުމުން ބޭންކުތަކުން ޢަމަލުކުރާ އުސޫލުގެ ތެރެއިން އެޗެކަކީ ނަގުދުފައިސާ ނެގޭނެ ޗެކެއް ނޫން ކަމަށެވެ. އެޗެކް ޖެހޭނީ އެކައުންޓަކަށް ޖަމާކުރަން ކަމަށެވެ. އެހެންކަމުން އެޗެކެއް އެންޑޯރސްކުރެވިފައިވާނަމަ ޗެކްޖަމާކުރެވޭނީ އެންޑޯރސީގެ އެކައުންޓަށް ކަމުގައި ބުނެފައިވެއެވެ.

"ޤާނޫން ނަންބަރު 95/16 ގެ 23 ވަނަ މާއްދާގައި ޗެކް ކްރޮސްކުރުމާ ބެހޭއުސޫލުތައް ބަޔާންކޮށްފައިވާއިރު، ޗެކް އެއްފަރާތުން އަނެއްފަރާތަށް ނުދެވޭނެ (އެންޑޯރސް ނުކުރެވޭނެ) ޗެކެއްކަމުގައި ހަމައެކަނިވާނެ ގޮތަކީ، އެ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާފަދައިން ކްރޮސްކުރާއިރު “NOT NEGOTIABLE “މިގޮތަށް ބަޔާންކޮށްފައި އޮތުމެވެ. އެމް.އެމް.ޕީ.އާރ.ސީގެ ނަމުގައި ދޫކުރެވިފައިވާ، އެންޑޯރސް ކުރެވިގެން އެސް.އޯ.އެފް. ގެ އެކައުންޓަށް ޖަމާކުރެވިފައިވާ ޗެކްތަކަކީ "ނޮޓް ނެގޯޝިއަބްލް" މިގޮތަށް ބަޔާންކޮށްފައިވާ ޗެކްތަކެއް ނޫނެވެ" ބޭންކްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެމް.އެމް.ޕީ.އާރ.ސީ ގެ ބޯޑް ރިޒޮލޫޝަންގައި ޗެކެއް އެންޑޯރސްކުރުމުގައި ދެފަރާތުން ސޮއިކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށާއި އެހެންނަމަވެސް މިޗެކުތައް އެންޑޯރސްކޮށްފައިވަނީ އެންމެފަރާތަކުން ސޮއިކޮށްފައިކަމުގައިވާއިރު އެ ޗެކުތައް އެސް.އޯ.އެފް އެކައުންޓަށް ޖަމާކުރެވުނީ ކީއްވެތޯވެސް ސުވާލުކުރެވޭ ކަމަށެވެ. އެމް.އެމް.ޕީ.އާރ.ސީ ގެ ބޯޑް ރިޒޮލޫޝަން އަކީ އެމް.އެމް.ޕީ.އާރ.ސީގެ ވެރިންނާއި މުވައްޒަފުންނަށް އެއަށް ޢަމަލުކުރުން ލާޒިމް ކުރާ އެއްޗަކަށްވާހިނދު، އެއަކީ އެންޑޯރސް ކުރެވިފައިވާ ޗެކްތައް ޖަމާކުރުމުގައި ބޭންކުން އެއަށް ޢަމަލުކުރަންޖެހޭ އަދި ބެލޭނެ އެއްޗެއް ނޫން ކަމުގައި ބޭންކުން ބުނެފައިވެއެވެ.

"އެހެނީ އެމް.އެމް.ޕީ.އާރ.ސީ ގެ ނަމުގައި ލިބިފައިވާ ޗެކެއް އެންޑޯރސް ކުރެވިގެން އެސް.އޯ.އެފް އެކައުންޓަށް ޖަމާކުރެވޭއިރު ކޮންމެހެން އެމް.އެމް.ޕީ.އާރ.ސީ ގެ އެކައުންޓެއް ބޭންކުގައި އޮންނާކަށް ނުޖެހެއެވެ.އަދި އެމް.އެމް.ޕީ.އާރ.ސީ ގެ ބޯޑް ރިޒޮލޫޝަންއެއް ވެސް ބޭންކަށް ބޭނުމެއްނުވެއެވެ. ބޯޑު ރިޒޮލޫޝަންއެއް ބޭންކަށް ބޭނުންވަނީ އެކައުންޓެއް ހުޅުވާއިރު ސީދާ އެކައުންޓުތަކުން މުޢާމަލާތްކުރުމަށް ބޯޑުން ކަނޑައަޅާގޮތް ބޭންކަށް ބޭނުންވާތީއެވެ. މިގޮތުން އެމް.އެމް.ޕީ.އާރ.ސީ ގެ ތަފާތު އެކައުންޓް ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވިފައިވެއެވެ."  ބޭންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މިއިން އެކައުންޓަކުން ފައިސާ ނެގޭއިރު ބޯޑު ރިޒޮލޫޝަންގައި އެ އެކައުންޓަކަށް ހުއްދަދެވިފައިވާ ސޮޔަށް ބެލޭނެ ކަމަށާއި އެހެންނަމަވެސް މިއިން އެކައުންޓަކާ އެއްވެސްގޮތަކަށް ނުގުޅި ޖަމާކުރެވޭ އެންޑޯރސް ކުރެވިފައިވާ ޗެކްތައް ޖަމާކުރެވޭއިރު، އެ ޗެކްތަކުގައި އެމް.އެމް.ޕީ.އާރ.ސީ ގެ އެއްވެސް އެކައުންޓެއް ބަޔާންކުރެވިފައި ނުވާހިނދު، އެ އެކައުންޓްތައް ހުޅުވާ ހިންގުމަށް ކަނޑައަޅާފައިވާ ސޮއިތަކަކަށް، ބޭންކުން ޢަމަލުކުރަމުންދާ އުސޫލުގެތެރެއިން ބަލަންނުޖެހޭ ކަމަށާއި އަދި މިގޮތަށް ބޭންކުން ބަލަންޖެހެނީ އެމް.އެމް.ޕީ.އާރ.ސީ ގެ ކޮން އެކައުންޓް ނަންބަރެއްކަމެއްވެސް އެ ޗެކް ޖަމާކުރާ މުއައްޒަފަކަށް ނޭނގޭނެ ކަމުގައިވެސް ބޭންކެގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް