ޓޮޓެންހަމްއަށް މެންޗެސްޓާ ސިޓީ ހުއްޓުވޭނެތަ؟

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ، ލީގު ތާވަލުގެ އެއް ވަނައިގައި ބޮޑު ލީޑަކާއެކު އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ވަރުގަދަ ޓޮޓެންހަމް ފޯރިގަދަވާނެ މެޗަކަށް ނުކުންނާނެއެވެ. މި މެޗާ ކުރިމަތިލާއިރު، ރަނގަޅ...

16 Dec 2017 | 10:30

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ، ލީގު ތާވަލުގެ އެއް ވަނައިގައި ބޮޑު ލީޑަކާއެކު އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ވަރުގަދަ ޓޮޓެންހަމް ފޯރިގަދަވާނެ މެޗަކަށް ނުކުންނާނެއެވެ.

މި މެޗާ ކުރިމަތިލާއިރު، ރަނގަޅު ފޯވާޑު ލައިނެއް އޮތް ނަމަވެސް ޓޮޓެންހަމް އެންމެ ބޮޑަށް ސަމާލުވާން ޖެހޭނީ ޑިފެންސް ރަނގަޅު ކުރުމަށެވެ. 11 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު ތާވަލުގެ ކުރީގައި އުދުހެމުންދާ ސިޓީން ލީގުގައި ޖެހިޖެހިގެން 15 މޮޅު ހޯދާ ބޮޑު ރެކޯޑެއް ހެދިއިރު، އެ ޓީމުން މި ސީޒަންގައި ވަނީ ކޮންމެ މެޗަކަށް އެވްރެޖްކޮށް 3 ލަނޑު ޖަހާފައެވެ. އެހެންކަމުން މިރޭގެ މެޗުގައިވެސް ޓޮޓެންހަމްގެ ގޯލަށް ސިޓީން ވަރަށް ބޮޑަށް ނުރައްކާ ކުރާނެ ކަމަށް ބެލެވެއެވެ.

ސިޓީން މޮޅުވުމާއި ލަނޑު ޖެހުމުގެ ރެކޯޑް ސީޒަންއެއްގައި އުޅޭއިރު، ޕްރިމިއާ ލީގުގެ މި ސީޒަންގައި ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ވަނީ މިހާތަނަށް 12 މެޗު ކުޅުނުއިރު 10 ލަނޑު ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ ސިޓީގައި ދެން ހުރި ބްރެޒިލްގެ ޒުވާން އުންމީދީ ފޯވާޑް ގެބްރިއަލް ޖީސަސްވެސް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ 15 މެޗުން 8 ލަނޑު ކާމިޔާބު ކޮށްފައެވެ. މިރޭގެ މެޗުގައި ސިޓީގެ ފޯވާޑް ލައިންގައި މި ދެ ކުޅުންތެރިން އެކުގައި ބޭނުން ކުރުމަކީވެސް އެކަށީގެންވާކަމެކެވެ. ސިޓީގެ އެޓޭކިންގް ގޭމުގައި ނުރައްކާތެރީ ހަމައެކަނި ދެ ފޯވާޑުންނެއްވެސް ނޫނެވެ. ރަހީމް ސްޓާލިން އާއި ޑޭވިޑް ސިލްވަރގެ ފަރާތުންވެސް ގިނަ ލަނޑުތަކަކާއެކު އަންނަނީ ނުރައްކާތެރި ކުޅުމެއް ފެންނަމުންނެވެ.

އަނެއްކޮޅުން ކުރިން ބާސެލޯނާގައި ކޯޗެއްގެ ޒިންމާ އަދާކުރި ކާމިޔާބު ކޯޗު ގާޑިއޯލާގެ ބެލުމުގެ ދަށުން ސިޓީން މި ސީޒަނުގައި ކުޅެމުން ދަނީ ގިނައިރު ބޯޅަ ހިފަހައްޓާ، ޕާސް ޖަހައިގެން އިދިކޮޅު ޓީމަށް ކުޅެން ފުރުސަތު ހަނިކޮށްގެން ކުޅޭ އެޓޭކިންގ ގޭމެކެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ޓީމުތަކަށް ސިޓީއާ ދެކޮޅަށް މަޖުބޫރު ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެއް ކުޅުމާއެކު ކައުންޓަރ އެޓޭކަށް ވިސްނާށެވެ. އެހެންކަމުން 12 ލަނޑާއެކު ލަނޑު ލިސްޓްގެ 2 ވަނައިގައި ޓޮޓެންހަމްގެ ހުނަރުވެރި ފޯވާޑް ހެރީ ކޭން އުޅުނު ނަމަވެސް އޭނާއަށް މިރޭގެ މެޗުގައި ލިބޭ ފުރުސަތުތައް ހަނިވެފައި މަދުވާނެކަމަށް ބެލެވެއެވެ.

އެހެންކަމުން، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ދެ ބާރެއްގެ ކުރިމަތިލުން މިރޭގައި ފެނިގެން ދާނެއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ ޓޮޓެންހަމްއަށް ސިޓީ ހުއްޓުވިދާނެތޯއެވެ؟ ނޫނީ ސިޓީގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސް ލީގުގައި ފުރަތަމަ ބައްޔާ ކުރިމަތި ކުރުވިދާނެތޯއެވެ؟ ކިޔުންތެރިންގެ ޚިޔާލަށް މި ސުވާލުތައް ދޫކޮށްލަމެވެ.

މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ކުޅޭ މެޗު ފެށޭނީ މިރޭ ރާއްޖެ ގަޑިން 22:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް