ކީރިތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަނަދުން ގުޅިފައިވާ ގާރީއަކު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ އަލީ ވަހީދު ވިދާޅުވީ އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ ހައިޔަތުލް އާލަމިއްޔާ ލިތަހްފީޒުލް ޤުރުއާން ޖަމިއްޔާގެ ފަރާތުން ފޮނުވާ ޔަމަނުގެ ގާރީއެއް ކަމަށްވާ އަލްހާފިޒް އަހުމަދުއް ރަމާދީ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އެބޭފުޅާ ރާއްޖެ ވަޑައިގެންނަވަނީ ޤުރުއާނާ ބެހޭ މަރުކަޒުން ކުރިޔަށް ގެންދާ ހާފިޒުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްގެ ޓީޗަރެއްގެ ގޮތުގައި ކަމަށެވެ.
ރަމާނީ ރާއްޖޭގައި ދެ އަހަރު ދުވަސް ހޭދަ ކުރައްވާގޮތަށް ހަމަޖެހިފައިވާއިރު، އެ މުއްދަތުގައި އޭނާއަށް ޤުރުއާން ހިތުދަސް ކުރުމަށް ފަހު ކިޔައިދޭ ކޮންމެ ދިވެއްސަކުވާނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަނަދުން ގުޅިފައިވާ ހާފިޒަކަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ފުރުސަތަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުން މިހާރު ހާފިޒު ކަމުގެ ސަނަދު އޮތް ބޭފުޅުންނަށްވެސް އަލުން ޤުރުއާން ހިތުން ކިޔައިދިނުމުގެ ފުރުސަތު ހޯދައިދޭނެކަމަށް ވިދާޅުވި އެވެ.
"ދިވެހިންގެ ތެރޭގައި ވަރަށް މަދުވާނެ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަނަދުން ގުޅިފައިވާ ހާފިޒުން. އެހެންވެ އަސްލު މި ފުރުސަތުގެ ބޭނުން ހިފައިގެން ދެ އަހަރުތެރޭގައި ގިނަ ބަޔަކު ޤުރުއާން ހިތުދަސް ކުރަން އަޅުގަނޑުމެން އެދެން. ދެން އެ ބޭފުޅާއަށް އަލުން ޤުރުއަން ހިތުން ކިޔައިދޭން ބޭނުންވާ ހާފިޒުންނަށްވެސް އެ ފުރުސަތު ވަގުތު އޮތް ވަރަކުން އަޅުގަނޑުމެން ހޯދައިދޭނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ އަލް ހާފިޒް ރަމާނީއަށް އަލުން ޤުރުއާން ހިތުން ކިޔައިދޭން ބޭނުންވާ ދިވެހި ހާފިޒުން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިދިޔަ ހަފްތާގައި ހުޅުވާލާފައި އެވެ. ޤުރުއާނާއި ބެހޭ މަރުކަޒުން ބުނީ ހާފިޒުން ޖެހޭނީ އެކަމަށް އެދި ސިޓީލާން ކަމަށާއި ސިޓީލުމުގެ ފުރުސަތު އަންނަ މަހުގެ 11 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ރަމާނީ ރާއްޖޭގައި ހުރުމުގެ އިންތިޒާމް ފިޔަވާ މުސާރައާއި އެހެނިހެން ކަންކަމަށް ހަރަދު ކުރަނީ ރާބިއަތުލް އާލަމިއްޔާގެ ފަރާތުންނެވެ. ރަމާދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހު އެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަނަދުން ގުޅުމަކީ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ޤުރުއާން ހިތުން ކިޔައިދެއްވާފައިވާ އަސްހާބު ބޭކަލުންނަށް ޤުރުއާން ހިތުން ކިޔައިދީފައިވާ ބޭފުޅުން ގުޅިފައިވާ ގުޅުމަށް ކިޔާ ނަމަކެވެ. މިފަދަ ބޭފުޅަކަށް ޤުރުއާން ހިތުން ކިޔައިދެވިއްޖެނަމަ އެއީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އަދި އެހާފިޒަކު ކީރިތި ރަސޫލާގެ ސަނަދުން ގުޅިގެން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް