ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ދިހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އާކިންގެ ހިތުން ނަޖުވާގެ މަގާމް އަތުލާކަށް ރޫބީ ބޭނުމެއް ނޫނެވެ. އާކިން އެހެންބުނެގެން ދެރައެއްވެސް ނުވެއެވެ. ދެރަވީ އޭނާއަކީ އަންހެނުންނަށް ހުރި ހުތުރެއް ކަމަށް ބުނުމުންނެވެ. ...

14 Nov 2021 | 05:34

ކުރީގެ އަދަދާއި ގުޅޭ...

އާކިންގެ ހިތުން ނަޖުވާގެ މަގާމް އަތުލާކަށް ރޫބީ ބޭނުމެއް ނޫނެވެ. އާކިން އެހެންބުނެގެން ދެރައެއްވެސް ނުވެއެވެ. ދެރަވީ އޭނާއަކީ އަންހެނުންނަށް ހުރި ހުތުރެއް ކަމަށް ބުނުމުންނެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތުގައި ރޫބީ ދަތްއަޅައިލިއެވެ. ލޮލުން އޮހެމުން ދިޔަ ހޫނު ކަރުނަ އޭނާގެ ދެކޯތާފަތް ތެންމަމުން ދިޔައެވެ. މަރުވެފައިވާ މައްޔިތެއް ފަދައިން އޭނާ އެނބުރި އައިސް ސޯފާގައި އިށީނެވެ. ހިތަށް ކެތްނުވެ ބާރަށް ރޮވެން ފެށުމާއެކު އޭނާ މޫނުމަތީގައި ދެއަތްއެޅިއެވެ.

**************************

އެދިޔަ ބާރުމިނުގައި އާކިން ގޮސް ވަނީ އެގޭގައި ހުރި ކުޑަވަރެއްގެ ލައިބްރަރީއަށެވެ. އާންމުކޮށް މާބޮޑަށް ކަމަކާ ވިސްނަނީ ނަމަ ނުވަތަ ދެރަވެއްޖެ ނަމަ އާކިން އަންނަނީ އެތަނަށެވެ. އެތަނުގައި ދޮރު ލައްޕައިލުމަށްފަހު އާކިން އެތެރެއަށް ވަދެގެން ދިޔައެވެ. ދީނީ ފޮތްތައް ހުރި ބަޔަށް ވަދެ ފޮތެއް ނަގައިގެން އައިސް މޭޒުކައިރީގައި އިށީނދެ އޭނާ އެފޮތް ހުޅުވައިގެން ކިޔަން ފެށިއެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މީގެ އިރުކޮޅެއްކުރިން ހިނގައިދިޔަ ކަންތަކެވެ. އެއްވެސް އަންހެނަކާ ދިމާލަށް އެހާ އިޙްތިރާމް ކުޑަކޮށް ވާހަކަދެއްކުމަކީ މީގެ ކުރިން އޭނާ ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. ނަމަވެސް ރޫބީ ފެނުމުން އޭނާގެ ލޭ ހޫނުވެގެން ދަނީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. އޭނާގެ ލޯބިވެރިޔާ އާ ވަކިވެ މިއަދު ރޫބީއާ އިންނަން ޖެހުނީ އާކިން ދެކޭ ގޮތުގައި ރޫބީގެ ސަބަބުންނެވެ. އެދުވަހު ނަޖުވާ ކައިރީގައި ރޫބީ ދެއްކި ވާހަކަތައް އަދިވެސް އާކިންގެ ކަންފަތުގައި ދެންމެ އިވުނު ބަސްތަކެއް ފަދައިން ހަރުލާފައި ހުއްޓެވެ.

އެދުވަހުގެ ފަހުންވެސް ނަޖުވާ އެތައް ފަހަރަކު އޭނާގެ ފޯނަށް ގުޅިއެވެ. ހިތްކުދިކުދިވަމުން ދިޔައިރުވެސް އޭނާ ނަޖުވާގެ ކޯލަށް ޖަވާބުދޭން ފަސްޖެހުނެވެ. އެތައް ފަހަރެއްގެ މަތިން ނަޖުވާ ގުޅިއިރުވެސް ފޯނު ނުނަގާ ހުންނަން ޖެހުމުން އެހިތަށް ކުރި ފުންއަސަރު ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ. އެއްވެސް ގޮތަކުން ނަޖުވާއާ ކުރިމަތިލާން ނުކެރި ކޮންމެ ދުވަހަކު އެތައް މަރަކުން އޭނާ ދިޔައީ މަރުވަމުންނެވެ. އެދުވަހުގެ ފަހުން މިއަދާ ހަމައަށްވެސް ނަޖުވާ އުޅުނީ ކިހިނެއް ކަމެއް ނޫނީ ވީތަނެއްވެސް އޭނާއަކަށް ނޭނގެއެވެ. އެންމެ ފަހުން އެރަށުން ފުރައިގެން އަންނަން ޖެހުނީވެސް ނަޖުވާ ލޮލަށް ފެނުމުގެ ފުރުސަތު ނުލިބިއެވެ.

ލައިބްރަރީއިން ނިކުމެގެން އާކިން މިސްރާބު ހުރީ ގެއިން ބޭރަށް ނިކުތުމަށެވެ. އަސުރަށް ބަންގި ގޮވުމުން އޭނާ ދިޔައީ މިސްކިތަށް ގޮސް ނަމާދުކޮށްލުމަށެވެ. ހުރާޝާ އާކިންއަށް ގޮވައިލީ އޭނާއަށް ރަނގަޅަށް ގެއިން ނުނިކުމެވިގެން އުޅެނިކޮށެވެ.

" ކީކޭ މަންމާ.." ދެޖީބަށް އަތްޖަހައިގެން ހުރެ އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް އާކިން އަހައިލިއެވެ. އެވަގުތު ހުރާޝާއަށް އާކިންގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުން ފުރަތަމަ ފަހަރަށް އާކިން ހުރީ ކަމަކާ ވަރަށް ދެރަވެފައިހެން ހީވިއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އާކިން އާންމުކޮށް ކިޔައި އުޅޭ 'މަމް' ގެ ބަދަލުގައި މަންމާއޭ ކިޔައި ގޮވައިލުމުންނެވެ.

" މަންމަގެ އާކި ރަނގަޅުތަ.." އާކިންގެ ކޯތާފަތުގައި ފިރުމައިލަމުން ހުރާޝާ އަހައިލިއެވެ. އާކިންގެ ތުންފަތްމަތީގައި ކުޅެލީ ހިތި ހިނިތުންވުމެކެވެ.

" ރަނގަޅު.. ކިހިނެއްވީ؟" އިހްސާސްތައް ފޮރުވައިލަމުން އާކިން އަހައިލިއެވެ.

" މިހެން މިއެހީ އަލަތު ކައިވެނި ކުރާ ކުއްޖެއްގެ ފަރާތުން ފެންނަން ޖެހޭ ކަހަލަ އެއްވެސް އުފާވެރިކަމެއް އާކިގެ މޫނުމަތިން ނުފެންނާތީ.." އާކިންގެ މޫނަށް ވަރަށް ފުން ނަޒަރެއް ދެމުން ހުރާޝާ ބުންޏެވެ. އާކިންގެ ހިތަށް ކުރި ފުންއަސަރުން ހިންދިރުވައިލެވުނެވެ. ކައިވެނީގެ ކުރިން ހުރާޝާ އެސުވާލު ކުރި ނަމައޭ ހިތަށް އެރިއެވެ. އެހެނީ އާކިންގެ މޫނުމަތިން ހުރާޝާއަށް އެކަން ފާހަގަވާންވީ މިއަދަކު ނޫނެވެ. އެންމެ ފުރަތަމަ ކައިވެނީގެ ވާހަކަ ދެކެވުނު ދުވަހުން ފެށިގެން އޭނާގެ ހުރިހާ އުފާތަކެއް ވިއްސިވިހާލިވެގެން ގޮއްސިއެވެ.

" ތީ މަންމައަށް ހީވާގޮތް ކަންނޭނގެ.. ރޭގައި އެއްވެސް ވަރަކަށް ނުނިދައި ހުރެފައި.. މިއަދުވެސް ނިދައިލަން ލިބުނީ އެންމެ ގަޑިއިރެއް ހާއިރު އެހެންވެ ވަރަށް ބޮޑަށް ވަރުބަލިވެފައި ހުންނަނީ.." އާކިން ހެދި މުޅިއަކުން ދޮގެއް ނޫނެވެ. އޭނާ ހުރީ ނިންޖައް ބަލިވެފައެވެ. ހަމަނިދި ގެއްލުނުތާ ކިތަންމެ ދުވަހެކެވެ.

" އެހެންތަ؟ ދަރިފުޅު ނަމާދަށް ދޯ ތިދަނީ އަވަހަށް ދޭ..! އަދި ދަރިފުޅު އެބަޖެހޭ ރޫބީ ގޮވައިގެން ތަނަކަށް ދާންވެސް.. ރޫބީއަށް ދަރިފުޅު ކައިރީގައި ބުނަން ނުކެރިދާނެތީ މަންމަ މިބުނީ.." ހުރާޝާ ބުންޏެވެ. އާކިންގެ ދެބުމަ ގޮށްޖެހިގެން ދިޔަ ހިނދު އިސްޖަހައިލީ އެމަންޒަރު ހުރާޝާއަށް ނުދެއްކުމަށްޓަކައެވެ. ރޫބީގެ ނަންއިވުނަސް އޭނާއަށް ވަނީ އިތުރު އުނގަދޫތަކެކެވެ.

" ރޫބީއަކީ ދަރިފުޅުގެ އަނބިމީހާ.. އަނބިމީހާގެ ހައްޤުތައް އަދާކޮށްދިނުމަކީ ފިރިއެއްގެ ވާޖިބެއް.. ރޫބީ އުޅެނީ އޭނާގެ ފޯނު ގެއްލިގެން.. ދަރިފުޅު މިރޭ ރޫބީ ގޮވައިގެން ގޮސް އޭނާއަށް ފޯނަކާއި ސިމެއް ގަނެދީބަލަ.. " ހުރާޝާ ބުންޏެވެ. އާކިން ވަކި އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހައިލިއެވެ.

" މިހާރު މިސްކިތުގައި ޖަމާޢަތް ފަށާނެ.. ދަނީ.." އާކިން މިހެންބުނުމަށްފަހު ހުރާޝާއަށް ބަލައިލުމެއް ނެތި ގެއިން ނިކުތެވެ. އާކިން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ހުރާޝާވެސް ކޮޓަރިއާ ދިމާލަށް މިސްރާބުޖެހީ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދުކުރުމަށެވެ.

*********

އަސުރު ނަމާދަށް ފަހު ދުޢާއަށް އަތް ނަގައިގެން ރޫބީ އިނެވެ. އޭނާގެ ލޮލުން އެންމެ ހިނދުކޮޅަކަށް ވެސް ކަރުނަ ނުހިކެއެވެ. އޭނާ މާތްﷲގެ ހަޟްރަތުގައި އެދި ދަންނަވަމުން ގެންދިޔައީ މުއީނަށް އަވަސް އަދި ދާއިމީ ޝިފާއެއް ދެއްވުމަށެވެ. ހުރިހާ ކަމަކާ ކުރިމަތިލުގެ ހިތްވަރު ދެއްވުމަށާއި ސާބިތުކަން ދެއްވުމަށެވެ. އަދި ހުރިހާ ކަމަކަށް ކެތްތެރިކަން ދެއްވުން އެދިއެވެ. ރޫބީ އެގޮތުގައި ދުޢާކުރަން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ނަމާދުކޮށް ދުޢާކޮށްލުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މުސައްލަ ފަތް ޖަހައިލުމަށްފަހު އެ އޮންނަތަނުގައި ބޭއްވިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ގޮސް އިށީނީ ސޯފާގައެވެ. އެތަނަކީ އެކޮޓަރިން އޭނާއަށް ހަމަޖެހިފައިވާ ހަމައެކަނި ތަންކޮޅު ފަދައެވެ. ހަށިގަނޑަށް ލޮޑުކަމެއް އިހުސާސް ކުރެވުނު ހިނދު އަނެއްކާވެސް އޭނާ އެތަނުގައި ހަށިގަނޑު ދަމައިލެވުނެވެ.

*************

މިސްކިތުން ނިކުމެގެން އާކިން މިސްރާބުޖެހީ ފޯނު ވިއްކާ ފިހާރައަކަށް ދިއުމަށެވެ. ހުރާޝާ ބުނިނަމަވެސް ރޫބީ ގޮވައިގެން އެއްވެސް ތާކަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ. ފޯނު ފިހާރައަށް ވަދެ އެތަނުން ފޯނެއް ހިފައިގެން ކައުންޓަރަށް ދިޔައީ ކޮންވައްތަރެއްގެ ނޫނީ ކިހާވަރަކަށްދޭ ފޯނެއްތޯ ބަލައިވެސް ނުލައެވެ. އެކަމަށް އޭނާގެ އެއްވެސް ޝައުޤެއް ނެތްފަދައެވެ. ބުނި އަގެއް ދެއްކުމަށްފަހު އޭނާގޮސް އެހެންތާކުން ސިމެއް ގަނެގެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

އާކިން ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު ރޫބީ ސިހިފައި އޮތްތަނުން ތެދުވިއެވެ. އާކިން އޭނާއާ ދިމާލަށް އަންނަން ފެށުމުން ރޫބީ ޖެހިލުންވެ އިންތަނުން ކޮޅަށް ތެދުވިއެވެ. އާކިން ވަކިއެއްޗެއް ނުބުނެ އޭނާގެ އަތުގައި އޮތް ކޮތަޅު ސޯފާމައްޗަށް އެއްލިއެވެ. ރޫބީ އެއްފަހަރު އެކޮތަޅަށް ބަލައިލުމަށްފަހު އަނެއްފަހަރު އާކިންއަށް ބަލައިލިއެވެ.

" ތީ މަމް ބުނެގެން ކަލެއަށް ގަނެދިން އެއްޗެއް.. ކަލޭ ގޮވައިގެން ތަންތަނަށް ދާކަށް އަހަރެން ބޭނުމެއް ނޫން.. ތީތި ކަލެއަށް ކަމުނުދަންޏާ އެއްލައިލިޔަސް އަހަރެންނަށް ވަރިހަމަ.. " ރޫބީއަށް ފުރަގަސް ދެމުން އާކިން ބުންޏެވެ. އެއަށްފަހު މަޑުނުކޮށް އޭނާގޮސް އެނދަށް ބަނޑުވަތަށް ވެއްޓިގަތެވެ. ރޫބީ ހިންދިރުވައިލުމަށްފަހު ސޯފާގައި އިށީނެވެ. ކޮތަޅު ނެގުމަށްފަހު އޭގެ އެތެރޭގައި އޮތް އެއްޗެއް ރޫބީ ބަލައިލިއެވެ. އެންމެ ފަހުގެ ފޯނެއް ފެނުމާއެކު ރޫބީއަށް ލިބުނީ ހައިރާން ކަމެކެވެ. އާކިން އެހާ ރުޅިއައިސްފައި ހުރެވެސް ގަނެގެން އެއައީ އެންމެ އަގުބޮޑު ފޯނެކެވެ. ރޫބީ ފޮށިގަނޑުން ފޯނު ނެގުމަށްފަހު ކޮތަޅުގައި އޮތް ސިމްކާޑު ނެގުމަށްފަހު ފޯނަށް ލައްވައިލިއެވެ. އެންމެ ފުރަތަމަވެސް ރޫބީ ގުޅައިލީ މުއީނަށެވެ. މުއީންގެ އަޑުޖެހުމާއެކު ރޫބީއަށް ރޮވުނީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. އެބައްޕަގެ ހައްޤުގައި އޭނާ އެޅި ބޮޑުފިޔަވަޅުގެ ބަދަލުގައި އޭނާ މިވަނީ ބޮޑު އަގެއް ދައްކަން ޖެހިފައެވެ.

" ދަރިފުޅު ރޮނީތަ؟ ބައްޕަމެން މަތިން މާބޮޑަށް ހަނދާންވަނީ ދޯ.." މުއީން އަހައިލިއެވެ.

" އާނ ބައްޕާ.. އަހަރެން ބޭނުން ބައްޕަމެން ކައިރިއަށް ދާން.. އަހަރެންނާ ނުލައި ބައްޕަމެން ކިހާ އެކަނިވާނެ.." އެހިސާބަށް ބުނުމަށްފަހު އިތުރަށް ކުރިއަށް ނުގެންދެވި ރޫބީއަށް ގިސްލެވެން ފެށުނެވެ.

" އަނހާ.. ދެން ހުއްޓައިލާ ދަރިފުޅު.. ދަރިފުޅުތީ ނުލާހިކު ހެޔޮވިސްނޭ ކުއްޖެއްނު.. ކައިވެންޏަށް ފަހު އަންހެނުން އުޅެން ޖެހޭނީ ފިރިމީހާ ދެއްކި ތަނެއްގައި.. އަނެއްކާ ތިގޭ މީހުންވެސް ދަރިފުޅަށް ނުލާހިކު ހެޔޮވާނެ.. ތިގޭ އެންމެންގެ ފަރާތުންވެސް ދަރިފުޅަށް އިންތިހާއަށް ލޯބިލިބޭނެކަން ބައްޕައަށް ކަށަވަރު.." މުއީންގެ ބަސްތަކުން ރޫބީ އިތުރަށް ހިތުގައި ޖެހުން ނޫންކަމެއް ނުވިއެވެ.

" ބައްޕަ ރަނގަޅުތަ؟" ރުއިން ހުއްޓައިލެވޭތޯ މަސައްކަތް ކުރަމުން ރޫބީ އަހައިލިއެވެ.

" އާނ އަލްޙަމްދުލިﷲ.. ބައްޕައަށް ކިހިނެއްވާނީ.. ދަރިފުޅާ ބައްޕަދެން ފަހުން ގުޅާނަން.. މިއުޅެނީ ރައްޓެސަކާ އެކު ސައިތައްޓެއް ބޯލަންވެގެން އައިސް..." މުއީން ބުންޏެވެ. އެއަށްފަހު ފޯނުކަނޑައިލީ ރޫބީއަށް އިތުރަށް އެއްޗެކޭ ނުބުނެވުގެން އުޅެނިކޮށެވެ.

އެނދުގައި އޮތް އާކިންއަށް ރޫބީ ގިސްލާ އަޑު އިވެމުން ދިޔައެވެ. ރޫބީގެ އެގިސްލުމުގައި އެއްވެސް ކަހަލަ ދެއްކުންތެރިކަމެއް ނެތްކަން ޙުދު އާކިންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ޙަމްދަރުދީއަށްވުރެ ބޮޑަށް އެހިތަށް ގަދަވެފައިވަނީ ފޫހިކަމާއި ނަފްރަތެވެ. އެހެންކަމުން އަޅައިވެސްނުލައި އެއޮތް ގޮތަށް އާކިން އޮތީއެވެ.

**********

ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި އޮތް މުއީން ފޯނު ކަނޑައިލުމަށްފަހު ތިރިކޮށްލާފައިވާ އޮކްސިޖަން މާސްކް ރަނގަޅުކޮށްލިއެވެ. ކައިރީގައި އިން ރީނާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ކުއްލިއަކަށް އަނބުރައިގަނެގެން މުއީން ހޮސްޕިޓަލަށް ގެނެވުނީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ.

" މުއީން ކިހާދުވަހެއް ވަންދެން ރޫބީއަށް ސިއްރުކުރާނީ.. " ރޮވިފައިވާ އަޑަކުން ރީނާ ބުންޏެވެ. މުއީން ވަކިޖަވާބެއް ނުދީ އެނބުރުނީ އަނެއްފަރާތަށެވެ. އެވަގުތު އޭނާގެ ލޮލުގެ ކަނަކުން ފޭދިގައި އައި ކަރުނަތިކި ވެއްޓުނީ ބާލީހަށެވެ. ކިރިޔާވެސް އުއްމީދެއް އޮތްނަމަ ރޫބީއަށް އެއްވެސް ކަމެއް އަންގަން އޭނާ ބޭނުން ނުވަނީއެވެ.

*******************

އާކިންއަށް ހޭލެވުނީ ނުވައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. އެހާއިރު ވަންދެން ނިދަން އޮތުމަކީ އޭނާ އާދަވެފައިވާ ކަމެއް ނޫނެވެ. އަވަހަށް އޮތްތަނު ތެދުވެ ތުވާލި ހިފައިގެން އޭނާ ފާހާނައާ ދިމާލަށް ހިނގައިގަތެވެ. ހަމަ އެވަގުތު ފާހާނައިން ނިކުތް ރޫބީ ގައިގައި އާކިން ނުޖެހުނީ ކިރިޔާއެވެ. ބާތްރޯބްގައި ހުރި ރޫބީ އިސްޖަހައިލީ އެފަދަ ގޮތަކަށް ހުއްޓާ އާކިންއަށް ފެނުމުންނެވެ. އޭނާ ހީކުރީ އާކިން ތެދުވަން ވާއިރަށް އޭނާއަށް ތައްޔާރުވެގެން ތިރިއަށް ދެވޭނެ ކަމަށެވެ. އާކިން ދެބުމަ ގޮށްޖަހައިލައިގެން ހުރެ ރޫބީއާ ނަޒަރު ވަކިކޮށްލުމަށްފަހު ފާހަނާއަށް ވަދެ ދޮރުލެއްޕިއެވެ. ރޫބީވެސް އަވަސްއަވަހަށް ގޮސް ކްލޯޒެޓަށް ވަދެ ކުރުތާއަކާއި ޖިންސެއް ލައިގެން ނިކުތެވެ. އާކިން ފާހާނައިން ނިކުތީ ރޫބީ ލޯގަނޑު ކުރިމަތީގައި ފުނާއަޅަން ހުއްޓައެވެ. ހަމައެކަނި ތުވާޔެއްގައި ހުރި އާކިން ލޯގަނޑުން ފެނުމުން ރޫބީގެ މޫނު ރަތްވެގެން ދިޔައެވެ. އަވަސްއަވަހަށް އިސްޖަހައިލެވުނީ އިތުރަށް އެމަންޒަރަށް ބަލަން ނުކެރިގެންނެވެ. އާކިން ކްލޯޒެޓަށް ވަނުމުން ރޫބީ އަވަހަށް ތައްޔާރުވެގެން ކޮޓަރިން ނިކުތެވެ. ބަދިގެއާ ދިމާލަށް ދިޔައިރު މޭޒު ކައިރީގައި ސައިބޯން އިނީ އަމްރާ އެކަންޏެވެ.

" މޯނިންގް ރޫބީ..." ސީރިއަލް ތައްޓެން ކާންއިން އަމްރާ ބުނެލިއެވެ.

" މޯނިންގް.. ކޮބާ އެހެންމީހުން..." އެތަނުން ގޮނޑިއެއްގައި އިށީންނަމުން ރޫބީ އަހައިލިއެވެ.

" މަމް އާއި ބައްޕަ އަދި ރިކީ ދިޔައީ އޮފީހަށް.. ޒޫން ވެއްޖެ އޭނާ މަންމަމެން ގެއަށް ގޮއްސަ.. ކޮބާ އާކި؟" އަމްރާވެސް އަހައިލިއެވެ.

" އެބަ އާދޭ.." ރޫބީ ބުންޏެވެ. އެއަށްފަހު ޕާނެއް ނަގައިގެން އޭގައި ބަޓަރު ހާކަން ފެށިއެވެ. އާކިން އައިސް ގޮނޑިއެއް ދަމާލާފައި އިށީނީ ރޫބީ ސައިބޮއެ ނިމުނުތަނާއެވެ.

" ދޮންތި ބަޓަރ ތަށި ދިއްކޮށްލަބަލަ..." ޕާނެއް ނަގަމުން އާކިން ބުނެލިއެވެ. އަމްރާ ހައިރާންވެފައި އެއްފަހަރު އާކިން އަށް ބަލައިލުމަށްފަހު އަނެއްފަހަރު ރޫބީއަށް ބަލައިލިއެވެ.

" ރޫބީ އާކި ބުނީ ބަޓަރ ތަށި ދިއްކޮށްލާށޯ..." އަމްރާ ބުނެލިއެވެ. އެވަގުތު ރޫބީގެ މޫނުމަތިން ފެނުނު ޖެހިލުންވުމާއި އާކިންގެ މޫނުމަތިން ފެނިގެން ދިޔަ ގަޔާނުވުނުން އަމްރާއަށް ރަނގަޅަށް ފާހަގަވިއެވެ. ރޫބީ ބަޓަރުތަށި އާކިންއާ ގާތްކޮށްލައިދިނެވެ. ގަޔާނުވެފައި އިނދެވެސް އާކިން ޕާނުގައި ބަޓަރު ހާކައިގެން ކާންފެށިއެވެ.

" ރޫބީ!! އާކި ނުބޯނެ އޮރެންޖް ޖޫހެއް.. ފްރިޖްގަ ހުންނާނެ އާކިއަށް ވަކިން ހަދާފައި ހުރި މެންގޯ ޖޫސް.." ނުސީދާކޮށް އަމްރާ ބުނެލިއެވެ. މިފަހަރުވެސް ރޫބީގެ މޫނުމަތިން ފެނިގެން ދިޔައީ ޖެހިލުންވުމެވެ. އޭނާއަށް ބަލއިލެވުނީ އާކިންގެ މޫނަށެވެ. އާކިންގެ ނަޒަރު ހުއްޓިފައި ހުރީ އަތުގައި އޮތް ޕާނަށެވެ. ރޫބީ ޖެހިލުންވެފައި ހުރެ އިންތަނުން ތެދުވެގެން ގޮސް ފްރިޖުން ޖޫސް ޖަގު ނަގައިގަގެން އައިސް ތައްޓަކަށް ޖޫސް އެޅުމަށްފަހު އާކިން ކައިރީގައި ބެހެއްޓިއެވެ. ރޫބީއަށް ބަލައިވެސް ނުލާ އެއްނޭވައިން ޖޫސްތަށި ހުސްކޮށްލުމަށްފަހު އާކިން އިންތަނުން ތެދުވެ ދާން ހިނގައިގަތެވެ. އަމްރާ ވަރަށް ރަނގަޅަށް އެދެމީހުންގެ ޙަރަކާތްތަކަށް ބަލަން އިނެވެ. މިއަދުގެ އަވަގުތުކޮޅުންވެސް އޭނާއަށް އެއްކަމެއް ޔަގީންވެއްޖެއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 16 ނޮވެމްބަރ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް