ބަޔަކު މަސައްކަތް އެ ކުރަނީ ރައީސް އޮފީހުގެ ތަރުޖަމާނުގެ އަގު ވައްޓާލަން ކަމަށާއި އެކަމަކީ ބަޔަކު ޒާތީގޮތުން ޖައްސާލައިގެން ކުރަމުން އަންނަ ކަމެއް ކަމަށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
"ތަރުޖަމާނު ނަމުގައި ޓްވީޓް ކުރަނީ ކާކު" މި ސުރުހީގެ ދަށުން ރައީސް އޮފީހުގެ ތަރުޖަމާނުގެ ގާބިލިއްޔަތު ކަމާމެދު ސުވާލު އުފައްދާ އޮންލައިން ނޫހެއްގައި މިރޭ ރިޕޯޓެއް ލިޔެފައިވާއިރު ނަން ހާމަނުކުރުމަށް ސަރުތުކޮށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަމަކީ ރައީސް އޮފީހުގައި މަސައްކަތް ކުރުމަށްފަހު ވަޒީފާއަށް ފަރުވާ ކުޑަކުރުމުން ވަޒީފާއިން ކަނޑާލާފައިވާ އަދި މިހާރު ނޫހެއްގެ އިސް މަގާމެއްގައި ހުރި މީހަކު އަމިއްލަ ޒާތީ ބޭނުމެއްގައި ލިޔެފައިވާ ރިޕޯޓެއް ކަމަށެވެ.
ރައީސް އޮފީހުގެ އޮފިޝަލް ވަނީ މިބުނާ ނޫހެއްގައި ޖަހާފައިވާ ރިޕޯޓަށްވެސް ރައްދު ދެއްވާފައެވެ. އެ އޮފިޝަލް ވިދާޅުވީ އެ ރިޕޯޓްގައި ތަރުޖަމާނުގެ ޓްވީޓްތައް އެޑިޓްކޮށްގެންވެސް ބޭނުންކޮށްފައިވާކަމަށެވެ. އަދި އެފަދައިން ބައެއް ޓްވީޓްތައް އެޑިޓްކޮށްގެން ތަރުޖަމާނުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓަކަށް މިރޭ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ ޓްވީޓްގައި ތަރުޖަމާނު ޓްވީޓް ކުރައްވާފައިވަނީ "China is one the most 'Powerhouses' of the world" – President” " އެވެ. ހައްދުންމަތީ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވަނީ One of the power houses of the world އެވެ އެއަށްފަހު ވިދާޅުވަނީ the major power houses of the world އެވެ. ތަރުޖަމާނު ކުރެއްވި ޓްވީޓްގައި މަދުވެފައިވަނީ of މިބަސް އެކަނި ކަމަށާއި ލައިވް ކޮށް ޓްވީޓް ކުރާއިރު މިފަދަ ކުޑަ ކުށެއް ކުރެވުމަކީ ކުރެވިދާނެކަމެއް ކަމަށްވެސް ރައީސް އޮފީޙުން ދުވަހަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް