އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް، ނަތަންޔާހޫ އެންމެ މިނެޓަކު ވެސް ވެރިކަމުގައި ހުންނަން ނުޖެހޭ ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް، ބުނެފިއެވެ.
އައިޒެންކޮޓް މި ހޫނު ހަމަލާ ނަތަންޔާހޫއަށް ރައްދު ކޮށްފައި ވަނީ، ދެ ފަރާތުގެ މަންދޫބުން ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރިތާ ގަޑިތަކެއްގެ ފަހުންނެވެ. އައިޒެންކޮޓް އަކީ އައު ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތެވެ.
އިޒްރޭލުގެ ޗެނެލް 12 އިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އީދޯ ނޯޑެން، އޮކްޓޫބަރު 27 ގެ އިންތިޚާބުގެ ކުރީ ރޭ ޔުނައިޓެޑް އެރެބް ލިސްޓް (ރައާމް) ޕާޓީގެ މެންބަރުންނާ ދެކޮޅަށް ފުލުހުންގެ ކޮމިޝަނަރުގެ އޮފީހަށް ޝަކުވާ ހުށަހެޅިއެވެ. ނޯޑެން ފުލުހުން ފޮނުވީ ނަތަންޔާހޫގެ އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށް ބުނާ އިންޓެލިޖެންސް މަސްދަރެއްގެ ކައިރިއަށެވެ.
އެ މަސްދަރުން ލިބުނު މަޢުލޫމާތަށް ބިނާކޮށް، ގާތްގަނޑަކަށް 14 ފުލުހުން، ކޯޓު އަމުރެއް ނެތި ރައާމް ޕާޓީގެ ތިން މެންބަރެއްގެ ގެއަށް ވަދެ، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކަމަށް ޗެނެލް 12 ގެ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ މަސްދަރުގެ މަޢުލޫމާތު ސައްޙަ ނޫން ކަމަށް ފުލުހުން ކަނޑައެޅުމާ އެކު ތިން މީހުން ދޫކޮށްލެވުނެވެ.
ޗެނެލް 12 ގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ ދާޚިލީ ޖާސޫސީ އިދާރާ ޝިން ބެޓްގެ ވެރިޔާ ޑޭވިޑް ޒީނީ، އިންތިޚާބު ދުވަހު ފަލަސްޠީނު ނަސްލުގެ ފަސް ކެނެސެޓް މެންބަރެއްގެ ފޯނު އެހުމުގެ ހުއްދައަކަށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދުނެވެ. އެހެން ނަމަވެސް އެ ހުށަހެޅުން ފަހުން ވަނީ ބޭރު ކޮށްލެވިފައެވެ.
ނަތަންޔާހޫގެ ލިކޫޑް ޕާޓީން ރައްދުގައި ބުނީ، އައިޒެންކޮޓްގެ ބަޔާނަކީ ބޮޑުވަޒީރާ ދެކޮޅަށް ހިންގާ "ބޮޑުވެގެންވާ ހަމަނުޖެހުމަށް ހިތްވަރު ދިނުމެއް" ކަމަށެވެ. ހުކުރު ދުވަހު ވެސް އައިޒެންކޮޓް ތުހުމަތު ކޮށްފައި ވަނީ ނަތަންޔާހޫ ވެރިކަމުގައި ދެމި ހުރުމަށްޓަކައި ފަލަސްޠީނު ނަސްލުގެ އިޒްރޭލު ރައްޔިތުންނާ ދެކޮޅަށް "ނަސްލީ ތަފާތުކުރުމާއި އަނިޔާވެރިކަމުގެ" ކެމްޕެއިނެއް ހިންގި ކަމަށެވެ.
ނަތަންޔާހޫ ހޮނިހިރު ދުވަހު އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލަން އައިޒެންކޮޓަށް ހުށަހެޅި ނަމަވެސް، އައިޒެންކޮޓް އެ ހުށަހެޅުމަކީ "ބްލަފެއް" ކަމަށް ސިފަ ކުރިއެވެ. އެހެންނަމަވެސް، ޔާޝާރް ޕާޓީ އާއި ލިކޫޑް ޕާޓީއާ ދެމެދު މި ހުށަހެޅުމާ ބެހޭ މަޝްވަރާ ހިނގާ ކަމަށް އައިޒެންކޮޓް ވަނީ ކަށަވަރު ކޮށްދީފައެވެ.
ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑި ނަތަންޔާހޫ ނުވަތަ އައިޒެންކޮޓް ކޮޅުން ވެސް އަދި ހަމަ ކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް