ރޭގެ މެޗުން އެއްވަނަ ބިލިއާޑް ކުޅުންތެރިޔާއަށް ހަނި މޮޅެއް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގައި ރޭ ކުޅުނު މެޗުން ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފް ހަނިތަ...

16 Nov 2015 | 05:20

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގައި ރޭ ކުޅުނު މެޗުން ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފް ހަނިތަފާތަކުން މޮޅުވެއްޖެ އެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ މުހައްމަދު ޝަރީފް ނުކުތީ އަހްމަދު ޝިހާދުއާ ދެކޮޅަށެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޝަރީފް އަދި ޝިހާދުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މިމެޗުން ޝަރީފް މޮޅުވީ 7-6 ފްރޭމްއިންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އަހްމަދު ރަމްޒީއާ ދެކޮޅަށް ކުޅުނު މެޗު ހަސަން ރާޖޭޝް މޫސާ ވަނީ 7-3 ފްރޭމްއިން ކާމިޔާބުކޮށްފައެވެ. އަހްމަދު އަފްރާހު އިސްމާއިލްއާ ދެކޮޅަށް ކުޅުނު މެޗު އަހުސަން ހާޝިމް ކާމިޔާބުކުރީ 3-7 ފްރޭމްއިންނެވެ.

އަހްމަދު ޝުޖާއުއާ ދެކޮޅަށް ކުޅެ ހުސައިން ސަނީފް 5-7 ފްރޭމްއިން މޮޅުވިއިރު، ހަސަން ޝަފްރާޒް އަތުން ހުސައިން ފަޔާޒް މޮޅުވެފައިވަނީ 3-7 ފްރޭމްއިންނެވެ. ހަސަން ޝާޒް މުހައްމަދު އަތުން ދުންޔާޒް މުހައްމަދު 2-7 ފްރޭމްއިން މޮޅުވިއިރު، ސޮއްފާން ޝާކިރު އަތުން ޔޫސުފް ޒުބައިރު މޮޅުވީ 7-1 ފްރޭމްއިންނެވެ. އަދި އަހްމަދު ޝަރީފް ހުސައިންއާ ދެކޮޅަށް ކުޅުނު މެޗުން އަލީ ޝާވިން މޮޅުވީ 7-3 ފްރޭމްއިންނެވެ.

މިމުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރެ އެވެ. އެމްޕީބީއޭ ރޭންކިންގްގެ ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނަށް އޮޓޮމެޓިކް ޖާގައެއް ދީފައިވާއިރު، އަނެއް 16 ކުޅުންތެރިން ހޮވާފައިވަނީ ކޮލިފައިން ބުރުންނެވެ. މިމުބާރާތް ކުރިއަށްދަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މިމަހުގެ 11 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ހޯދާ ކުޅުންތެރިޔާއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ރަނަރަޕް ކުޅުންތެރިޔާއަށް 3000 ރުފިިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށް ހޮވޭ ކުޅުންތެރިޔާއަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވެސް ވަނަވަނައަށް ހޮވޭ ކުޅުންތެރިންނަށް އިނާމުތަކެއް ހުށަހަޅާގޮތަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް