ދިވްޔަންކާ ދިރިއުޅޭ އިމާރާތުގައި ރޯވެ، އާއިލާގެ އެންމެ ގާތް ގާޑު މަރުވެއްޖެ

11 Nov 2026 | 10:58
ދިވްޔަންކާ އާއިލާ --

ދިވްޔަންކާ އާއިލާ --

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ދިވްޔަންކާ ތުރިޕާޓީ އާއި ވިވެކް ދަހިޔާގެ އެޕާޓްމަންޓް ހުންނަ މުމްބާއީގެ އިމާރާތެއްގައި ދިވާލީގެ އެއް ދުވަސް ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ތަނުގެ ސެކިއުރިޓީ ގާޑެއް މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ އަންދޭރީ ވެސްޓްގައި ހުންނަ އެ އިމާރާތުގެ 17 ވަނަ ބުރީގެ އެޕާޓްމަންޓެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ. ދިވާލީ ފެސްޓިވަލާ ގުޅިގެން ދިއްލާފައި ހުރި ބައްތިއެއްގެ ސަބަބުން އަލިފާން ރޯވީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement

މި ހާދިސާގައި މަރުވީ އުމުރުން 56 އަހަރުގެ ދަންޕަތު މަހާތޫ ނަމަކަށް ކިޔާ ގާޑެކެވެ. ލިފްޓު ލޮބީ ތެރެއިން ހޭނެތިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އޭނާ ވަނީ މަރުވެފައެވެ.

ދިވްޔަންކާ އާއި ވިވެކް އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރޭ ބޭރަށް ނިކުންނަން ރާވާފައި އޮތް ނަމަވެސް މާ ބޮޑަށް ލަސްވެގެން ގޭގައި މަޑުކުރީ ކަމަށެވެ. އަލިފާނުގެ ޚަބަރު ލިބުމާ އެކު ދަރީންނާއި ޢާއިލާ އަދި ގޭގައި މަސައްކަތްކުރާ މީހުން ގޮވައިގެން އަވަހަށް އިމާރާތުން ނިކުމެވުނު ކަމަށް އެ ދެ ތަރިން ބުނެފައިވެއެވެ. އެ ހާދިސާގައި އެ ދެމެފިރީންގެ އެޕާޓްމަންޓަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.

ދަންޕަތުގެ މަރާ ގުޅިގެން ބޮޑު ހިތާމައެއް ލިބުނު ކަމަށް ބުނެ އެ ދެމަފިރިން ލިޔެފައިވާ ގޮތުގައި، އެ މީހުންގެ އެއްމާބަނޑު ދެ ކުދިން ހޮސްޕިޓަލުން ގެއަށް ގެންދިޔަ ދުވަހު އެންމެ ފުރަތަމަ މަރުޙަބާ ކިޔައި ހެޔޮ ދުޢާ ކޮށްދިން އެކެއްގެ ގޮތުގައި ދަންޕަތު ފާހަގަކޮށްފައިވެއެވެ. ދަންޕަތަކީ ހަމައެކަނި ސެކިއުރިޓީ ގާޑެއް ނޫން ކަމަށާއި، އެ ޢާއިލާއާ ވަރަށް ގާތް ގުޅުމެއް ބެހެއްޓި މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.

ދިވާލީ ފެސްޓިވަލާ ގުޅިގެން ބަޑިބޭސް ރޯކުރުމުގެ ސަބަބުން އިންޑިއާގެ އެކި ސަރަހައްދުތަކުގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، ބައެއް ހިސާބުތަކުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް