ސޮސެޖު އެކަންޏެއް ނޫން، ހޭމް އަދި ބޭކަންވެސް ހިމެނެނީ ކެންސަރަށް އެންމެ މަގުފަހި ކުރުވާ ލިސްޓްގައި

ސިނގިރޭޓަށްފަހު ކެންސަރަށް އެންމެ މަގުފަހި ކުރުވާ އެއްޗަކީ ސޮސެޖު ކަމުގައި، އައި.ޖީ.އެމް.އެޗް ގެ ކޮންސަލްޓޭންޓް އިން އޮތޮޕިޑިކް ސާޖަރީ، ޑރ.ޔޫސުފް ޝާން ވިދާޅުވުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް މިކަން ...

16 Dec 2017 | 04:44

ސިނގިރޭޓަށްފަހު ކެންސަރަށް އެންމެ މަގުފަހި ކުރުވާ އެއްޗަކީ ސޮސެޖު ކަމުގައި، އައި.ޖީ.އެމް.އެޗް ގެ ކޮންސަލްޓޭންޓް އިން އޮތޮޕިޑިކް ސާޖަރީ، ޑރ.ޔޫސުފް ޝާން ވިދާޅުވުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައި އެވެ.

ޑރ. ޝާން މިހެން ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބުދަ ދުވަހުގެރޭ ގެނެސްދިން ‘އޮނަތިރީސްމިނެޓް’ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.  ޑރ. ޝާން ވިދާޅުވިގޮތުގައި ސިނގިރޭޓަކީ ކެންސަރު ޖެހުމަށް އެންމެބޮޑަށް މަގުފަހި ކުރާ އެތިކަމަށާއި ސިނގިރޭޓު ނަގާފައި ދެން އެންމެބޮޑަށް ކެންސަރަށް މަގުފަހިކުރާ އެއްޗަކީ ސޮސެޖުކަމަށެވެ.

ދުވަސް އިން ޑރ. ޝާންގެ މި ވާހަކަ ގެނެސްދީފައިވާއިރު ސޮސެޖުގެ ސަބަބުން ކެންސަރަށް މަގުފަހިވާ ސަބަބު ބަޔާން ކޮށްދީފައި ނުވާތީ ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދާފައި ވެ އެވެ.

ހަމަ އެކަނި ސޮސެޖެއް ނޫނެވެ. ކެންސަރަށް މަގުފަހިވާ ތަކެތީގެ ތެރޭގައި ސޮސެޖު އެކަންޏެއް ނޫނެވެ. ބޭކަން އަދި ހޭމްވެސް ހިމަނާފައިވަނީ ސިނގިރޭޓާއި އެއް ދަރަޖައެއްގައި އެވެ. މިތަކެތި އެ ދަރަޖައިގާ ހިމަނާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނެވެ. އެ ކެޓަގަރީގައި މިހާރު ހިމެނޭ ތަކެއްޗަކީ "އެސްބެސްޓޯސް"، ބަނގުރާ، އާސެނިކް އަދި ދުންފަތެވެ.

ސޮސެޖާއި ހެމް އަދި ބޭކަން، ދުންފަތާއި އެއް ދަރަޖައެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހިމަނާފައިވަނީ މީގެ ދެ އަހަރު ކުރިން، 2015 ގައި އެވެ. އެތަކެތި މި ކެޓަގަރީގައި ހިމަނާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެޖެންސީ ފޮރ ރިސާރޗް އޮން ކެންސަރ(އައިއޭއާރުސީ) އިން ދިރާސާތަކެއް ކުރުމަށްފަހުގައި އެވެ.

އެ އެޖެންސީން ބުނެފައިވާގޮތުގައި ބަންދުކޮށްފައި ހުންނަ އެފަދަ މަހުގެ ބާވަތްތަކުގެ އެންމެ 50 ގުރާމު ދުވާލަކު ކެއި ނަމަވެސް ކެންސަރު ޖެހުމުގެ ފުރުސަތު 18 އިންސައްތައަށް މަތިކޮށްދެ އެވެ.

އެ އެޖެންސީން  މިކަން މިގޮތަށް ނިންމި ނަމަވެސް ސޮސެޖާއި ހެމް އަދި ބޭކަން އުފެއްދުމުގެ އިންޑަސްޓްރީއަކީ ވަރުގަދަ އިންޑަސްޓްރީތަކެއް ކަމުގައިވާއިރު މި މައުލޫމާތު އާންމުންނާއި ހަމައަށް ފެތުރުނަ ނުދިނުމަށް އެ ސިނާއަތް ލީޑުކުރާ ބޮޑެތި ވިޔަފާރިތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް