ހިތާމަވެރި ދެ ހާދިސާ -
ރޭ ދަންވަރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން
މީހަކު ގެއްލި އެ ހާދިސާގައި ދިވެއްސެއްގެ ފުރާނަ ގެއްލިއްޖެއެވެ. މުދާ ބަރުކޮށްގެން
ދަތުރުކުރަމުންދިޔަ "ނަސްރު" ބޯޓު މުދަލާއެކު އަޑިއަށް ގޮސްފިއެވެ.
މި ބަލައިލަނީ މިއަދު ފާއިތުވި ގަޑި ދެ ގަޑިއިރެއްހާއިރު
ތެރޭގައި މޫސުމާއިގުޅޭގޮތުން މެޓް އޮފީހާއި އެމްއެންޑީއެފް އާއި ފުލުހުން
ނެރެފައިވާ އެޑްވައިޒަރީ ތަކަށެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)
މެޓުން 02:00 ގައި ނެރުނު މޫސުމީ ބުލެޓިންގައި ބުނެފައިވަނީ ރާއްޖެ
ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް
ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ، އެންމެން އަދި ޚާއްޞަކޮށް
ދަތުރުވެރީން، މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމާއެކު މޫސުމަށް
ސަމާލުވުމަށް ދަންނަވާކަމަށެވެ.
- މާދަމައިން ފެށިގެން އަންނަ ހޯމަޔާއި ހަމައަށް މެޓުން
ލަފާކުރާ މޫސުން
- ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ
- އާއްމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި
އިތުރަށް ގަދަވާނެ
- އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ
- ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު
ކުރުން އެކަށީގެންވޭ
އެމްއެންޑީއެފުން ބުނަނީ:
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ދުވަސްވަރަކީ ރާއްޖެއަށް
މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުމާ ބެހޭ ޤައުމީ
އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން
މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.
"ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް
ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން
ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަމު"
އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މިގޮތުން ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް
އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި
މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް
ވެސް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.
އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި
އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި
ބެހެއްޓުމަށާއި ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު
ވަންދެން ދަތުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ
އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އެމްއެންޑީއެފްއިން
އިލްތިމާސްކޮށްފައިވެއެވެ.
ފުލުހުންގެ ބަސް
އެމްއެންޑީއެފްގެ އެ އިލްތިމާސަށް ބާރުދެމުން
ފުލުހުންވެސް ބުނެފައިވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި
އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ
އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް