ނަތަންޔާހޫގެ ނުބައިކަން ބައިޑެންގެ ވެރިކަމާއި ބެހޭގޮތުން ލިޔުނު ފޮތެއްގައި ބުނެދީފި

16 Nov 2026 | 07:45
ޖޯ ބައިޑެން އާއި ނަތަންޔާހޫ --

ޖޯ ބައިޑެން އާއި ނަތަންޔާހޫ --

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އޭނާގެ އައު ހަނދާނީ ފޮތުގައި، އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު މާ ބޮޑު އިތުބާރެއް ނެތް ކަމަށް ލިޔެފިއެވެ.

ނޮވެމްބަރު ތިނެއްގައި ބޭއްވި މިޑްޓާމް އިންތިޚާބުގައި ޑިމޮކްރެޓުން ހޯދި ކާމިޔާބީއާ ގުޅިގެން ޝާއިޢުކުރި "ޕްރޮމިސް މީ، އެމެރިކާ" ނަމަކަށް ކިޔާ މި ފޮތުގައި ބައިޑެން ވަނީ އޭނާގެ އެއް ދައުރުގެ ރިޔާސަތާ ގުޅޭ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫއާ ބެހޭ ގޮތުން ބައިޑެން ލިޔެފައިވަނީ، އިޒްރޭލުގެ ދިގު ރާސްތާ މަޞްލަޙަތަށް ވުރެ ނަތަންޔާހޫ އިސްކުރީ އޭނާގެ ކުރު މުއްދަތުގެ ސިޔާސީ ކުރިމަގު ކަމަށެވެ.

Advertisement

"އަހަރެމެން ދެމެދުގައި މާ ބޮޑު އިތުބާރެއް ނެތް. ބީބީގެ ބައެއް ސިފަތަކާ މެދު ވެސް ކަންބޮޑުވުން އޮތް، އެއީ ޓްރަމްޕާ ވައްތަރު ސިފަތަކެއް. ހަގީގަތާ ޚިލާފަށް ވާހަކަ ދެއްކުމުގައި ވަރަށް ފަސޭހައިން ބަދަލުވޭ، އަދި ޒާތީ މަޞްލަޙަތަށްޓަކައި ޑިމޮކްރެޓިކް މުއައްސަސާތައް ބޭނުންކުރުމުގައި ޖެހިލުމެއް ނުވޭ" ކަމަށް ބައިޑެން ލިޔެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތެއްގެ ހާދިސާއާ ގުޅިގެން އިޒްރޭލަށް ތާއީދުކުރި ނިންމުމާ މެދު ހިތާމަ ނުކުރާ ކަމަށް ބައިޑެން ބުނެފައިވެ އެވެ. ނަމަވެސް، ގިނަ ޢަދަދެއްގެ ކުށެއް ނެތް ފަލަސްޠީނު ރައްޔިތުން މަރުވެގެން ދިޔުމަކީ "ފުން ހިތާމައެއް" ގެނުވި ކަމެއް ކަމަށް ބައިޑެން ބުނެފައިވެއެވެ.

މި ފޮތުގައި ބައިޑެން ވަނީ 2021 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލި ނިންމުމުގެ ދިފާޢުގައި ވެސް ވާހަކަ ދައްކައިފައެވެ. އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި ހަމަ އެ ޙާލަތުގައި އަލުން ވެސް ހަމަ އެ ނިންމުން ނިންމާނެ ކަމަށް ބައިޑެން ބުންޏެވެ. އޭރުގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންއާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފުގެ ޗެއާމަން ޖެނެރަލް މާކް މިލީ ސިފައިން ބޭލުމުގެ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަން ބައިޑެން ފާހަގަކޮށްފައިވެއެވެ.

އެމެރިކާ ސިފައިން ފޭބުމަށް ފަހު ވެސް އަފްޣާން ސަރުކާރު މަދުވެގެން ހަ މަސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައި އޮތް ނަމަވެސް، ދުވަސްކޮޅެއްގެ ތެރޭގައި އެ ސަރުކާރު ވެއްޓުނެވެ. ޓްރަމްޕުގެ ފުރަތަމަ ރިޔާސީ ދައުރުގައި 2020 ވަނަ އަހަރުގެ ފެބްރުއަރީގައި އެމެރިކާއާއި ތާލިބާނުން ވަނީ ސިފައިން ބޭލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދުނިޔޭގެ އެހެން ލީޑަރުންނާ ބެހޭ ގޮތުން ވެސް ބައިޑެން ވާހަކަ ދައްކައިފައިވެއެވެ. ރަޝިޔާގެ ރައީސް ވްލެޑިމިއާ ޕޫޓިން ސިފަކޮށްފައިވަނީ "ރުޅިގަދަ ގޮތެއް" ހުންނަ މީހެއްގެ ގޮތުގައެވެ. ބައްދަލުވުންތަކުގައި ގަސްތުގައި ޝައުގުވެރިކަމެއް ނެތް ގޮތް ދައްކައި "ފުރާވަރުގެ ކުއްޖެ" ފަދައިން ސްލައުޗް ކުރާ ކަމަށް ބައިޑެން ބުންޏެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީއާ ބެހޭ ގޮތުން ބައިޑެން ބުނީ، ހަނގުރާމައިގެ ދުވަސްވަރު ލީޑަރެއްގެ ގޮތުގައި ޒެލެންސްކީގެ އެކްޓިންގެ ތަޖުރިބާއަކީ ހަގީގަތުގައި ރަނގަޅު ތަމްރީނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް