އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިއެއް 34 ކިލޯ މަރިޖުއާނާއާއެކު ނައިޖީރިއާއިން ހައްޔަރުކޮށްފި

16 Nov 2026 | 15:48
އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިއެއް 34 ކިލޯ މަރިޖުއާނާއާއެކު ނައިޖީރިއާއިން ހައްޔަރުކޮށްފި

ނައިޖީރިއާގެ ލާގޯސްގެ މައި އެއާޕޯޓުން އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިއެއް، 33.95 ކިލޯގެ މަރިޖުއާނާއާއެކު ހައްޔަރުކޮށްފި އެވެ.

ނައިޖީރިއާގެ މަސްތުވާތަކެތީގެ ޤާނޫނު ތަންފީޒުކުރާ އިދާރާ، ނެޝަނަލް ޑްރަގް ލޯ އެންފޯސްމެންޓް އެޖެންސީ (އެންޑީއެލްއީއޭ) އިން ހައްޔަރުކުރީ ޖޯޖިއާ ސްޓޭޓަށް ނިސްބަތްވާ ޢުމުރުން 28 އަހަރުގެ ގްރީން ޑަމޮންޓޭ ޚީރީ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އޭނާ ލާގޯސްއަށް ދަތުރުކުރީ ތައިލެންޑުން ޔޫއޭއީ މަގުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

Advertisement

އެންޑީއެލްއީއޭ އާދީއްތަ ދުވަހު ނެރުނު ބަޔާނުގައިވާ ގޮތުން، ހައްޔަރުކުރެވުނީ ޗެކިންގައި ހަވާލުކުރި ދެ ދަބަސް ދޫކޮށް، ހޭންޑް ބެގޭޖު އެކަނި ހިފައިގެން ފުރައިގެން ދާން އޭނާ މަސައްކަތްކުރާކަން އެއާޕޯޓް އޮފިޝަލުންނަށް ފާހަގަކުރެވުމުންނެވެ. އޭނާގެ ނަން ޖެހި އެ ދެ ދަބަހުގެ ތެރޭގައި "ލައުޑް" ގެ ނަމުން ނަންދީފައިވާ ބާރުގަދަ ބާވަތެއްގެ މަރިޖުއާނާގެ 32 ޕެކެޓު ހުރި ކަމަށާއި، ޓްރެކިން ޑިވައިސެއް ވެސް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ހައްޔަރުކުރެވުނު މީހާ ބުނެފައިވާ ކަމަށް އެ އިދާރާއިން ހާމަކުރީ، އޭނާ ތައިލެންޑުގައި ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅެމުން ދިޔަ ކަމަށާއި، ނައިޖީރިއާއަށް ދިޔައީ ކެރިއަރަށް "ނެޓްވޯކް ބިނާކުރުމަށް" ކަމަށެވެ. ނަމަވެސް، އޭނާގެ ފޯނު ބެލުމުން މަސްތުވާތަކެތީގެ ވިޔަފާރީގައި އޭނާ ބައިވެރިވާކަމާއި އެ ކަމުގެ ޢިލްމު ހުރިކަން ދޭހަވާ ހެކި ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ ތުހުމަތުތަކާ ގުޅޭ ގޮތުން އޭނާ ޢާންމުކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ބައިނަލްއަޤުވާމީ ބާސްކެޓްބޯޅަ ފެޑެރޭޝަން (ފީބާ) ގައި ޑަމޮންޓޭ ގްރީންގެ ނަމުގައި ކުޅުންތެރިއެއް ލިސްޓުކޮށްފައި އޮންނައިރު، އެންމެ ފަހުން ކުޅެފައިވަނީ ސެޕްޓެމްބަރު 26 ވަނަ ދުވަހު ތައިލެންޑުގެ ފޫކެޓް އެލީޓް ކަޕްގައެވެ.

އދ. ބުނާ ގޮތުގައި، ކުރިން ހަމައެކަނި މަސްތުވާތަކެތި ޓްރާންޒިޓްކުރާ ތަނެއްގެ ގޮތުގައި ބެލެވުނު ނައިޖީރިއާ މިހާރު ވަނީ ޣައިރު ޤާނޫނީ މަސްތުވާތަކެތި އުފައްދާ، ބޭނުންކުރާ އަދި ބެހެމުންދާ ޤައުމަކަށް ބަދަލުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެންޑީއެލްއީއޭގެ އޮޕަރޭޝަންތަކުން ބޮޑެތި މެތެމްފެޓަމީން ލެބޯޓަރީތައް އަތުލައިގެންފައިވާއިރު، ނައިޖީރިއާގެ މަސްތުވާތަކެތީގެ ވިޔަފާރިއާ މެކްސިކޯގެ ކާޓެލްތަކާ ގުޅުން އޮތް ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް