މަރުގެ ހުކުމް އިއްވި ތިން މީހުން --
ޢުރުދުންގެ ކަރަކް ގަވަރުނަރޭޓުގެ ފައްޅިއެއްގައި ނުވަ މީހުން މަރުވެ، 34 މީހަކު ޒަޚަމްކޮށްލި ބަޑީގެ ހަމަލާއާ ގުޅިގެން ތިން ފިރިހެނެއްގެ މައްޗަށް ދަންޖައްސައި މަރަން ހުކުމް ކޮށްފި ޢެވެ.
މި ހަމަލާ ދީފައިވަނީ މިދިޔަ އޮކްޓޫބަރު 23 ވަނަ ދުވަހު ކަރަކް ގަވަރުނަރޭޓުގެ ހްމޫދު އަވަށުގެ ގްރީކް އޮތޮޑޮކްސް ސެއިންޓް ޖޯޖް ފައްޅީގައި ކްރިސްޓިއަން ޖަނާޒާއެއް ބާއްވަމުން ދަނިކޮށެވެ.
ސީސީޓީވީ ފުޓެޖުން ފެންނަ ގޮތުގައި ބަޑި ހިފައިގެން ތިބި ތިން މީހަކު ފައްޅިއާ ދިމާއަށް ގޮސް ބަޑިޖަހާ މަންޒަރު ފެނެއެވެ. ދެ ވަނަ ވީޑިއޯއަކުން ފައްޅި ތެރޭ މަރުވެފައި ތިބި މީހުންނާއި ޒަޚަމްވެ ބިންމަތީ ބޮޑެތި ތިބި މީހުންގެ ހާސްކަން ބޮޑު މަންޒަރު ފެނެއެވެ.
ޢުރުދުންގެ ސިފައިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ތިން މީހުންގެ މައްޗަށް "ޓެރަރިސްޓް ޢަމަލުތައް" ހިންގުމާއި ހަތިޔާރު ގެންގުޅުމާއި "ޓެރަރިސްޓް ޖަމާޢަތެއްގެ ފިކުރު ފެތުރުމާ"އި "ޓެރަރިސްޓް ޢަމަލުތައް ހިންގުމަށް ރޭވުމު"ގެ ކުށް ސާބިތުވެފައިވެއެވެ. ކުށް ސާބިތުވި ތިން މީހުންނަކީ އެެއްބަނޑު ދެބެއިންނާއި އެ ދެ މީހުންގެ ޅިޔަނެކެވެ. މި ތިން މީހުންގެ ނަން ރަސްމީކޮށް ހާމަނުކޮށް ބުނެފައިވަނީ ތިން މީހުންނަކީވެސް އުރުދުން ޜައްޔިތުން ކަމަށެވެ..
ހަމަލާދީ ފިލައިގެން ދިޔަ ތިން މީހުން ތިން ދުވަސް ފަހުން ހޯދާފައިވަނީ ވެރިރަށް ޢައްމާންގެ ދެކުނުގައި ކަރަކް ގަވަރުނަރޭޓުގެ ފަޅު ގެއެއްގެ ތެރެއިންނެވެ. ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓުން އެ ދުވަހު ބުނީ އެ ތިން މީހުން ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހަދައި ސަލާމަތީ ބާރުތަކަށް ބަޑިން ހަމަލާ ދިނުމުން، ރައްދު ހަމަލާގައި ތިން މީހުންނަށް ވެސް އަނިޔާވި ކަމަށެވެ. ސަލާމަތީ ބާރުތަކުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
ޢުރުދުންގައި މަރުގެ ހުކުމް ތަންފީޒުކުރަނީ ދަންޖައްސައިގެންނެވެ. އެ ޤައުމުގައި 2006 އިން 2014 އަށް އަދި 2017 އިން މި އަހަރުގެ ޖޫން މަހާ ހަމައަށް މަރުގެ ހުކުމް ތަންފީޒުނުކޮށް މެދުކެނޑުނު ދެ ދައުރެއް ފާއިތުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް