ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޕޯޓާއި އިޤުތިޞާދީ މަރުކަޒެއް ޤާއިމުކުރުމުގެ މައި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެސްޓީއޯ އަދި އަބޫދާބީގެ ސާހް ގުރޫޕާ ދެމެދު މިރޭ ސޮއިކޮށްފިއެވެ.
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ނަމުގައި ހިންގާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ސޮއިކުރެއްވިއިރު، ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަޙުމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން މި މަޝްރޫޢުގެ ތެރެއިން ޓްރާންސްޝިޕްމަންޓް ޚިދުމަތް ލިބޭ ބައިނަލްއަޤުވާމީ ކޮމާޝަލް ބަނދަރެއް ބިނާކުރާނެއެވެ. އެއާ އެކު ލޮޖިސްޓިކްސް އާއި މެރިޓައިމް ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، ފަތުރުވެރިކަމާއި އެ ނޫން ވެސް ޚިދުމަތްތައް ހިމެނޭ ގޮތަށް އެ ސަރަޙައްދު ތަރައްޤީކުރުމަށް ރޭވިފައިވެއެވެ. ސާހް ގުރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.



"މީގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެ، ވަރުގަދަ ވެގެންދާނެ އެވެ،" އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އަދި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާ މަޝްރޫޢެކެވެ. ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މައި މަގެއް ކަމުގައިވާ 8 ޑިގްރީ ޗެނަލް ކައިރީގައި އިހަވަންދިއްޕޮޅު އޮތުމުން، "ވިޝަން 2040" ގެ ދަށުން ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް މި މަޝްރޫޢު މުހިންމު ބިންގަލެއް ކަމުގައި އެ މިނިސްޓްރީން ސިފަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް