އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސް ޑރ. މުއިއްޒުއާއި އެކު -- ފޮޓޯ: ރައީސް އޮފީސް
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދޫކޮށްފައިވާ 30 ބިލިއަން ރުޕީސް (319 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފެސިލިޓީގެ މުއްދަތު ދިގުކޮށްދީފައި ވަނީ ދިވެހި ސަރުކާރަށް މާލީ ގޮތުން އެހީތެރިވެދިނުމުގެ ބޭނުމުގައެވެ. އެމްއެމްއޭއިން މި ފެސިލިޓީ ހޯދާފައި ވަނީ މި އަހަރުގެ އެޕްރީލް 23 ގައެވެ. މިއީ ތިން މަހުގެ ކުރު މުއްދަތަކަށް ދޫކުރާ ފައިނޭންސިން ފެސިލިޓީއެކެވެ. ކުރިން ވެސް ސަރުކާރުން ނެގި މިފަދަ ސްވޮޕް ފެސިލިޓީތައް ހަ މަހަށް ދިގުދެންމި ތާރީޚެއް އެބައޮތެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މި އަހަރު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްކޮށް އަދާކޮށްފައެވެ. އެއާ އެކު، މިދިޔަ ސެޕްޓެމްބަރުގައި އިންޑިއާ ސަރުކާރުން އިޝޫކުރި 50 މިލިއަން ޑޮލަރުގެ ޓީބިލް ވެސް ދައްކައި ޚަލާސްކޮށްފައިވެއެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް ތިން ބުރެއްގެ މަތިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މިހާރު ވަނީ އެއްކޮށް ދައްކައި ނިމިފައެވެ.
ހައި ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ އެ ތިން ޓީބިލްގެ އިންޓަރެސްޓް ރޭޓުގެ ގޮތުގައި 43 މިލިއަން ޑޮލަރު ދައްކާފައި ވަނީ އިންޑިއާ ސަރުކާރުން ކަމަށެވެ. މީގެ އިތުރުން، ކަރަންސީ ސްވޮޕާއި ޓީބިލް ފެސިލިޓީގެ ބޭރުން ދިގު މުއްދަތުގެ ޓީ ބޮންޑު ދެ ފެސިލިޓީއެއް ވެސް ރާއްޖެއަށް ދޫކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. އެއީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދެ ފެސިލިޓީއެވެ.
ސްވޮޕް ފެސިލިޓީގެ މުއްދަތު ދިގުކުރި އިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައެވެ. ކަރަންސީ ސްވޮޕް ބޭނުންކުރަނީ ރިޒާވް ވަރުގަދަކުރުމުގެ ގޮތުން ކުރު މުއްދަތުގެ ފައިނޭންސިން ވަސީލަތެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް