އާޔަތުލް ކުރުސި ލިޔެފައިވާ ބޮޑު ފަށުފުލެއް ބޭނުން ކުރިގޮތުން ކަރީނާއަށް ގާނޫނީ ނޯޓިސް ފޮނުވައިފި

12 Nov 2026 | 01:16
ކަރީނާ ކަޕޫރު --

ކަރީނާ ކަޕޫރު --

ބޮލީވުޑް ތަރި ކަރީނާ ކަޕޫރް ޚާން ދީވާލީ ފެޝަން ލުކެއްގައި އާޔަތުލް ކުރުސި ކަނޑާނެގި 30 ކެރެޓުގެ ޒަމުރުދު ފަށުފުލެއް ބޭނުންކުރި ގޮތާ މެދު އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރެއް ކަމުގައިވާ ޢައްބާސް ޙަފީޒް އޭނާއަށް ޤާނޫނީ ނޯޓިސް ފޮނުވައިފިއެވެ.

ނޮވެމްބަރު 11 ވަނަ ދުވަހު ފޮނުވި މި ނޯޓިހުގައި ކަރީނާގެ ސެލެބްރިޓީ ސްޓައިލިސްޓް ރިއާ ކަޕޫރް ވެސް ހިމަނާފައިވެއެވެ. އެ ފަށުފުލަކީ ބޯޕާލް ޝާހީ ޢާއިލާގެ ވާރުތައިން ކަރީނާއަށް ބޭނުން ކުރެވޭ ގަހަނައެއް ކަމަށް ރިއާ ސިފަކޮށްފައިވެއެވެ.

Advertisement

އައްބާސް ފޮނުވި ނޯޓިހުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ޙިއްޞާކުރި ފޮޓޯތަކުގައި ޤުރުއާނުގެ ބަސްފުޅު ހުށަހެޅި ގޮތާ މެދު އިޢުތިރާޒުކުރާ ކަމަށެވެ. އެ ފޮޓޯތަކާއި ވީޑިއޯ އަދި ޕޯސްޓުތައް ނެގުމާއި، ޢާންމުކޮށް މާފަށް އެދުމާއި، ޤުރުއާނުގެ ޙުރުމަތަށް ބުރޫ އެރިދާނެ ގޮތަކަށް ދެން ޢަމަލު ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމަށް ވެސް ނޯޓިހުގައި އެދިފައިވެއެވެ.

ކަރީނާ އިންސްޓަގްރާމުގައި ޙިއްޞާކުރި ދީވާލީ ފޮޓޯތަކުގައި ޕުނީތު ބަލާނާ ޑިޒައިންކުރި ކާފްތާނެއް ލައި، އެއާ ގުޅޭ ފަގުޑިއެއް އަޅައި، ސޫރަތުލް ބަޤަރާގެ 255 ވަނަ އާޔަތް ކަނޑާނެގި ޒަމުރުދު ފެންޑެންޓެއް ބޭނުންކޮށްފައިވެއެވެ. ސްޓައިލިސްޓް ރިއާ ކަޕޫރް އިންސްޓަގްރާމުގައި ލިޔެފައިވާ ގޮތުގައި އެ ގަހަނައަކީ ބޯޕާލުގެ ނަވާބުގެ 200 އަހަރުވީ ކަލްގީއަކާއި ބީގަމްގެ 30 ކެރެޓުގެ ޒަމުރުދެކެވެ. ރިއާ ބުނެފައިވާ ގޮތުގައި މި ގަހަނައަކީ ކަރީނާގެ ފިރިމީހާ ސައިފް ޢަލީ ޚާންގެ ޢާއިލީ ތަރިކައެކެވެ. ބޯޕާލުގެ ފަހު ވެރި ނަވާބު ޙަމީދުﷲ ޚާނުގެ ދަރިކަނބަލުން ސާޖިދާ ސުލްޠާނަކީ ސައިފްގެ ބައްޕަ ފަރާތު ކާފަ ދައިތައެވެ.

ނޯޓިހުގައި ޙަފީޒް ސާފުކޮށްފައިވާ ގޮތުގައި އޭނާގެ އިޢުތިރާޒަކީ ކަރީނާ ނުވަތަ ރިއާގެ ޢާންމު ހެދުންއެޅުމާ ނުވަތަ ޒާތީ އިޚްތިޔާރުތަކާ ބެހޭ ކަމެއް ނޫނެވެ. ނޯޓިހުގައި ބުނެފައިވެއެވެ.. ގެ އިތުރުން ނޯޓިހުގައި ބަޔާންކޮށްފައިވަނީ ޤުރުއާނުގެ އާޔަތް ގަހަނައެއް ގޮތުގައި ބޭނުންކުރުމާ މެދު އިސްލާމީ ޢިލްމުވެރީން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި، އެ ބަސްފުޅުތަކުގެ ޙުރުމަތް ރައްކައުތެރިކުރުމަށް ޢިލްމުވެރީން ބާރުއަޅުއްވައި، ބައެއް ޢިލްމުވެރީން އެ ޢަމަލާ މުޅިން ދުރުހެލިވުމަށް ލަފާ ދެއްވާ ކަމަށެވެ.

ބޯޕާލުގެ ޝާހީ ޢާއިލާގެ ތާރީޚީ ގަދަރާ ގުޅުވައި، އެ ފެންޑެންޓް ހުށަހެޅި ގޮތުގެ ސަބަބުން މުސްލިމް މުޖުތަމަޢާއި ބޯޕާލާ ގުޅުން ހުރި ފަރާތްތަކަށް ހިތާމައާއި ކަންބޮޑުވުން ލިބިފައިވާ ކަމަށް ވެސް ނޯޓިހުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް