އާލިއާ ބަޓާއި މަންމަ ސޯނީ ރަޒްދާން --
ބޮލީވުޑް ތަރި އާލިއާ ބަޓު ބަނޑުގައި އޮތްކަން ނޭނގި އެއް ދުވަހު 100 ސިނގިރޭޓު ބޮވިފައި ވާނެ ކަމަށް އޭނާގެ މަންމަ ސޯނީ ރަޒްދާން ބުނެފި އެވެ.
މީޑިއާގައި ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކައެއްގައި ސޯނީ ބުނީ 1993 ގެ ފިލްމު ގުމްރާހްގެ ސިނގިރެޓް ބޯ މަންޒަރެއް ނެގިއިރު އެއް ދުވަހެއްގައި ގާތްގަނޑަކަށް 100 ސިނގިރެޓް ބޮއެފައިވާ ކަމަށެވެ. އެ ދުވަސްވަރު އާލިއާއަށް ބަލިވެ އިން ކަން ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
އޭނާ ގަބޫލު ކުރާ ގޮތުގައި އެ ދުވަހު އެ ކުރެވުނީ ވަރުގަދަ ހިތްވަރެއް ކަމަށާއި މަސައްކަތުގައި ދެމިހުރުމުގެ އެ ހިތްވަރު އާލިއާއަށް ވެސް ވާރުތަވެފައިވެއެވެ. އާލިއާ ވެސް ބަލިވެ އިނދެ ހޮލީވުޑް ފިލްމު ހާޓް އޮފް ސްޓޯންގެ ޝޫޓިންގައި ބައިވެރިވިއެވެ. ސޯނީ ވެސް ދެ ފަހަރު ބަލިވެ އިނދެ ފިލްމީ މަސައްކަތް ހުއްޓައެއް ނުލައެވެ.
ސޯނީ ކިޔައިދިން ގޮތުގައި، ފުރަތަމަ ފަހަރަށް ބަލިވެ އިނީ 1986 ވަނަ އަހަރުގެ ޓީވީ ސިލްސިލާ ބުންޔާދުގެ ޝޫޓިންތައް ކުރިއަށް ދަނިކޮށެވެ. އެ ޝޯ އުފެއްދި ސިއްޕީ އާއިލާއިން ސޯނީއަށް ވަރަށް ބޮޑަށް ފަސޭހަކޮށްދިނެވެ.
އެ ދުވަސްވަރު ސޯނީ ދިރިއުޅުނީ ލޯކަންދުވާލާގައި ކަމަށް ވެފައި، އެ ހިސާބު ތަރައްގީ ނުވާތީ ހެނދުނު ހައެއް ޖަހާއިރު ޓެކްސީ ހޯދަން ދަތިވިއެވެ. ކައިވެނީގެ ކުރީ ދުވަސްވަރު ކާރެއް ނެތުމުން، ޕްރޮޑަކްޝަން ޓީމުން ދަތުރުފަތުރު ހަމަޖައްސައިދިނެވެ. ސެޓުގެ އެންމެ ރަނގަޅު ކޮޓަރި ލިބުނު ކަމަށާއި ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށް ސޯނީ ބުންޏެވެ.
ސޯނީ ރަޒްދާން އެންމެ ފަހުން ފެނިފައިވަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރާ ޝޯ ޝާކު: ނޯ ވަން ޓު ޓްރަސްޓް އިންނެވެ. ރެންސިލް ޑިސިލްވާ ޑައިރެކްޓްކުރި މި ޝޯގައި ޕަރިނީތީ ޗޯޕްރާ އާއި ޖެނިފާ ވިންގެޓް ފަދަ ތަރިން ހިމެނެއެވެ.
ސޯނީ އާއި ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓް ކައިވެނިކުރީ 1986 ވަނަ އަހަރުގެ އެޕްރީލް 20 ގައެވެ. ދެމީހުން ބައްދަލުވީ 1984 ގެ ފިލްމު ސާރާންޝް ގެ ޝޫޓިންގެ ތެރެއިންނެވެ. ފުރަތަމަ ދަރިފުޅު ޝާހީން ބަޓް 1988 ގައި އަދި އާލިއާ ބަޓް 1993 ގައި އުފަންވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް