ފޮޓޯ: އެސްޓީއޯ
1448 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކޮންމެ އަހަރަކު ބާއްވާ ޚާއްޞަ ޕްރޮމޯޝަން "އެސްޓީއޯ ރަމަޒާން ބާޒާރު 2026-2027" ރޭ ރަސްމީކޮށް ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި މި ޕްރޮމޯޝަން އިފުތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމެވެ. މި ޕްރޮމޯޝަން 10 މާރިޗު 2027 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ވަކި ޕްރޮޑަކްޓުތަކަކުން %50 އާ ހަމައަށް އަގު ހެޔޮވާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ކޮންމެ ދެ ހަފުތާއަކުން، 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2,500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 5,000 ރުފިޔާއިން މައްޗަށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޚާއްޞަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ލިބޭ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ. ޕްރޮމޯޝަންގެ ބޮޑު އިނާމަކީ 100,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ޕްރޮމޯޝަން ނިމުމުން، އެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީ ޑްރޯގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އެ އިނާމު ލިބޭނެއެވެ.
މި ޕްރޮމޯޝަނާ އެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި މަޝްހޫރު ފްރެންޗައިޒެއް ކަމުގައިވާ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓެއް ވެސް ރޭ ވަނީ ޢާންމުންނަށް ހުޅުވައިލައިފައެވެ. ހުޅުމާލޭގައި މި ފްރެންޗައިޒްގެ ފިހާރައެއް ކުރިން ހުޅުވާފައި ވީ ނަމަވެސް، މާލޭގައި ހުޅުވި ފުރަތަމަ އައުޓްލެޓަކީ މިއީއެވެ. ހަމައެއާ އެކު، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރިކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށްޓަކައި ޕީޕަލްސް ޗޮއިސް ފިހާރައިގެ ޖާގަ ވެސް ވަނީ ބޮޑުކޮށް ފުޅާކޮށްފައެވެ.
އެސްޓީއޯ ރަމަޒާން ބާޒާރަކީ ރޯދަ މަހާ ގުޅިގެން ގޭބިސީތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް