ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް އިންސްޓަގްރާމްގައި ޙިއްޞާކުރި ފޮޓޯއަކުން ދަރިފުޅު ވިހާން ކައުޝަލްގެ މޫނު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނަށް ދައްކާލައިފިއެވެ.
އެ ޕޯސްޓަކީ މިހާރު އިންޑިއާގައި ފާހަގަ ކުރަމުންދާ ދިވާލީގެ ތަހުނިޔާ ކިޔައި ކުރި ޕޯސްޓެކެވެ. އިއްޔެ ކެޓްރީނާ ޕޯސްޓުކުރި މި ފޮޓޯ ޢާންމުކުރީ ވިހާންގެ ފުރަތަމަ އުފަންދުވަސް ފާހަގަކުރިތާ އެއް ދުވަސް ފަހުންނެވެ.
ވިހާން އުފަންވީ ނޮވެމްބަރު 7، 2025 ގައެވެ. ފޮޓޯގައި ދެމަފިރިން ތިބީ ބިންމަތީ އިށީނދެ ދަރިފުޅު ދެމެދުގައި ބައިންދައިގެންނެވެ. ދެމީހުންގެ މެދުގައި ވިހާން ކެމެރާއާ ދިމާއަށް ބަލައި ހެވިފައި އިންއިރު، ދެމަފިރިން ދަރިފުޅާ ދިމާއަށް ލޯބިން ބަލާ މަންޒަރު ފެނެއެވެ.
އުފަންވީއްސުރެ ކެޓްރީނާ އާއި ވިކީގެ ދަރިފުޅު ޢާންމުންގެ ލޯތަކާ ދުރުގައި ގެންގުޅެމުންދާކަން ފާހަގަ ކުރެވެ އެވެ. ބައެއް ފަހަރު ދަރިފުޅާއި އެކު ނަގާފައި ހުންނަ ފޮޓޯ ހިއްސާ ކުރިޔަސް ދަރިފުޅުގެ މޫނު ނުފެންނާނެ ގޮތައް ހަދާފައި ހުރެ އެވެ.
ނޮވެމްބަރު 2025 ގައި ދަރިފުޅު ލިބުނުކަން ދެ ތަރިން އިޢުލާނުކުރީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ. ޖެނުއަރީ 2026 ގައި ދަރިފުޅުގެ ނަމަކީ ވިހާން ކަން ހާމަކުރިއެވެ. ގިނަ ސަޕޯޓަރުން ފާހަގަކުރި ގޮތުގައި، ވިހާން އެ ނަމަކީ 2019 ވަނަ އަހަރުގެ ކާމިޔާބު ފިލްމު ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް (Uri: The Surgical Strike) ގައި ވިކީ ކުޅުނު ރޯލު ކަމަށްވާ މޭޖަރ ވިހާން ސިންގް ޝެރގިލްއާ ގުޅޭ ނަމެކެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ ޑިސެމްބަރު 9، 2021 ގައި ރާޖަސްތާނުގެ ސިކްސް ސެންސެސް ފޯޓް ބަރްވާރާގައެވެ.
ފިލްމީ މައިދާނުގައި ކެޓްރީނާ އެންމެ ފަހުން ފެނުނީ 2024 ވަނަ އަހަރުގެ ތުރިލާ ފިލްމު މެރީ ކްރިސްމަސް އިންނެވެ. ވިކީ ދެން ފެންނާނީ ސަންޖޭ ލީލާ ބަންސާލީގެ ލަވް އެންޑް ވޯ އިންނެވެ. ރަންބީރު ކަޕޫރާއި އާލިއާ ބަޓް ވެސް ހިމެނޭ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 21، 2027 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް