އަލަށް ހުޅުވާ ރިސޯޓުތަކާއެކު ގިނަ ވަޒީފާތަކެއް އުފެދޭނެ: މިނިސްޓަރ

އަލަށް ހުޅުވާ ރިސޯޓުތަކާއެކު ގިނަ ވަޒީފާތަކެއް އުފެދޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް ރާއްޖޭގެ ހުރިހާ ކައު...

16 Dec 2019 | 09:42

އަލަށް ހުޅުވާ ރިސޯޓުތަކާއެކު ގިނަ ވަޒީފާތަކެއް އުފެދޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް ބާއްވާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުތަކާއެކު 18000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ 12 އަތޮޅަކުން ޖުމްލަ 8000 އެނދާއެކު 18000 ވަޒީފާ ހުޅުވޭ ގޮތަށް އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތައް ހޯމަ ދުވަހުގެރޭ އިއުލާން ކުރާނެ ކަމަށާއި ރަށްތައް ދޫކުރުމުގައި އެންމެ އިސްކަމެއްދެނީ އުތުރާއި ދެކުނުގެ ރަށްތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު އެރަށްތަކުގެ އެންވަޔަރަމެންޓް އެސެސްމެންޓާއި ރަށްތަކާއި ކައިރި ރަށްތަކުގެ ރައްޔިތުންގެ ސޯޝަލް އެކޮނޮމިކް އެސެސްމެންޓް ހަދާ ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަލަށް ހުޅުވޭ ރިސޯޓުތަކުން ޓްރެއިނިންގ ކޯޑަށް މިހާރު ރައީސް ބަޖެޓް އިތުރުކޮށްދީފައިވާ ކަމަށާއި މިއަންނަ އަހަރުން ފެށިގެން އަލަށް ރިސޯޓުތައް ހުޅުވޭއިރު، ތަމްރީން ހެދުމަށް މާލެ އަންނަން ނުޖެހޭނެ ކަމަށެވެ.

އެރިސޯޓެއްގެ ވެރިންނާއި ސަރުކާރާ ގުޅިގެން އެރިސޯޓުގެ ވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތްތައް އަންނަ އަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ކޮންފަރެންސްގައި ބައެއް ކައުންސިލަރުން އެފަރާތްތައް ނިސްބަތްވާ އަތޮޅުތަކުގައި ރިސޯޓުތައް މަދުވުމުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ އިރު، މިނިސްޓަރ ވިދާޅުވީ އަލަށް ޓޫރިޒަމަަށް ދޫކުރާ ރަށްތައް އިއުލާންކުރާއިރު، މިކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް