ހަނު ހުރުން ހަނިކޮށް، އިސްލާހު ގެނައި ގާނޫނު، ރައީސް ތަސްދީގު ކުރައްވައިފި

މަރުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވޭ މީހުންނަށް ހަނު ނުހުރެވޭ ގޮތަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން...

16 Dec 2014 | 12:19

މަރުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވޭ މީހުންނަށް ހަނު ނުހުރެވޭ ގޮތަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި އިސްލާހު ތަސްދީގުކޮށް ގެޒެޓް ކޮށްފައިވާއިރު އެ ބިލްގައިވާ ގޮތުން ތޫނުއެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލައިފި މީހެއްގެ އަދަބަކީ މެރުމެވެ. އަދި މަރުވި މީހާގެ ވާރިސުން ގާތިލަށް މައާފްދީފިނަމަ އެމީހެއްގެ އަދަބަކީ އުމުރަށް ޖަލަށް ލުން ކަމަށް އެ ބިލްގައި ވެއެވެ.

ތޫނުއެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމަށް އެހީތެރިވެދިން މީހާގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށްވެސް އެ ބިލްގައި ވެއެވެ.

އަދި ބިލްގައިބާ ގޮތުން ތޫނު ހަތިޔާރުން ދޭ ހަމަލާއަކުން މީހަކު މަރުވެއްޖެނަމަ އެމީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. އެއީ އެމީހެއްގެ ގަސްދު އޮތްކަން ސާބިތު ނުކުރެވޭ ހާލަތުގައި އެކަންޏެވެ.

އެ ބިލްގައި ވާގޮތުން މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނުއެއްޗަކުން ނުވަތަ ހަތިޔާރަކުން މީހަކަށް ހަމަލާދީފި މީހެއްގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި އެފަދަ ކުށެއް ކުރުމަށް އެހީތެރިވެދިން މީހެއްގެ އަދަބަކީ 10 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އަދި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނުއެއްޗަކުން ނުވަތަ ނުރާއްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގައިފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށާއި އެފަދަ ކުށެއް ކުރުމަށް އެހީތެރިވެދިން މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ބިލްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް