ދުނިޔޭގެ ބައްރުތަކުގެ ޗެމްޕިއަން ކްލަބްތަކުގެ މެދުގައި ކުޅެވޭ "ފީފާ ކްލަބް ވޯލްޑް ކަޕް" ގެ މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިރޭގައި ކުޅޭނެއެވެ. ޔޫރަޕްގެ އެންމެ ފަހުން ދެ އަހަރުގެވެސް ޗެމްޕިއަން ޓީމުކަމަށްވާ ސްޕެއިންގެ ރެއަލް މެޑްރިޑާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ޓީމުކަމަށްވާ ބްރެޒިލްގެ ގްރެމިއޯ ބައްދަލު ކުރާ މުހިންމު މި މެޗުގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލައިލާނަމެވެ.
މިރޭގެ ފައިނަލަށް ނުކުންނައިރު ރެއަލް މެޑްރިޑަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންވެސްމެއެވެ. އެހެންކަމުން ރެއަލް މެޑްރިޑްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ޖެހިޖެހިގެން ދެ އަހަރު މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފު ހޯދާ ފުރަތަމަ ކްލަބަށް ވުމެވެ. ހަމައެހެންމެ މި އަހަރުގެ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ 3 ވަނަ ފަހަރަށް ކްލަބް ވޯލްޑްކަޕް ކާމިޔާބު ކުރެވި، ވާދަވެރި ބާސެލޯނާއާ ކްލަބް ވޯލްޑްކަޕް ކާމިޔާބީގައި އެއްވަރު ކުރެވޭނެއެވެ. (ރެއަލް މެޑްރިޑްގެ ތަށީގެ އަދަދު ހިމަނާފައި އެވަނީ އިންޓަކޮންޓިނެޓަލް ކަޕްގެ ނަމުގައި މުބާރާތް ކުރިއަށް ދިޔައިރުގެ ކާމިޔާބީތައް ނުހިމަނައެވެ.)
ރެއަލް މެޑްރިޑް މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ އުނދަގޫ މޮޅަކަށް ފަހުގައެވެ. ޔޫއޭއީގެ ޗެމްޕިއަން އަލް ޖަޒީރާއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ރެއަލްއަށް ކާމިޔާބުވީ އަލް ޖަޒީރާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހު ހާފުގައި ރޮނާލްޑޯ އާއި ބޭލް ކާމިޔާބު ކޮށްދިން ދެ ލަނޑުންނެވެ.
ފާއިތު ސީޒަންގައި އޮތްފަދަ ރަނގަޅު ފޯމެއްގައި ރެއަލް މެޑްރިޑް ނެތް ނަމަވެސް އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ގިނަ ދުވަސްތަކަކަށް ފަހު އަނިޔާއިން ސަލާމަތްވެ އެނބުރި އަހިސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގެރެތު ބޭލް ސެމީ ފައިނަލް މެޗުގައި ލަނޑު ޖަހާފައިވުމެވެ. އަނެއްކޮޅުން މި ސީޒަންގެ މިހާތަނަށްވެސް އަނިޔާގެ މައްސަލަތައް ބޮޑު ރެއަލް މެޑްރިޑްގައި މި ވަގުތު އަނިޔާގައި ހުރި ކުޅުންތެރިއެއް އަދި ސަސްޕެންޝަނުގައި ހުރި ކުޅުންތެރިއަކުވެސް ނެތެވެ.
މިރޭގެ މެޗުގައި ރެއަލް މެޑްރިޑުން ފުރަތަމަ ކުޅެން ނުކުންނާނެކަމަށް ބެލެވޭ އެގާރަ ކުޅުންތެރިން: ގޯލު ބަލަހައްޓާނީ ރެއަލްގެ އެއް ނަންބަރު ކީޕަރ ކޭލަރ ނާވަސްއެވެ. އަނިޔާގެ މައްސަލައެއް ނެތުމާއެކު މިރޭގައި ޑިފެންސް ލައިނުން ފެންނާނެކަމަށް ބެލެވެނީ ޒިދާން އާންމުކޮށް ނެރޭ ކުޅުންތެރިންނެވެ. އެއީ ސެންޓަރ ބެކުންގެ ގޮތުގައި ރާމޯސް އާއި ވެރޭން އަދި ދެ ފުލްބެކުންގެ ގޮތުގައި މާސެލޯ އާއި ކަވަހާލްއެވެ. ސެމީ މެޗާ ޚިލާފަށް މެދުތެރެއަށް ކުޅުވާނެ ކަމަށް ބެލެވެނީ މޮޑްރިޗް އާއި ކްރޫސް އެވެ. ދެން ދެ އަރިމަތިން ވަޒްކުއޭޒް އާއި އެސެންސިއޯއެވެ. ބެންޒެމާ ރަނގަޅު ފޯމެއްގައި ނެތުމާއެކު މިރޭގެ މެޗު ފަށާއިރު ބޭލް އާއި މުބާރާތުގެ އޯލްޓައިމް ލީޑިން ސްކޯރަރ ރޮނާލްޑޯ އެންމެ ކުރިއަށް ކުޅުވުމަކީ ވަރަށް ގާތްކަމެކެވެ.
ގްރެމިއޯ އިން މިރޭގެ ފައިނަލަށް ނުކުންނައިރު އެ ޓީމުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ މި މުބާރާތުގައި ޔޫރަޕްގެ ޓީމުތަކުން ބާރުގަދަ ކުރަމުން އަންނަ އައުން ނިމުމަކަށް ގެނައުމެވެ. މީގެ ފަސް އަހަރު ކުރިން ޖަޕާނުގައި ބޭއްވި މުބާރާތުގައި ކޮރިންތިއަން އިން މުބާރާތް ކާމިޔާބު ކުރިފަހުން ޔޫރަޕްގެ ޓީމަކަށް ނޫނީ މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެ ރެކޯޑް ނިމުމަކަށް ގެނައުމަށް އަމާޒު ހިފާފައިވާއިރު، މީގެ ކުރިން އިންޓަކޮންޓިނެންޓަލް ކަޕްގެ ނަމުގައި މުބާރާތް ކުރިއަށް ދިޔައިރު، ގްރެމިއޯ އިން ދެ ފައިނަލެއްގައި ވާދަކޮށް އެއް ފަހަރު ތަށި އުފުލާލާފައިވެއެވެ.
ދެކުނު އެމެރިކާގެ ޗެމްޕިއަން ގްރެމިއޯ އިން ފައިނަލަށް ދަތުރު ކުރީވެސް އުނދަގޫ މޮޅަކާއެކުގައެވެ. ސެމީ ފައިނަލްގައި ޕަޗޫޗާއާ ދެކޮޅަށް ކުޅުނު މެޗުން ގްރެމިއޯ މޮޅުވީ 90 މިނިޓް ހަމަވިއިރު ލަނޑެއް ނުޖެހި އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި އެވަޓަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ގްރެމިއޯ އިން ފައިނަލަށް ނުކުންނައިރު ރެއަލް މެޑްރިޑުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކުޅުންތެރިންނަކީ އެވަޓަން، ލޫކަސް ބަރިއޮސް އަދި ލުއާން އެވެ. މި ކުޅުންތެރިންގެ ފަރާތުން ހުނަރުވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެވަޓަން ވަނީ ސެމީ ފައިނަލް މެޗުގައި ގްރެމިއޯ މޮޅުވި ލަނޑު ޖަހައިދީފައެވެ. ގްރެމިއޯ މި މުބާރާތާ ކުރިމަތިލިއިރު އެ ޓީމުގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އާތާ އަނިޔާގައި ހުރުމުގެ ސަބަބުން ސްކޮޑްގައި ނުހިމަނައެވެ.
ގްރެމިއޯ އިން ފައިނަލް މެޗުގެ ފުރަތަމަ 11 އަށް ކުޅެން ނެރޭނެކަމަށް ބެލެވޭ ކުޅުންތެރިން: ގޯލު ބަލަހައްޓާނީ އެ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރ ގްރޯހޭއެވެ. ރެއަލްގެ ނުރައްކާތެރި ފޯވާޑުން ހުއްޓުވުމުގެ ޒިންމާ އަދާކުރަން ނުކުންނާނެ ކަމަށް ބެލެވެނީ އެޑިލްސަން، ގެރޮމެލް، ކަނެމަން އަދި ބްރޫނޯ އެވެ. ޖެއިލްސަން އާއި މައިކް ޑިފެންޑިން މިޑްފީލްޑަރުންގެ ރޯލް ބަލަހައްޓާނެއިރު، ފޯވާޑުންނަށް އެހީތެރިވެދިނުމުގައި މެދުތެރެއިން ހަރަކާތްތެރި ވާނެކަމަށް ބެލެވެނީ ފެނާންޑީނޯ، ރެމިރޯ އަދި ލުއާން އެވެ. ގްރެމިއޯއިން ކުޅޭނެ ކަމަށް ބެލެވެނީ އެންމެ ފޯވާޑެއް ލައިގެންނެވެ. އެއީ ބެރިއޯސް އެވެ. މިރޭގެ ލައިންއަޕުން ސެމީ ފައިނަލް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ލަނޑު ޖެހި އެވަޓަން ފެނުންވެސް ގާތެވެ.
ރެއަލް މެޑްރިޑާއި ގްރެމިއޯ ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ނުކުންނައިރު މިއީ ސްޕެއިންގެ ކްލަބަކާއި ބްރެޒިލްގެ ކްލަބެއް މި މުބާރާތުގައި ވާދަކުރާނެ ތިން ވަނަ ފަހަރެވެ. މިރޭގެ މެޗު ފެށޭނީ ރާއްޖެ ގަޑިން 22:00 ގައެވެ. އަބޫދާބީގެ ޒަޔެދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ދިވެހިރާއްޖެއަށް ނިއޯ ސްޕޯޓްސް މެދުވެރިކޮށް ފެންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް