އުމުރުން ދުވަސްވީ މީހުންނަށް އެޗްޑީސީން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން )އެޗްޑީސީން( ހިންގާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
އެޗްޑީސީން ބުނީ މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ، ވީހާ ގިނަ ބަޔަކަށް ޖާގަ ދިނުމުގެ ގޮތުން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭ ގޮތްހަމަޖައްސާފައިވާ ކަމަށެވެ. މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގައި ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ޕްރޮގްރާމަށް ނަން ނޯޓުކޮށްފައިވެއެވެ.
މިއީ ހިލޭ ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ނޮވެމްބަރު 19 ގައި ފެށުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް، ބެޗުތަކަށް ބަހާލައިގެންނެވެ. ކޮންމެ ބެޗެއްގައި ހަފުތާއަކު ތިން ދުވަހު ސެޝަންތައް ހިންގާ ގޮތަށް ޖުމުލަ 12 ސެޝަން ހިމެނެއެވެ.
ސެޝަންތަކުގައި ބައިވެރިންގެ އުމުރާ ގުޅޭ ލުއި ކަސްރަތާއި ހިނގުމާއި ސްޓްރެޗިންގެ އިތުރުން ނޭވާލުމުގެ ކަސްރަތުތައް ކުރިއަށް ގެންދާނެއެވެ.
ބައިވެރިންގެ ސަލާމަތާއި ސިއްޙީ ޙާލަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ ގޮތުން ދަތުރުފަތުރުގެ އިންތިޒާމާއި ފަސްޓްއެއިޑުގެ ޚިދުމަތާއި ބޯފެނާއި އަރާމުކުރެވޭނެ އިންތިޒާމުތައް ސެޝަންތައް ކުރިއަށްދާ ވަގުތު ޤާއިމުކޮށްފައި ހުންނާނެއެވެ.
މި ޕްރޮގްރާމް ހިންގަނީ އެޗްޑީސީގެ އިތުރުން ހެލްތު މިނިސްޓްރީއާއި ހުޅުމާލެ ހޮސްޕިޓަލާއި ފުލުހުންނާއި ފިޒިއޯ ސޮލިއުޝަންސާއި ޕެންޝަން އޮފީހާއި އެމްޓީސީސީއާއި އުރީދޫ އަދި އެކި އެންޖީއޯތައް ގުޅިގެންނެވެ. ގޭތެރޭގައި އެކަހެރިކޮށް ތިބެން ޖެހޭ ޖެހުން ނައްތާލައި، އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމަކީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް