ޔޫއޭއީގެ ޝާހީ ޢާއިލާގެ މެންބަރަކު މަސްތުގެ ހާލަތުގައި ކުޑަކުއްޖަކަށް އިހުމާލުވި ކަމަށް ކޯޓުގައި އެއްބަސްވެއްޖެ

އަބޫ ދާބީ ޝާހީ ޢާއިލާއާ ގުޅިފައިވާ މަހްރާ އަލް ނަހްޔާން، ކޮކެއިން ބޭނުންކޮށް ހޭނެތިފައި އޮއްވައި ކުޑަކުއްޖަކު ބެލެހެއްޓުމެއް ނެތި ދޫކޮށްލި މައްސަލައިގައި ލަންޑަން ކޯޓުގައި ކުށަށް އެއްބަސްވެ، މުޖުތަމަޢީ އަދަބަކާއި ޖޫރިމަނާއެއް ކަނޑައެޅިއްޖެއެވެ.

16 Oct 2026 | 11:06
މަހްރާ އަލް ނަހްޔާން --

މަހްރާ އަލް ނަހްޔާން --

ޔޫއޭއީގެ އަބޫ ދާބީގެ ޝާހީ ޢާއިލާއާ ކައިވެނީގެ ގޮތުން ގުޅިފައިވާ އުމުރުން 32 އަހަރުގެ މަހްރާ އަލް ނަހްޔާން، ކުޑަކުއްޖަކަށް އިހުމާލުވުމުގެ ދައުވާއަށް ލަންޑަނުގެ ސައުތުވާކް ކްރައުން ކޯޓުގައި އެއްބަސްވެއްޖެއެވެ.

މި އަހަރުގެ ޖޫން މަހު ހުޅަނގު ލަންޑަނުގައި ކޮކެއިން ބޭނުންކުރުމަށް ފަހު މަގުމަތީގައި ހޭނެތިފައި އޮއްވައި މަހްރާ ފެނުނީ، ތިން އަހަރުގެ ކުޑަކުއްޖަކު ބެލެހެއްޓުމެއް ނެތި ހުސް ފައިގައި ޓްރެފިކާ ކައިރީގައި ކުޅެން ހުއްޓައެވެ. އެ ވަގުތު މަހްރާގެ ގާތުގައި ފިރިހެނަކު ވެސް ހޭނެތިފައި އޮތެވެ. ނަމަވެސް އެ ކުއްޖާއާ މަހްރާއާ ދެމެދު އޮތް ގުޅުމެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔައިރު މަގުން ދިޔަ މީހުން ވަނީ އެ ކުއްޖާ ބަލަހައްޓައިފައެވެ. ފުލުހުންނަށް މަހްރާ ކައިރިން މަސްތުވާތަކެތި ބޭނުންކުރާ ސާމާނު ފެނުނު ނަމަވެސް، ޣައިރު ޤާނޫނީ މާއްދާއެއް ފެނިފައެއް ނުވެއެވެ.

ކޯޓުގައި މަހްރާގެ ދިފާޢީ ވަކީލު ސްޓީވަން ވުލޯ ބުނީ، "އޭނާ ކުރި ކަންތަކާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި، އެ ދެވިހިފުމުން ސަލާމަތްވުމުގެ ވަރުގަދަ ޢަޒުމެއް ފެންނަ" ކަމަށެވެ.

ކޯޓުން ވަނީ މަހްރާގެ މައްޗަށް ދެ އަހަރު ދުވަހުގެ މުޖުތަމަޢީ އަދަބެއް ރީހެބިލިޓޭޝަންގެ ޝަރުތާ އެކު ކަނޑައަޅައި، 8,000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. ކޯޓުގެ ލިޔެކިޔުންތަކުން ހާމަވި ގޮތުގައި މަހްރާއަށް ކޮންމެ މަހަކު 8,000 ޔޫރޯގެ ޢާމްދަނީއެއް ލިބެއެވެ. އެ ޢާއިލާގެ ޖުމްލަ މިލްކިއްޔާތު ގާތްގަނޑަކަށް 300 ބިލިއަން ޑޮލަރު ކަމަށް އަންދާޒާކުރެވެއެވެ.

މިހާރު ސަރީ ސަރަހައްދުގެ ވޮކިންގައި ހުންނަ ޕްރައޮރީ ކްލިނިކުގައި މަސްތުވާތަކެތީގެ ފަރުވާ ހޯދަމުންދާ މަހްރާ، ތިން މަސް ދުވަހުގެ ފަރުވާގެ ޕްރޮގްރާމް މި މަހު ނިމޭނެ ކަމަށާއި އެއަށް ފަހު އެ ކްލިނިކާ ކައިރިން ގެއެއް ކުއްޔަށް ހިފައި ޑޭ ޕޭޝަންޓެއްގެ ގޮތުގައި ނާކޮޓިކްސް އެނޮނިމަސްގެ ޕްރޮގްރާމަށް ހާޒިރުވާނެ ކަމަށް އެ ފަރާތުގެ ވަކީލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް