އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީގެ މައްޗަށް ކުރިހޯދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ލީގުގެ ތިންވަނައަށް ޖެހިލައިފި އެވެ.
ކުއްލި ހާލަތާ ގުޅިގެން ލީގު މެދުކަނޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައި 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ހާފްގައި ވެސް މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން މާޒިޔާގެ ބިދޭސީ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ވިކްޓްރީން ވަނީ މެޗުގެ ލީޑުނަގައިފައެވެ. ވިކްޓްރީއަށް ލިބުނު ހިލޭޖެހުމަކުން މި ގޯލް މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، މުހައްމަދު ތަސްމީންއެވެ. ނަމަވެސް ވިކްޓްރީން ގޯލްޖެހިތާ ދެ މިނެޓްފަހުން މާޒިޔާގެ، އަހުމަދު ނާޝިދު (ނައްޓޭ) ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އޭގެ އިރުކޮޅެއްފަހުން ނާޝިދަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން، އަސަދުﷲ އަބްދުﷲ ވަނީ މެޗުގެ ލީޑު މާޒިޔާއަށް ނަގައިދީފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މާޒިޔާގެ ފަހު ލަނޑުވެސް ކާމިޔާބުކޮށްދިނީ އަސަދުﷲ އެވެ.
މި މޮޅާއެކީ މާޒިޔާ ލީގުގެ ތިންވަނައިގައި އޮތީ، 15 ޕޮއިންޓާއެކީގައެވެ. މި މެޗުން ބަލިވި ވިކްޓްރީ އޮތީ، 13 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ. ލީގުގެ އެއްވަނައިގައި 23 ޕޮއިންޓާއެކީ ނިއު އޮތްއިރު، ދެވަނައިގައި 21 ޕޮއިންޓާއެކީ އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް