މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ ޖަނަވަރީން އޮކްޓޫބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީ 11.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިއީ 2014 ވަނަ އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު 15.5% ގެ ކުރިއެރުމެކެވެ.
މި އޮކްޓޫބަރު މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ޖެނެރަލް ޖީ.އެސް.ޓީ ގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާގެ އަދަދު 23.5% އިތުރުވުމާއި ޓީ.ޖީ.އެސް.ޓީ ގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާގެ އަދަދު 27.4% އިތުރުވުމެވެ.
އޮކްޓޫބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 45.3% އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ 22.9% އެވެ. އެހެންކަމުން އޮކްޓޫބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ 68.2% ހިއްސާކުރަނީ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ އެވެ.
އޮކްޓޫބަރު 2015 ގައި މީރާއަށް ބަލައިގަތް އާމްދަނީއަކީ 717.7 މިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ އޮކްޓޫބަރު 2014 ގައި ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު 6.1% ގެ ކުރިއެރުމެކެވެ. އަދި މިއީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި ޢަދަދަށްވުރެ 19.5% އިތުރު އަދަދެކެވެ. މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 28.0 މިލިއަން ޑޮލަރު ހިމެނެއެވެ.
އޮކްޓޫބަރު މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީވެސް ޖީ.އެސް.ޓީ އެވެ. އެއީ 462.5 މިލިއަން ރުފިޔާ ނުވަތަ 64.4% އެވެ. އޮކްޓޫބަރު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ (65.1 މިލިއަން ރުފިޔާ ނުވަތަ 9.1%) އެވެ. މީގެ އިތުރުން، ބީ.ޕީ.ޓީ (40.2 މިލިއަން ރުފިޔާ ނުވަތަ 5.6%) އާއި އެއަރޕޯޓް ސަރވިސް ޗާޖު (38.6 މިލިއަން ރުފިޔާ ނުވަތަ 5.4%) އަދި ޓޫރިޒަމް ލޭންޑް ރެންޓް (35.3 މިލިއަން ރުފިޔާ ނުވަތަ 4.9%) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް