ފުޓްސަލަށް ޚާއްޞަ ރާއްޖޭގެ ފުރަތަމަ އިންޑޯ އެރީނާގެ ޢަމަލީ މަސައްކަތް ފަށައިފި

16 Nov 2026 | 10:58
ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގެ ފުރަތަމަ އިންޑޯ ފުޓްސަލް އެރީނާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަސައްކަތް ރަސްމީކޮށް ވައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ. މި އެރީނާ އަޅަނީ ހުޅުމާލޭ ފޭސް ތިނެއްގައި އެވެ.

Advertisement

މި މަޝްރޫޢު 700 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޙަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިން ކުންފުންޏާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ އެރީނާގައި ފީފާގެ މިންގަނޑަށް ފެތޭ ޖުމްލަ ފަސް ކޯޓު ހިމެނޭނެއެވެ. އެ ގޮތުން ގްރައުންޑް ފްލޯގައި ރަސްމީ މެޗުތައް ކުޅޭ މަލްޓި ސްޕޯޓްސް ޕިޗެއް އޮންނައިރު، ތަމްރީނުތަކަށް ޚާއްޞަ ހަތަރު ޕިޗެއް ވެސް ހިމެނޭނެއެވެ.

މައި ކޯޓުގެ ސީޓިން ކެޕޭސިޓީއަކީ 900 މީހުންނެވެ. ސަޕޯޓަރުންގެ ސްޓޭންޑާ އެކު ޓިކެޓް ކައުންޓަރުތަކާއި ކެއިންބުއިމުގެ ސްޓޭންޑްތައް ވެސް ގާއިމުކުރާނެ ކަމަށް އެ މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވެއެވެ. ދެވަނަ ފަންގިފިލާގައި ވީއައިޕީ ލައުންޖަކާއި ކޯޕަރޭޓް އަށް ބޮކްސް ވެސް ހުންނާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ރާފިޢު ވިދާޅުވީ ފުޓްސަލް އެރީނާއާ އެކު ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވާނެ ކަމަށެވެ. ފުޓްސަލަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރުކަން ފާހަގަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތައް ރާއްޖެއިން ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފީފާގެ މިންގަނޑުގައި ފުޓްސަލް ކުޅެންޖެހެނީ އިންޑޯގައި ނަމަވެސް، މިހާތަނަށް ރާއްޖޭގައި ފުޓްސަލް މުބާރާތްތައް ބާއްވަމުން އައީ ޓާފް ވިނަ އެޅި އައުޓްޑޯ ދަނޑުތަކުގައެވެ. މި އެރީނާގެ މަސައްކަތް ފެށުމާ އެކު، ހަމަ އިއްޔެ ހުޅުމާލެ އެކެއްގެ ޣާޒީ ސްކޫލް ކުރިމަތީ ބިމެއްގައި ހަދާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ވެސް މިނިސްޓަރު ފައްޓަވައިދެއްވިއެވެ. ޖިއޯ ވޭވް ކުންފުންޏާ ޙަވާލުކޮށްގެން 15 މަހުން ނިންމާ ގޮތަށް ހަދާ އެ ކޮމްޕްލެކްސްގައި ވެސް ފަސް ޕިޗާއި ކެފޭތަކާއި ޖިމެއް ހިމެނޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް