ކ.ގުރައިދޫން އިއްޔެ ފޯނުކޮށްލި ރައްޓެއްސަކު ބުނީ ގެއްލިގެން ހޯދަމުން އަންނަ މިޝްފާގުގެ ފައިވާނާއި ޓީޝާޓް ކަމަށް ބެލެވޭ ފައިވާނަކާއި ޓީޝާޓެއް މިޝްފާގް ގެއްލުނު ދުވަސް ނޫން އަނެއް ދުވަހު މޫދު އަޑިން ފެނުނު ވާހަކައެވެ. އެއްވެސް ނޫހެއްގައި އެވާހަކަ ނެތީ ކީއްވެތޯ ރަހްމަތްތެރިޔާ ސުވާލު ކުރިއެވެ. މިކަމާ ނޫސްވެރިންވެސް އަދި ކަމާ ބެހޭ ފަރާތްތަކުން އަޅާ ނުލަނީތޯ ކަންބޮޑު ނުވަނީތޯ ސުވާލު ކުރިއެވެ. ގެއްލޭ މީހުންނާމެދު ވިސްނައިނުލަނީތޯ ތަކުރާރުކޮށް ސުވާލު ކުރިއެވެ.
ނޫނެކެވެ. އަހަރުމެން ކަންބޮޑުވެއެވެ. ސުވާލުމާޗު ބާއްވައިފީމުއެވެ. މަޖިލީހުން ޕީއައިސީން މިނިސްޓަރުންގެ ގޭގެއިން ރައީސުންގެ ޓްވީޓްތަކުން އަރައިގެން ގޮސް ރާއްޖެއިން ބޭރުގެ މީޑިއާގައިވެސް ބޮޑު ކަންބޮޑުވުމަކަށް ވެއްޖެއެވެ. ސިޔާސީ ފަރާތްތަކުންވެސް ސަރުކާރާއި ދިވެހި ފުލުހުންގެ އިހުމާލު ކަމަށްބުނެ ތަފާތު އެތަކެއް ވާހަކައެއް އެކި ޕޯޑިއަމްތަކުގައި ދައްކައިފި އެވެ. އަދިވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ސުވާލު މާޗު އޮތީ ކުރިއަށެވެ. ކަންބޮޑުވާ އެތައް ބަޔަކު އެބަތިއްބެވެ. މި މައްސަލައިގާ ދުވާލަކު ދެއިރަށް ސަރުކާރާ ފުލުހުންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ އެތައް ބަޔަކު އެބަ ތިއްބެވެ. މިއީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ވާހަކައެވެ. ގެއްލިގެން ހޯދަމުން އަންނަތާ 130 ދުވަސް ވީއެވެ. ރިލްވާން ނުފެންނާތީ އެންމެންވެސް ކަންބޮޑުވެ އެވެ.
އެހެން ނަމަވެސް ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވީނުވީއެއް ނޭންގި ގެއްލިގެން އުޅޭތާ 4 ދުވަސް ވީއެވެ. ކަންބޮޑުވާ ފަރާތެއް ނެތްކަހަލައެވެ. ފައިންޑް މިޝްފާގް ނަމުގައި ހޭޝްޓެގްގަނޑެއް ހަދާލާނެ ފަރާތެއްވެސް ނުވިއެވެ. މީޑިއާތަކަށްވެސް މި އަރަނީ ފުލުހުން މިކަމާބެހޭގޮތުން މައުލޫމާތެއް ހާމަކުރުމުން އެ މައުލޫމާތެކެވެ. ވީގޮތެއް ހޯދާކަށް މިފަހަރު ނޫސްވެރިންވެސް މަސައްކަތް ކުރާތަނެއް ނުފެނުނެވެ. އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަކުވެސް މަޖިލިސް މެމްބަރަކުވެސް އާންމު މެމްބަރަކުވެސް މިވާހަކައެއް ނުދައްކައެވެ. ގެއްލުނީ ކަމެއް، ފިލީ ކަމެއް، މަރުވީ ކަމެއް މަރާލީ ކަމެއް އެނގެނީކީ ނޫނެވެ. ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވާ ބަޔަކު ނެތް ކަހަލައެވެ.
ކީއްވެ ހެއްޔެވެ؟ އެއީ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވީމާ ހެއްޔެވެ؟ މިޝްފާގަކީ މަޝްހޫރު މީހަކަށް ނުވާތީ ހެއްޔެވެ؟ ނޫނީ މިޝްފާގުގެ އާއިލާއަކީ މާ ދަށް ބަޔަކަށް ވީމާ ހެއްޔެވެ؟
ދިވެހި ފުލުހުންނާއި އެމްއެންޑީއެފާއި ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެރަށު ކައުންސިލް ގުޅިގެން މިޝްފާގް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެފަރާތްތަކުން އަންނަނީ ގުރައިދުއާއި އެ ސަރަހައްދުގެ މޫދުގައިވެސް އަތްފުނާ އަޅަމުންނެވެ. ހޯދޭތޯ ކުރެވެން އޮތް މަސައްކަތެއް ކުރަމުންނެވެ. ފުލުހުންނާއި ސިފައިން އަދާކުރަމުން އެދަނީ އެމީހުންގެ ވާޖިބެވެ. ވަޒީފާއެވެ. އުފުލަމުން އެދަނީ އެ ފަރާތްތަކުގެ މަޝްއޫލިއްޔަތާއި ޒިންމާއެވެ.
މިކަމުގައި އެ ފަރާތްތަކުގެ މަޝްއޫލިއްޔަތާއި ވާޖިބު ވާފަދައިން ކަމާ ބެހޭ ފަރާތްތަކުގެވެސް މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް ވާނެ ނޫންހެއްޔެވެ؟ އެ ފަރާތްތަކުން މިކަމުގައި ޖަވާބުދާރީ ވާން ޖެހޭނެ ނޫންހެއްޔެވެ؟ ކަންބޮޑުވުން ފާޅުކުރަން ޖެހޭނެ ނޫންހެއްޔެވެ؟ ގެއްލިގެން އުޅޭ ފަރާތުގެ އާއިލާއާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކަށް މިކަމާ ބެހޭ މައުލޫމާތު ހިއްސާކޮށް އާންމުންނަށް ވާނުވާ އަންގަންވާނެ ނޫންހެއްޔެވެ؟
އެހެން ނަމަވެސް ފެންނަމުން މިދަނީ އެހެން މަންޒަރެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބުނަނީ އެތަނަކީ ޖެންޑާގެ ޑިޕާޓްމެންޓެއް ކަމުން އެ މަރުކަޒުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. ޖެންޑާ މިނިސްޓްރިގެ ބޭފުޅުން ފޯނަށް ޖަވާބު ދެއްވަނީކީ ނޫނެވެ.
އެންމެ ކުޑަމިނުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެމްބެސެޑަރުކަން ދާދިފަހުން ދެއްވި ބޭފުޅުންނަށްވެސް މިކަމާ ބެހޭ މާ ބޮޑު މައުލޫމާތެއް އެނގެނީކީ ނޫނެވެ. އެއް އެމްބެސެޑަރަކު ބުނީ އާއިލާއިން ގުޅާފައި މިކަމާމެދު ސުވާލެއް ކޮށްފިނަމަ ހުންނަން ޖެހޭނީ "ހަނު" ކަމަށެވެ.
ކޮންމެއަކަސް މީ ކަންވެގެންވާނެ ގޮތެއް ނޫނެވެ. މިކަމުގައި ކަންބޮޑުވާ ބަޔަކުވެސް ތިބެންވާނެއެވެ. ކަންބޮޑުވުން ފާޅު ކުރަންވެސް ވާނެ އެވެ. ޓްވިޓާގައި ހޭޝްޓެގައި ފޭސްބުކްގައި ޕޭޖްވެސް ހަދަންވާނެއެވެ. ސުވާލު ރަށްދުވާ ފަރާތްތަކުން ކޮންމެވެސް ޖަވާބެއް ދެއްވަންވާނެ އެވެ. އަހުމަދު ރިވްލާން(މޮޔަމީހާ)އަށް ވީ ގޮތް އެނގެން ޖެހޭ ބީދައިން ސ.ހިތަދޫ / ވެސްޓްބީޗް، އަޙްމަދު މިޝްފާޤު (ހާއްސަ އެހީއަށް ބޭނުންވާ މީހާ)އަށްވެސް ވީގޮތް ވެސް އެނގެން ޖެއެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް