ހުކުރުނަމާދަށްފަހު މިސްކިތުންބޭރުގައި ކުރާ ދުޢާގައި ބައިވެރިނުވުމަށް އިލްތިމާސް ކޮއްފި

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު މިސްކިތުންބޭރުގައި ކުރަމުންދާ ދުޢާގައި ބައިވެރިނުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އިލްތިމާސް ކުރައްވައިފިއެވެ. އެމިނިސްޓްރީން ނެރެފައިވާ ނޫ...

16 Nov 2015 | 17:29

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު މިސްކިތުންބޭރުގައި ކުރަމުންދާ ދުޢާގައި ބައިވެރިނުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އިލްތިމާސް ކުރައްވައިފިއެވެ.

އެމިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް ދިވެހިންގެ ތެރެއިން މަދުބަޔަކު ކޮންމެ ހުކުރުދުވަހެއްގެ ހުކުރު ނަމާދަށްފަހު ދުޢާއެއް ކުރާކަމަށާއި އެދުޢާގައި ވަކިބައެއްގެ މައްޗަށް ބަދު ދުޢާ ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިސްލާމްދީނުގައި މުސްލިމަކު، މުސްލިމެއްގެ މައްޗަށް ބަދު ދުޢާ ކުރުމަކީ ޙަރާމް ކަމަކަށްވެފައި މިދުޢާ ކުރަނީ ގިނަބައެއްގެ ކުރިމަތީގައި ދެއްކުންތެރިކަމުގެ ގޮތުންކަމަށްވާތީ، އެއީ މާތްﷲ ރުހިވޮޑިނުގަންނަވާ ކަމަކަށް ވުމާއެކު، މިސްކިތުންބޭރުގައި އެގޮތަށް ކުރާ ދުޢާގައި ބައިވެރި ނުވުމަށާއި އެގޮތަށް ދުޢާ ނުކުރުމަށް އެންމެހާ ލޮބިވެތި ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ކަމަށްވެސް އިސްލާމިކު މިނސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު ނަމްބަރު 6/94ގެ 4ވަނަ މާއްދާގެ (ހ) އަދި (ށ)އާއި ޚިލާފު ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މިގޮތަށް ދުޢާ ކުރުމުން ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުދެފޭކަމެއްގެ އިތުރުން މިކަމަކީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ނަހީ ކުރައްވާފައިވާ ކަމަކަށްވާތީ، މިކަން މިގޮތަށް ތަކުރާރުކުރާ ފަރާތްތަކާމެދު ދައުލަތުގެ ކަމާބެހޭ މުއައްސަސާ މެދުވެރިކޮށް ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އިސްލާމިކު މިނިސްޓްރީގެ ބަޔާނުގައިވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް