ހުޅުމާލޭގައި ދުއްވި ޓެކްސީއެއްގައި ބަނގުރާ ގެންގުޅުނު 3 މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 50 އަހަރު ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި އެންމެންނަކީވެސް ދިވެހިން ކަމަށެވެ.
އެ ޓެކްސީއާއި މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ދުއްވާ އެ ޓެކްސީގައި ދަތުރުކުރަމުންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 20:00 ހާއިރުކަމަށާއި އެ މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުން އެ ޓެކްސީ މަޑުކުރަން އެންގުމުން ކުއްލިއަކަށް މަޑުކުރުމަށްފަހު ޓޭކްސީން ފާބައިގެން ފިލަން މަސައްކަތް ކުރަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހިމެނޭ ބަނގުރާ ފުޅި ފެނިފައިވަނީ އެ ޓެކްސީ ހުއްޓުވައި ބަލައި ފާސްކުރިއިރު ކަމަށާއި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް، 50 އަހަރުގެ މީހާއާއި 33 އަހަރުގެ މީހާގެ ބަންދަށް 3 ދުވަސް އަދި 21 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ދީފައިވާކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 33 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް