ކޮޅިގަނޑު ހުރީ މަލިކު ކައިރީގައި -
ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ ރާއްޖެ
ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު ރާއްޖޭގެ އުތުރުން މަލިކު ކައިރީގައި
ކޮޅިގަނޑެއް އުފެދިއްޖެއެވެ.
ދުވަހަށް މަޢުލޫމާތުދެމުން މޫސުމާއިބެހޭ ޤައުމީ
އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ މަލިކާއި
ވަރަށް ކައިރީގައި ހުރި އެ ކޮޅިގަނޑުގެ ސަބަބުން ގިނަ ޢަދަކަށް ވިއްސާރަވިލާ
އުފެދިފައިވާއިރު ރާއްޖެއާއި ދުރަށް ކޮޅިގަނޑުގެ މިސްރާބު ހުރި ނަމަވެސް ކޮޅިގަނޑު
ދަތުރުކުރަނީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށެވެ.
އިންޑިއާގައި ގާއިމުކޮށްފައިވާ ސަރަހައްދީ
މޫސުމާއިބެހޭ އިދާރާއިން ލަފާކޮށްފައިވަނީ އެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑުގެ ދަރަޖަ "ޑިޕްރެޝަން"
އަކަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
ސައިކްލޯނިކް ސާކިއުލޭޝަންތަކުގެ ދަރަޖަތަކަށް
ބަލައިލާއިރު ލޯ-ޕްރެޝަރު އޭރިއާއެއް އުފެދި، އެއަށްފަހު ވެލް-މާކްޑް ލޯ ޕްރެޝަރަކަށް
ބަދަލުވެ، ޑިޕްރެޝަނަކަށް ބަދަލުވެ، ޑިޕްރެޝަނަކުން ޑީޕް ޑިޕްރެޝަނަކަށް ބަދަލުވެ
ތޫފާނަކަށް ބަދަލުވެ ދެއެވެ.
ބަންގާޅު ކަނޑާއި އަރަބިކަނޑުގެ ތޫފާނީ ދުވަސްވަރު
މިހާރު ފެށިފައިވާއިރު މި އަހަރުގެ ފުރަތަމަ ތޫފާން ކަމުގައިވާ ތޫފާން
"ޝަކްތީ" އުފެދި ހިނދިގެން ދިޔައީ މި މަހުގެ ކުރީކޮޅުގައެވެ. ދެ
ފަޅިންކުރެ ފަޅިއެއްގައި ދެން އުފެދޭ ތޫފާނަކަށް ދޭނެ ނަމަކީ ތޫފާން
"މޮންތާ" އެވެ. އެއީ ތައިލެންޑުން ދޭ ނަމެކެވެ.
ކޮޅިގަނޑު އުފެދި ބާރުގަދަވަމުން އަންނައިރު މި
މަހުގެ 20 އާއި ހަމައަށް މޫސުން ގޯސްވާނެކަމަށް މެޓުން މިއަދު ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް