ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ނިކުތީ ކުޅިވަރު ސާމާނު އަޅާފައިވާ ދަބަހެއް ހިފައިގެން ކަމަށާއި އެ ދަބަހާ ގުޅުވައި ކުރެވޭ ރިޝްވަތުގެ ތުހުމަތުތައް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ދޮގުކުރައްވައިފިއެވެ.
މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ތަފްސީލުކޮށްދެއްވި ގޮތުގައި، ރޭ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ބެހޭ ގޮތުން ބައެއް މެންބަރުން ސާފުކުރައްވަން ބޭނުންވި ކަންތައްތަކެއް ސާފުކޮށްދެއްވުމަށް އެޓާނީ ޖެނެރަލް އަޙުމަދު އުޝާމާ އެކުގައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ވަގުތު ދިމާވީ އާރަށުގައި ފުޓްބޯޅަ ކުޅުއްވައި ނިންމަވައިލެއްވި ގަޑިއާ ކަމަށާއި، ލޯންޗުން ފައިބައިވަޑައިގެން ސީދާ މަޖިލީހުގެ އިދާރާއަށް ވެންނެވީ ކުޅޭ ސާމާނު ހުރި ދަބަސް ވެސް ހިއްޕަވައިގެން ކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވީ، މަޖިލީހުން ނިކުމެވަޑައިގެންނެވިއިރު "ޖިމް ބޭގެއް" ހިއްޕަވައިގެން ހުންނެވި ވީޑިއޯއެއް އާންމުވެ، ރަސްމާލޭ މެރީނާ މަޝްރޫޢަށް ތާއީދުކުރެއްވުމަށް ޕީއެންސީ މެންބަރުންނަށް ރިޝްވަތުގެ ފައިސާ މަޖިލީހަށް ވަދެފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙުމަދު ނަސީމް މިއަދުގެ ޖަލްސާގައި ތުހުމަތުކުރެއްވުމުންނެވެ.
"އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑީގައި އަޅުގަނޑު އާރަށުން ފުޓްބޯޅަ ކުޅެގެން އައި ގަޑިއާ ދިމާވާތީ، ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ދިޔައީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިގެންނެވެ. މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކާ ސްކޭނާ އިން ސްކޭން ވެސް ކޮށްގެންނެވެ. ބައްދަލުވުމަށް ފަހު މަޖިލިސް އިދާރާ އިން އަޅުގަނޑު ނުކުތީ އެ ދަބަސް ކޮޑުގައި އަޅުވައިގެންނެވެ،" މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ އިދާރާއަކީ ސިފައިން ސެކިއުރިޓީ ބަލަހައްޓާ، ސީސީޓީވީ ކެމެރާއާއި ދަބަސް ސްކޭނަރާއި ބޮޑީ ސްކޭނަރު ހުންނަ ތަނެއް ކަމަށާއި، ދައުލަތުގެ މިނިސްޓަރުންނަށް ވެސް އެތަނަށް ވެންނެވެނީ ކުރިން އައިޑީ ކާޑު ކޮޕީ ފޮނުއްވައިގެން ހުއްދަ ހޯއްދެވުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް