ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް -- ފޮޓޯ: މަޖިލީސް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ ދަފްތަރުގައި ހިމެނިފައިވާ 20 މީހަކު ޖަލު ބަންދުގެ ބަދަލުގައި ގޭބަންދުގައި ތިބި ސަބަބު ބެލުމަށް ކަމާ ގުޅޭ އިދާރާތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ޝާއިޢުކުރާ ދަފްތަރުގައި ހިމެނޭ 20 މީހަކު ގޭބަންދުގައި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުޑަކުދިންގެ ސަލާމަތާ ސީދާ ގުޅިފައިވާ މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން ބޮޑުކަން ފާހަގަކުރައްވައި، ތަފްސީލީ މަޢުލޫމާތު ހޯދައި ފިޔަވަޅު އެޅުމަށް މަޖިލީހުން މަސައްކަތްކުރަން ޖެހޭ ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބުނާ ގޮތުން، ބަންދުގައި ހުންނަ މީހެއްގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުވަތަ ޕެރޯލްގެ އުސޫލެއް ނުހިނގާނެއެވެ. އެ ޤާނޫނުގެ މަޤުޞަދަކީ ޙުކުމް ފުރިހަމަވަންދެން ކުށްވެރީން ޖަލުގައި ބައިތިއްބައި، ކުޑަކުދީންނަށް ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ޙުކުމުގެ މުއްދަތުގައި އެ ފަރާތްތައް ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކޮން ހަމައެއްގެ ތެރެއިންތޯ ސާފުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.
މި ކަމުގައި ޤާނޫނީ ޒިންމާ އުފުލާ ފަރާތްތައް ދެނެގަނެ، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް ވެސް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. މި މައްސަލައަކީ ކުޑަކުދީންގެ ރައްކާތެރިކަމާ ގުޅިފައިވާ ނާޒުކު ކަމެއް ކަމުން، އަވަސް އަދި ހަރުދަނާ ޙައްލެއް ހޯދައިދެއްވުމަށް ވެސް އެ ސިޓީގައި ބާރުއަޅުއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް