ރިޔާސީ އިންތިޚާބަށް އަދާލަތުން ޕީއެންސީއާ އެކު ކޯލިޝަން ހަދައިފި

16 Nov 2026 | 21:34
ފޮޓޯ: ޕީއެންސީ

ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީން މިއަދު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމީ ޙަފުލާއެއްގައި އެ އެއްބަސްވުމުގައި އަދާލަތުގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުޙައްމަދު ޝިފާނެވެ. ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި ޙަފުލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ޝިފާން ވިދާޅުވީ މި ސަރުކާރުން އިސްލާމް ދީނުގެ ކަންކަން ހަރުދަނާކޮށް ޤައުމުގެ ސިޔާދަތާއި މިނިވަންކަން ޙިމާޔަތްކުރުމަށް ކުރާ މަސައްކަތް ބަލައިގެންފައި، އިޤުތިޞާދީ ތަރައްޤީ އިތުރަށް ވަރުގަދަކުރުމަށް އެއްބާރުލުން ދިނުމަށް ޕީއެންސީއާ ގުޅެން އަދާލަތުން ނިންމީ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ އެކު މަސައްކަތްކުރަން މި ނިންމީ އަދުލުވެރިކަމާ އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތު ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލު ބިނާކުރާނޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް،" ޝިފާން ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމާއި ތަރައްޤީ ގެނެވޭނެ ހަމައެކަނި މަގަކީ ރައީސަށް އެއްބާރުލުން ދިނުން ކަމަށް ވާތީ، ޕީއެންސީން އިތުރު ޕާޓީއެއް ގޮވައިގެން މި މަސައްކަތް އިތުރު ގިޔަރަކަށް ލީ ކަމަށެވެ. މި ޤާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރެއް ކާމިޔާބުކުރައްވާ ފުރަތަމަ ރައީސަކަށް ރައީސް މުޢިއްޒު ހެދުމަކީ ދެ ޕާޓީގެ ޢަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ކަން ކުރަން މި ޖެހެނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޓަކައި އެ ދަންމަވައިލެއްވި ފަލަ ރަތް ރޮނގު ހުރަސްކުރައްވަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި، ޑިޕްލޮމަސީގެ ރިވެރި އުސޫލުން ހާރިޖީގުޅުންތައް ގާއިމްކުރައްވައި، ދާހިލީ ހަމަޖެހުމަށް ޖާގަ ދެއްވައި ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި ހަމަޖެހުން ގާއިމްކޮށްދެއްވަމުން އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ކޯލިޝަނާ އެކު ޕީއެންސީން ރިޔާސީ އިންތިޚާބަށް ނުކުންނާނީ އަދާލަތު ޕާޓީގެ ތާއީދާ އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް