ނޫސްވެރިޔާގެ މަރާއި ވަލީ އަޙްދާއި ގުޅުމެއް ނެތް: ސައުދީ ޚާރިޖީ ވަޒީރު

ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ސައޫދީ ނުސްވެރިޔާ ޖަމާލް        ހާޝުގްޖީގެ މަރާއި ސައޫދީ ވަލީ އަޙްދާއި އެއްވެސް ގުޅުމެއް ނެތްކަމުގައި އެގައުމުގެ ޚާރިޖީ ވަޒީރ...

16 Nov 2018 | 10:08

ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ސައޫދީ ނުސްވެރިޔާ ޖަމާލް        ހާޝުގްޖީގެ މަރާއި ސައޫދީ ވަލީ އަޙްދާއި އެއްވެސް ގުޅުމެއް ނެތްކަމުގައި އެގައުމުގެ ޚާރިޖީ ވަޒީރު އާދެލް އަލް-ޖުބެއިރް ވިދާޅުވެއްޖެއެވެ.

ޖުބެއިރް މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޖުބެއިރް މިހެން ވިދާޅުވެފައިވާއިރު ހާޝުގްޖީގެ މަރާއި ގުޅިގެން ސައުދީގެ ޕަބްލިކް ޕްރޮސެކިއުޝަނުން ހިންގި ތަހުގީގުގެ ބައެއް މައުލޫމާތު އިއްޔެ ވަނީ ހާމަކޮށްފައެވެ. އެގޮތުން ބުނެފައިވަނީ އެ މައްސަލައިގާ 21 މީހަކު ތަހުގީގު ކުރަމުން އަންނައިރު ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ 11 މީހެއްގެ މައްޗަށް އުފުލާފައިވާކަމަށެވެ. ނަމަވެސް އޭގެން އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ބުނެފައިވަނީ ހާޝުގްޖީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަކިވަކިކޮށް ކޮންސިއުލޭޓުން ބޭރަށް ގޮސްފައިވާކަމަށް އޭގެ ތެރެއިން ފަސް މީހަކު އެއްބަސްވެފައިވާކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައިތައް ނައްތާލުމަށް ހަވާލުކުރީ ތުރުކީ މީހަކާއި ކަމަށާއި އެމީހާގެ ސްކެޗެއް މިހާރު ތައްޔާރުކޮށް، ތުރުކީގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލުކޮށްފައިވާކަމުގައިވެސް ސައޫދީ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފައިވެއެވެ.

ނޫސްވެރިޔާ ޖަމާލް ހާޝުގްޖީއަކީ ސައުދީގައި ހިޔާލު ފާޅުކުމުގެ މިނިވަންކަން ނެތްކަމަށްބުނެ އެމެރިކާއަށް ބަދަލުވެ އެމެރިކާގައި އުޅެމުންދިޔަ ނޫސްވެރިއެކެވެ. ފާޅުގައި ސައޫދީގެ ސިޔާސަތުތަކަށާއި ވަލީ އަޙްދު މުހައްމަދު ބިން ސަލްމާނަށް ފާޑުކިޔަމުންދިޔަ މި ނޫސްވެރިޔާ މަރާލާފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީ އަންހެނަކާއި ކައިވެނި ކުރުމަށް، ސައުދީ ކޮންސިއުލޭޓުން ނަގަންޖެހޭ ލިޔުމެއް ނެގުމަށް ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަތަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް