ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިސްތިއުފާއަށް ގޮވާ މިއަދު މުޒާހަރާ ކުރުމުން މިނިސްޓަރު އެކަމަށް އެއްވެ ތިބި މީހުންގެ ކުރިމަތީގައި ޖަވާބު ދެއްވައިފި އެވެ.
މުޒާހަރާ ކުރަމުންދިޔަ ސަރަހައްދުގައި ހުރި ނޫސްވެރިއަކު މިފަދަ ދަނޑިވަޅެއްގައި އިސްތިއުފާދެއްވަފާނަންތޯ ސުވާލު ކުރުމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އެކަމަނާ މަގާމުން އިސްތިއުފާ ދެއްވާނީ އިސްތިއުފާ ދީފި ނަމަ ރާއްޖޭގައި ޖިންސީ އަނިޔާގެ މައްސަލަތައް ހުއްޓޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ. އެގޮތަށް ވިދާޅުވީ ހިނިތުންވުމާއި އެކު އެވެ.
ޝިދާތާ ވިދާޅުވީ އެ އަމަލާއި ގުޅިގެން ހިތާމަ ކުރައްވާ ކަމަށާއި މުޒާހަރާ ކުރަމުންދިޔަ ތަނަށް ވަޑައިގެންނެވީވެސް އެކަމާ ދެކޮޅަށް އަޑުއުފުލުމުގައި ބައިވެރިވުމަށް ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާ ދީގެން ޖިންސީ އަނިޔާގެ މައްސަލަތައް މި ރާއްޖޭގައި ހުއްޓޭނަމަ އިސްތިއުފާ ދޭނަން: ޝިދާތާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިނިސްޓްރީން އަބަދުވެސް ދަނީ މިފަދަ މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ދެ އަހަރުގެ ކުޑަކުއްޖާގެ މައްސަލަ ހުށަހެޅިތާ ދެ ގަޑިއިރު ތެރޭގައި އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީ ހުންނަ ސަރަހައްދުގައި އެއްވެ ތިބި މީހުން ޝިދާތާގެ އިސްތިއުފާއަށް ގޮވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ޖެންޑަ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ބުނެ އެވެ. މިނިސްޓަރުގެ އިތުރުން އެތަނުގެ ވެރިން ވަގުތުން އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައިވެ އެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކޮށްފައިވާކަން ފަޅާ އެރީ އެ ކުއްޖާގެ މަންމަ މާލެ ދިއުމުން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޮޑުދައިތަ އެގެއަށް ގޮސް އެ ކުއްޖާ ފެންވަރުވާ ރީތި ކުރުމުގެ ތެރޭގައި ޖިންސީ ގުނަވަންތަކަށް ތަދުވާކަމަށް ބުނުމުން ކަމަށްވެ އެވެ.
އެހާ ބޮޑަށް ވާހަކަ އަދި ނުދެއްކޭ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުން ބުނެދީފައިވަނީ އިޝާރާތުން ކަމަށް މައުލޫމާތު ހިއްސާ ކުރި ބައެއް މީހުން މީޑީއާގައި ބުނެފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެމީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް