އީސީ މެމްބަރުން ބަޖެޓު ކޮމިޓީގައި -- ފޮޓޯ: މަޖިލީސް
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅި ފައިސާއިން އޮފީސް ހިންގުން ފިޔަވައި އެހެން ކަމެއް ނުކުރެވޭނެ ކަމަށާއި 2028 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ހުށަހެޅި ބައިތައް ބަޖެޓުން އުނިކޮށްފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ޝަކީލް ވިދާޅުވި ގޮތުގައި އީސީއަށް ކަނޑައެޅި 67 މިލިއަން ރުފިޔާގެ ތެރެއިން 35 މިލިއަން ރުފިޔާ ޚަރަދުވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ގޮތުގައެވެ. ބާކީ 29.7 މިލިއަން ރުފިޔާ ޚާއްޞަކުރެވިފައި އޮތީ އިދާރީ ކަންކަމަށް ކަމަށާއި، އޭގެ ތެރެއިން 27 މިލިއަން ރުފިޔާ ހިނގަނީ މުސާރައަށް ކަމަށެވެ. ކަރަންޓާއި ފެނަށް 6.2 މިލިއަން، އައިޓީ ސެކިއުރިޓީއަށް ހަ މިލިއަން، އެހެނިހެން އިދާރީ ޚަރަދުތަކަށް ހަ މިލިއަން، އަދި ބައި އިލެކްޝަންތަކަށް 1.8 މިލިއަން ރުފިޔާ ހިމެނެއެވެ. ރިޔާސީ އިންތިޚާބާ ގުޅޭ ތައްޔާރީތަކަށް ހުށަހެޅި ބައިތައް ބަޖެޓުން ކަނޑާލާފައިވާ ކަމަށާއި، ހިނގާ އަހަރުގެ ބަޖެޓުން ވެސް އެންގުމަކާ ނުލައި ފައިސާ އުނިކޮށްފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ނުކުރެވޭތީ ލިބޭ ފާޑުކިޔުމާ ގުޅޭ ގޮތުން ޝަކީލް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުން ވެސް އެކަމަށް އެއްޗެއް ޚަރަދުކުރެވޭކަށް ނެތް ކަމަށެވެ.
އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، 2028 ގެ ރިޔާސީ އިންތިޚާބަށް ބޭނުންވާ ބޮޑެތި ޕްރޮކިއުމެންޓްތަކާއި ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ ބަޖެޓުން ފެށެން ނެތުމުން، ހުރިހާ ކަމެއް ޖެހޭނީ 2028 ވަނަ އަހަރު ކުރަން ކަމަށެވެ. ސެޕްޓެމްބަރުގައި ބާއްވާ އިންތިޚާބަށް ޖެނުއަރީގައި ޕްރޮކިއުމެންޓް ފެށިޔަސް ލިބޭނީ ހައެއްކަ މަސް ކަމަށާއި، އެ މުއްދަތުގައި ބޭނުންވާ ފެންވަރަށް ތައްޔާރުވުމަކީ ބޮޑެތި ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އެދުނީ 2027 ވަނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެންގެ ބޮޑެތި ޕްރޮކިއުމެންޓް ކަންކަން ކުރުމަށް ބަޖެޓް ރިލީޒް ކޮށްދެއްވާށޭ ކޮންމެވެސް ވަރަކަށް. އިނީޝިއަލީ އަޅުގަނޑުމެންނަށް ދެއްވި 40 މިލިއަންގެ ސީލިންގެ ބަޖެޓެއް ރިޔާސީ އިންތިހާބުގެ ކަންކަން ކުރުމަށް،" ޒަކަރިއްޔާ ވިދާޅުވިއެވެ.
"މިހިނގާ އަހަރުގެ ބަޖެޓުގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް އެއްވެސް އެނގުމެއް ނެތި ގާތްގަނޑަކަށް ނުވަ ލައްކައެއްހާ ރުފިޔާ ވަނީ ބަޖެޓުން އުނިކުރެވިގެން ގޮސްފައި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ މަރާމާތާއި ސާވާ ސެކިއުރިޓީއަށް ބޭނުންވާ ބަޖެޓު ވެސް އެނގުމެއް ނެތި އުނިވެގެން ގޮސްފައި،" ޒަކަރިއްޔާ ވިދާޅުވިއެވެ.
ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞޮލާޙް ރަޝީދު ވިދާޅުވި ގޮތުގައި، ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ބަޖެޓުން ދެ މިލިއަން ރުފިޔާ އުނިކުރީ މައިގަނޑު ގޮތެއްގައި މުވައްޒަފުންގެ މުސާރައިންނެވެ. ޕޭ ހާމަނައިޒޭަނުގެ އޮނިގަނޑުގެ ތެރެއަށް ކޮމިޝަން އަދި ނުވަދެ އޮތުމާ އެކު، އެ ބަދަލެއް ގެނެސްފި ނަމަ މުސާރައަށް އިތުރުވާ ޚަރަދު ބަޖެޓުގައި ހިމަނާފައެއް ނެތެވެ. ހަމައެއާ އެކު، ކޮމިޝަން މިހާރު ހިންގާ ޢިމާރާތް ހުސްކުރަން ލިޔުމުން ނޯޓިސް ދީފައިވާ ކަމަށާއި، ބަދަލު ޖާގައެއް ނުލިބޭތީ ކުއްޔަށް ދާނެ ފައިސާގެ ޢަދަދު ކަށަވަރު ނުވާ ކަމަށް ވެސް ޞޮލާޙް ވިދާޅުވިއެވެ.
މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އީސީން ވަނީ މިހާރު ކަނޑައެޅިފައިވާ ބަޖެޓަށް 40 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް