ވާހަކަ: އެދެވޭތީ އަދު ބުނަމޭ – އެގާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ރޫބީއަށް ބަލައިވެސް ނުލާ އެއްނޭވައިން ޖޫސްތަށި ހުސްކޮށްލުމަށްފަހު އާކިން އިންތަނުން ތެދުވެ ދާން ހިނގައިގަތެވެ. އަމްރާ ވަރަށް ރަނގަޅަށް އެ ދެމީހުންގެ ޙަރަކާތްތަކަށް ބަލަން އިނެވ...

16 Nov 2021 | 06:04

ކުރީގެ އަދަދާއި ގުޅޭ...

ރޫބީއަށް ބަލައިވެސް ނުލާ އެއްނޭވައިން ޖޫސްތަށި ހުސްކޮށްލުމަށްފަހު އާކިން އިންތަނުން ތެދުވެ ދާން ހިނގައިގަތެވެ. އަމްރާ ވަރަށް ރަނގަޅަށް އެ ދެމީހުންގެ ޙަރަކާތްތަކަށް ބަލަން އިނެވެ. މިއަދުގެ އެ ވަގުތުކޮޅުންވެސް އޭނާއަށް އެއްކަމެއް ޔަގީންވެއްޖެއެވެ.

އޮފީހަށް ނުދެވޭތީ ދުވަހު ހަތަރުދަމުހެން އާކިން ހޭދަކުރީ ލައިބްރަރީގައެވެ. ނާބީއަށް ގުޅައިގެން ކެއުންވެސް ގެންދަނީ އެތަނަށެވެ. އެތަނުން ނިކުންނަނީ ހަމައެކަނި މިސްކިތަށް ދާން އެކަންޏެވެ. ޓަކި ޖަހައިލުމަށްފަހު އަމްރާ އެތެރެއަށް ވަނީ އާކިން މޭޒު ކައިރީގައި ފޮތެއް ކިޔަން އިންދައެވެ. އެއްފަހަރު އަމްރާއަށް ނަޒަރެއް ދިނުމަށްފަހު އަނެއްކާވެސް ފޮތަށް އާކިންގެ ނަޒަރު ހުއްޓައިލިއެވެ. އަމްރާ ގޮސް އިށީނީ އާކިންގެ ކުރިމަތީގައި އިން ގޮނޑީގައެވެ.

" ރިސަރޗެއް ހަދަނީތަ؟" މޭޒުގައި އުޅަނބޮށި ވިއްދައިލަމުން އަމްރާ އަހައިލިއެވެ. އާކިން ވަކިއެއްޗެއް ނުބުނެ ދެފަރާތަށް ބޯހޫރައިލިއެވެ.

" ދެން މިހާރަކަށް އައިސް ލައިބްރަރީ އިން ނުނިކުމެ ތިއުޅެނީ ކީއްވެޔޯ؟" އަމްރާ އަހައިލިއެވެ.

" އޮފީހަށް ނުދެވޭތީ ފޫހިވެގެން..." ފޮތަށް ނަޒަރު ހުއްޓާލައިގެން އިނދެ އާކިން ބުންޏެވެ.

" ދޮންތަ ވާހަކައެއް އަހައިލަންތަ އާކި؟ " އަމްރާ އަހައިލިއެވެ. އާކިން ވަކިއެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހައިލިއެވެ.

" އާކިން ރޫބީ އާ މެރީ ކުރީ ހިތުން ރުހުމުގައެއް ނޫން ދޯ.." ވަރަށް ރަނގަޅަށް އާކިންގެ މޫނަށް ބަލަން އިނދެ އަމްރާ އަހައިލިއެވެ. އާކިން އަމްރާ އަށް ބަލައިލިއެވެ. އަމްރާއަށް އެކަން ފާހަގަވީތީ އާކިން އިނީ ހައިރާންވެފައެވެ. ޙުދު އޭނާގެ މައިންބަފައިންނަށްވެސް އޭނާގެ އިހުސާސްތައް ދެނެގަންނާކަށް ނޭނގުނެވެ. އަމްރާ އެކަން ދެނެގަތުމުން އާކިން ބޭނުންވީ އޭނާގެ އިޙްސާސްތައް އަމްރާގެ ކުރިމަތީގައި ބަންޑުން ކޮށްލުމަށެވެ. ނަމަވެސް ދެވަނަ ހިނދުގައި އެޙިޔާލު ދޫކޮށްލީ އެކަމުން ވާނެ އެއްވެސް ފައިދާއެއް ނެތްކަން އެނގުމުންނެވެ. ކައިވެންޏަކީ މައިންބަފައިންގެ އެދުމުގެ މަތިން ކުރެވުނު ކައިވެންޏެކެވެ. އަމްރާ ކައިރީގައި އެވާހަކަތައް ކިޔައިދިނަސް ވާނެ ފައިދާއެއް ނެތެވެ. އަމްރާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

" ދޮންތައަށް ހީވާ ގޮތް ކަންނޭނގެ.." އަނެއްކާވެސް ފޮތަށް ނަޒަރު ހުއްޓައިލަމުން އާކިން ބުންޏެވެ.

" އޯކޭ.. ވެދާނެ ދޮންތައަށް ހީވާގޮތް ކަމަށްވެސް.. ކޮންމެ ގޮތެއްވިޔަސް މިހާރު އާކި ތީ މީހެއްގެ ފިރިއެއް.. ފިރިމީހާގެ ވާޖިބަކީ ކޮބައިކަން އާކިއަށް ރަނގަޅަށް އެނގޭނެ.. ދޮންތައަށްވުރެވެސް ބޮޑަށް ދީނީ މައުލޫމާތު އެނގޭނީ އާކި އަށް.. ކައިވެނިކޮށްގެން އަންހެން ކުއްޖާ ފިރިމީހާ ކައިރިއަށް އެއަންނަނީ އޭނާގެ ހުރިހާ އެއްޗެއް ދޫކޮށްލާފަ.. ދޮންތައަށް ވެސް އެނގޭ އާކި އާއި ރޫބީގެ ކައިވެނި ކުރެވުނީ ތަންކޮޅެއް އަވަސް އަރުވާލާފައިކަން.. އެކަމަކު އާކި ވިސްނާލަބަލަ.. އާކި މިއަދު ތިއުޅެނީ އާކިގެ އާއިލާއާއެކު އާކިގެ ގޭގައި.. އެކަމަކު ރޫބީ އެއައީ އޭނާގެ މައިންބަފައިންނާއި ގެއާއި ރަށް ދޫކޮށްލާފަ.. މި މާހައުލަކީ އޭނާއަށް މުޅިން އާ މާހައުލެއް.. މިއަދު ރޫބީ އަކީ އާކިގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއް.. ރޫބީ އުފަލުގައި ބެހެއްޓުމަކީ އާކިގެ ވާޖިބެއް.. ކައިވެނީގެ ގުޅުމަކީ ވަރަށް މާތް ގުޅުމެއް.. ކޮންމެ ހާލަތެއްގައި ކައިވެނި ކުރެވުނު ނަމަވެސް އެކައިވެނީގެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރަންޖެހޭނެ.. އެއީ ދެމަފިރިންނަށްވެސް ވާޖިބު ކަމެއް.. އެރޭންޖެ މެރިޖެއް ވީމަ އުނދަގޫ ވެދާނެ.. އެކަމަކު ކައިވެންޏެއް ކުރުމަށް ލަވް އެހާ މުހިންމެއް ނޫން.. މިސާލަށް ބަލާބަލަ ދޮންތައަށް.. ޒިވަން އާ ދޮންތަ އިނީ ވަރަށް ލޯބިން ފަސް އަހަރު ރައްޓެހިވެގެން އުޅުމަށްފަހު.. އެކަމަކު ކައިވެނިކޮށްގެން ދެއަހަރުވެސް ނުވޭ ޑައިވޯސްއަކަށް ދިޔައިރު.. އަސްލު ހަޤީޤީ ލޯބި ވެވެނީ ކައިވެންޏަށް ފަހު.. އެކަން އާކިއަށް އިހުސާސް ކުރެވޭނީވެސް އާކި ކައިވެނީގެ ގުޅުން ދަމަހައްޓަން މަސައްކަތްކޮށްގެން.. ރޫބީގެ ފަރާތުން ދޮންތައަށް ފެނޭ އޭނާ މަސައްކަތް ކުރާތަން.. އެކަމަކު އާކި ހީވަނީ ރޫބީއަށް ފުރުސަތު ނުދޭން އުޅޭހެން.. ފަހަރެއްގައިވެސް އާކި ގޯސް ކުރަނީއެއްނޫން.. " ހުރިހާ ވާޙަކަތަކެއް ދެއްކުމަށްފަހު އަމްރާ ފުންނޭވައެއް ދޫކޮށްލިއެވެ. އާކިން ބަހެއްވެސް ނުކިޔާ އިސްޖަހައިލައިގެން އިނެވެ.

" އުއްމީދު ކުރަން ދޮންތަ މިދެއްކި ވާޙަކަތަކާ މެދު އާކި ވިސްނާނެ ކަމަށް.. " އިންތަނުން ތެދުވަމުން އަމްރާ ބުންޏެވެ. އާކިން ކުރިންވެސް އިން ގޮތަށް ބަހެއް ނުކިޔާ އިނެވެ. އަމްރާ ދިޔަކަށް ޔަގީންވުމާއެކު އާކިން އިސްއުފުލާ ބަލައިލިއެވެ. ރޫބީ އަކީ ކިހާވަރެއްގެ މީހެއްކަން އަމްރާއަށް ނޭނގެނީއޭ ހިތަށް އެރިއެވެ. ފަހަރެއްގައި އެދުވަހު ރޫބީއާއި ނަޖުވާ އާ ދެމެދު ވާހަކަ ނުއިވުނުނަމަ ކައިވެނީގެ ގުޅުން ދަމަހައްޓަން އާކިންއަށް މަސައްކަތް ކުރެވުނީހެވެ. ނަމަވެސް އެދުވަހު ރޫބީގެ ހަޤީގަތް އާކިންގެ ކުރިމަތީގައި ހާމަވެއްޖެއެވެ. އެފަދަ އަންހެނަކާއެކު އެއްފުރާޅެއްގެ ދަށުގައި އުޅުމަކީވެސް އޭނާ އުނދަގޫ ކަމެކެވެ.

***************

އަބަދު ގޭގައި އިންނަން ޖެހުމުން ރޫބީވެސް އުޅުނީ ފޫހިވެގެންނެވެ. އޭނާ ކޮޓަރިން ނިކުންނަނީވެސް ހަމައެކަނި ކާގަޑިއަށް ބަދިގެއަށް ދިއުމަށްޓަކައެވެ. ކުޑަގޮތަކަށް ބުނަންޏާ އޭނާ ދަނީ ކޮޓަރިން ކާގެއަށެވެ. އެއަށްފަހު ކާގެއިން ކޮޓަރިއަށެވެ. ސޯފާގައި އިން ރޫބީގެ ހަނދާނަށް އަންނަމުން ދިޔައީ ރަށުގައި އޭނާ ހޭދަކޮށްފައިވާ އުފާވެރި ދުވަސްތަކެވެ. އެންމެ ގާތް އެކުވެރިޔާއާއެކު އެއްވެސް ޙިޔާލެއް ފިކުރެއް ނެތި ހޭދަކުރެވިފައިވާ މަޖާ ވަގުތުތަކެވެ. މައިންބަފައިންނާ އެކު ހޭދަކުރެވިފައިވާ އުފާވެރި ވަގުތުތަކެވެ. ޙާއްސަ ގޮތެއްގައި މުއީން މަތިން ވަކިން ބޮޑަށް ރޫބީ ހަނދާންވަމުން ދިޔައެވެ. މުއީން އުޅެނީ އަންނަ ޙަފްތާގައި އިތުރު ފަރުވާއަށް ބޭރަށް ފުރަންކަން ރީނާގެ ފަރާތުން ރޫބީއަށް ވަނީ އެނގިފައެވެ. އޭގެ ކުރިން މުއީނާ ބައްދަލުކުރަން ރޫބީ ބޭނުންވިޔަސް އެކަން އޮތީ އޭނާއަށް މަނާވެފައެވެ.

***************************

މެންދުރު ކައިގެން ވަންގޮތަށް އަނެއްކާވެސް ސޯފާއަށް ވެއްޓިގަންނާކަށް ރޫބީ ބޭނުމެއް ނުވިއެވެ. ކްލޯޒެޓާ އެނދާ ދެމެދުން ހުރި ދޮރެއް ރޫބީގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އެގޭގައި އުޅޭތާ ހަފްތާއެއް ވެގެން ދިޔައިރު އެދޮރު ރޫބީއަށް އެފެނުނީ ފުރަތަމަ ފަހަރަށެވެ. ކުރިން އެދޮރުގައި ކަރޓެއިން ދަމާފައި ހުންނާތީ ރޫބީ ހީކުރީ އެއީ ކުޑަދޮރެއް ކަމަށެވެ. ބިއްލޫރި ދޮރު އެއްފަރާތަކަށް ކަހައިލުމާއެކު އެންމެ ފުރަތަމަވެސް ރޫބީގެ މޫނުގައި ބީހިލީ ފިނި ވައިރޯޅިއެކެވެ. އެވަގުތު ލިބުނު ހިތްހަމަޖެހުމާއެކު ރޫބީއަށް ހަށިފުރާ ނޭވައެއް ދޫކޮށްލެވުނެވެ. އެދޮރުން ނިކުމެވެން ހުރި ތަނަވަސް ބެލްކަނި ފެނުމުން ރޫބީ ހައިރާންވެ އަންތަރީސް ވާވަރުވިއެވެ. އެއްފަރާތެއްގައި ބޯކެހެރިން ހަދާފައިވާ ހުދުކުލައިގެ އުނދޯއްޔެއް ހުއްޓެވެ. އެއުނދޯލި ތެރޭގައި ކަޅުކުލައިގެ ކުޝަންއެއް އޮތެވެ. އަނެއްފަރާތުގައި ކޮފީ މޭޒަކާއެކު ދެފަރާތުގައި ދެގޮނޑި ބެހެއްޓިފައި ހުއްޓެވެ. ދަގަނޑު ރެއިލިންގް ގައި އަތް އަޅުވާލާ ބޭރަށް ބަލައިލި ހިނދު ފެނުނު މަންޒަރުން ރޫބީ ހިތަށް ހަމަޖެހުން ލިބި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ގޯތީގެ މެދެއްހާ ހިސާބުގައި ހުރި ފަތާ ފެންގަނޑު ފެނިފައި އެންމެ ފުރަތަމަވެސް ރޫބީ ހަނދާންވީ ނަޖުވާ މަތިންނެވެ. ސްވިމިންގް ޕޫލްގެ ދެފަރާތުގައި ދެ ބީޗް ގޮނޑިހުރިއިރު އެއްފަރާތުގައިވަނީ ރާއްޖެއިން ވަރަށް ނުފެންނަ ވައްތަރުގެ ޗެރީ ބްލޮސަމް ގަހެކެވެ. ކުރިން އެތަން ފެނުނުނަމައޭ ރޫބީގެ ހިތަށް އެރިއެވެ. ވަގުތުން އޭނާ ބޭނުންވީ ގޮސް އެފެންގަނޑުގައި ފަތައިލުމަށެވެ. ހަމައެވަގުތު ކްލޯޒެޓަށް ވަދެ ހެދުން ބަދަލުކޮށްގެން ރޫބީ ކޮޓަރިން ނިކުތެވެ.

ފަތާ ފެންގަޑާ ހަމައަށް ދިއުމަށްފަހު ރޫބީ ދެކޮޅު ހޯދާ ބަލައިލީ އެއްވެސް މީހަކު ބަލަން ހުރިތޯއެވެ. އެހިސާބުގައިވެސް އެއްވެސް މީހެއް ފެންނަން ނެތްކަން ޔަގީންވުމުން ރޫބީ އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ފެންގަނޑަށް ފުންމައިލިއެވެ. ހިތްހަމަޖެހޭ ވަރުވަންދެން ފެންގަނޑުގައި ފަތައިލުމަށްފަހު ވަރުބަލިކަން ފިލުވައިލުމަށްޓަކައި ރޫބީ ފެންމަތީގައި ފްލޯޓްކޮށްލައިގެން އޮތެވެ. އިރުގެ އަލި ލޮލަށް އުނދަގޫ ކުރަން ފެށުމުން އޭނާ ލޯމަރައިލިއެވެ. އެތައް ދުވަހަކަށްފަހު ހިތަށް ލިބެމުން ދިޔަ ހަމަޖެހުމުގެ ސަބަބުން ރޫބީގެ ތުންފަތަށް ހިނިތުންވުމެއް ވެރިއެވެ.

" ހާދަ ހެޕީވެފަ؟ " ކުއްލިއަކަށް އިވުނު އަޑުން ރޫބީ ދިޔައީ ސިހިގެންނެވެ. ތެޅިގަތް ވަގުތު ރޫބީ ކުޑަކޮށް އަޑިއަށް ދިޔަނަމަވެސް ހަށިގަނޑު ކޮންޓްރޯލް ކޮށްލަމުން ބަލައިލިއެވެ. ގޮނޑީގައި ސްމޫތީއެއް ހިފައިގެން އިން އަމްރާ ފެނުމުން ރޫބީ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ. މައްޗަށް އަރަން ހުންނަ ސިޑިން އެރުމަށްފަހު އަމްރާ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި ރޫބީ އިށީނެވެ.

" އަދި ކިރިޔާ މިޕޫލް މިފެނުނީ.. އެހެންވެ ބޭނުންވީ ކުޑަކޮށް ފަތާލަން..." ގޮނޑީގައި އަޅުވާލާފައި އޮތް ތުވާލިން މޫނު ފޮހެލަމުން ރޫބީ ބުންޏެވެ.

" ތަނެއް ފެންނާނީ ރޫބީ ކޮޓަރިން ނިކުމެގެނެއްނު.. ނިކުންނަނީވެސް ކާން އަންނަން އެކަނި.. ރޫބީއަށް ނުފެންނަ އެތައް ތަނެއް މިގޭގަ ހުންނާނެ އަދި.. " އަމްރާ ބުންޏެވެ. ރޫބީ ފަނޑު ހިނިތުންވުމެއް ދެމުން އިސްޖަހައިލިއެވެ.

" ދޮންތަ ބުނަންތަ ވާހަކައެއް ރޫބީ.." ރޫބީގެ އަތްމަތީގައި އަތް ބާއްވައިލަމުން އަމްރާ ބުންޏެވެ. ރޫބީ އަމްރާއަށް ބަލައިލުމަށްފަހު ބޯޖަހައިލިއެވެ.

" ދޮންތައަށް އެނގޭ އެއްކަމަކީ އަދި އާކިއާއި ރޫބީއާ ދޭތެރޭގައި އެހާ ގާތްގުޅުމެއް ނުއުފެދޭކަން.. ފިރިހެނުންނަށްވުރެ ބޮޑަށް ކައިވެނީގެ ގުޅުން ދަމަހައްޓަން އެނގޭނީ އަންހެނުންނަށް.. ފިޒިކަލީ އަންހެނުންނަށްވުރެ ފިރިހެނުން ބާރުގަދަ ވިޔަސް މެންޓަލީ ބާރުގަދަ ވާނީ އަންހެނުން.. އަންހެނުންނަކީ އެތައް ކަމަކަށް ކުޅަދާނަ ބައެއް.. ކައިވެނީގެ ގުޅުމަކީ ވަރަށް ގާތް ގުޅުމެއް... އެކީގައި އުފަލުން އުޅެވޭނީ ދެމަފިރިންވެސް އެކަކު އަނެކަކުގެ ވާޖިބުތައް އަދާކޮށްދީގެން.. އެއްއަތުން އަތްޖެހިޔަކަސް އަޑެއް ނުކިޔާނެކަން އެނގޭ.. އެކަމަކު ރޫބީގެ ސައިޑުން ރޫބީއަށް މަސައްކަތްކުރެވިދާނެ.. މީގެ ފަހުން މަސައްކަތް ކޮށްބަލަ އާކިގެ ހުރިހާ ކަމެއް ރޫބީ ކުރަން.. އެކަމާ އާކި ހިތްހަމަނުޖެހުނަސް ނޫނީ ހިތްހަމަނުޖެހިގެން އެއްޗެކޭ ބުންޏަސް މާބޮޑަށް އަޅާލާނެ ކަމެއް ނެތް.. ފިރިމީހާގެ ކަންތައްތައް ކޮށްދިނުމަކީ އަނބިމީހާގެ ވާޖިބެއް.. އާކި ނުރުހުނަސް އަބަދުވެސް އޭނާއާ ކައިރީގައި ހުރެވޭތޯ މަސައްކަތް ކޮށްބަލަ.. އޭރުން ތަފާތު ފެންނާނެ.. އިންޝާﷲ.. " އަމްރާ ބުންޏެވެ. ރޫބީ ވަކިއެއްޗެއް ނުބުނެ އިސްޖަހައިލިއެވެ.

" ދޮންތަ ގޮސްލަނީ ދެން.. އެކަމް ޕްލީޒް ޑޫ ތިންކް އެބައުޓް ވަޓް އައި ޖަސްޓް ސެއިޑް.." އިންތަނުން ތެދުވަމުން އަމްރާ ބުންޏެވެ. ޔަގީންކަމެއް ނެތަސް ރޫބީ ބޯޖަހައިލިއެވެ. ހިނިތުންވެލުމަށްފަހު އަމްރާ ހިނގައިގަތެވެ. އަމްރާ ދެއްކި ވާހަކަތަކާމެދު ރޫބީ ވަރަށް ބޮޑަށް ވިސްނައިލިއެވެ. ކައިވެނީގެ ހުތުބާގައިވެސް ދެއްކީ އެފަދަ ވާހަކަތެކެކެވެ. އާކިންގެ ހިތް ކާމިޔާބުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ހަމައެގޮތަށް އެހިތް ކާމިޔާބުކުރަން އުޅުމަކީ ރޫބީއަށްވެސް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިމާތް ގުޅުން ދެމެހެއްޓުމަށްޓަކައި ކުރެވުނުހާ މަސައްކަތެއް ކުރަން އެބަޖެހެއެވެ. ﷲއަށް ޓަކައެވެ. ފަހުން ވާނެ ގޮތެއް އެނގެނީ ކާކަށް ހެއްޔެވެ؟ އަޅުންނަށް ކުރެވޭނީ މަސައްކަތެވެ. ކާމިޔާބާއި ނާކާމިޔާބު ދެއްވަނީ އެންމެ މަތިވެރި ފަރާތެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް އެކަންވާނީ އެންމެ ރަނގަޅަކަށެވެ. އެކަމުގެ ފަހަތުގައި ރަނގަޅު އެހެން ސަބަބެއް އޮވެގެންނެވެ. ވަރަށް ވިސްނުމަށްފަހު ރޫބީ ގޮތެއް ނިންމިއެވެ. އެގޮތަށް ކަންތައްތައް ކުރުމަށް ހިތުގައި އަޒުމް ކަނޑައެޅަމުން އިންތަނުން ތެދުވެގެން ހިނގައިގަތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 18 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް