މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނަށާއި އެކި ބޭނުންތަކަށް އެގައުމަށް ގޮސް އުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ފުޓްސަލް ކާނިވަލެއް އިއްޔެ ބާއްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގެ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ފުޓްސަލް ކާނިވަލެއް ބާއްވާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު އަންނަ އަހަރު ފުރޭތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށާއި މި ފުޓްސަލް ކާނިވަލް ބާއްވާފައިވަނީ އެކްސްޓްރީމް ޕާކް ސްޕޯޓްސް ސެންޓަރުގައި ކަމަށެވެ.
އިއްޔެ ކުރިއަށްދިޔަ ފުޓްސަލް ކާނިވަލުގައި 39 ޓީމު ބައިވެރިވެފައިވާއިރު މިއީ މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން އެއް ތަނަކަށް ޖަމާވެ ކާނިވަލެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މި ކާނިވަލް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ފަރާތުން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ މުހައްމަދު ފަޔާޒް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް