ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ - ފޮޓޯ: މެރިން ޕޮލިސް
ރޭ މެންދަމު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި
ނިޔާވެފައި އޮއްވާ ކަނޑުއަޑިން ފެނުނު މީހާގެ މަޢުލޫމާތު ދިވެހި ފުލުހުން ހާމަކޮށްފިއެވެ.
"ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނިފައިވަނީ
ގއ. ދާންދޫ، އުމުރުން 38 އަހަރުގެ އަހްމަދު ޝިފާން" ފުލުހުން ބުނެފައިވެއެވެ.
އެ ހާދިސާއާއި ގުޅޭގޮތުން މެރިން ޕޮލިސް އިން
ބުނެފައިވާގޮތުގައި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ އެ ކޮޅުވެއްޓި
ބަންޑުން ޖަހާލާފައިވަނީ ރޭ މެންދަމު 03:30 ހާއިރުގައެވެ.
އާއިލާފުށި ރިސޯޓުގެ މޭލެއްހާ ބޭރުން ބަންޑުން
ޖަހާލި އެ ކޮޅުވެއްޓިއަކީ މާލެއިން ފުރައިގެން ކ. އެރިޔަދޫ ރިސޯޓަށް ދަތުރުކުރަމުންދިޔަ
ކޮޅުވެއްޓިއެއް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ތިބީ
ހަތަރު ދިވެއްސަކާއި އިންޑިއާގެ ދެމީހަކާއި ލަންކާ މީހެއް ކަމަށް މެރިން ޕޮލިސް
އިން ދުވަހަށް މަޢުލޫމާތު ދީފައިވެއެވެ.
ހާދިސާގައި ގެއްލުނީ ދިވެއްސަކާއި ލަންކާ
ރައްޔިތަކާއި އިންޑިއާ ރައްޔިތެކެވެ. ޝިފާން ފެނިފައިވާއިރު ގެއްލުނު ލަންކާ މީހާ
އަދި އިންޑިއާ މީހާ އަދި ފެނިފައެއް ނުވެއެވެ.
ހާދިސާއިން ހަތަރު މީހަކު ސަލާމަތްކޮށް
ހޮސްޕިޓަލަށް ގެނެސްފައިވާއިރު މާލެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި
އިންޑިއާ މީހެކެވެ. މލެ ގެނައި މީހުންގެ ތެރޭގައި ކޮޅުވެއްޓީގެ ކައްޕި ހިމެނެއެވެ.
ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން
ދެމީހަކު ދޫކޮށްލާފައިވާއިރު އަނެއް ދެމީހުން ވަނީ އެޑްމިޓްކޮށްފައެވެ. އޭގެ
ތެރެއިން އެކެއްގެ ކޮނޑުހުޅަށް ގެއްލުންވެފައިވާއިރު އަނެކެއްގެ މޭކަށިގަނޑުގައި ރެނދުލާފައިވާކަމަށް
ދުވަހަށް މަޢުލޫމާތު ލިބިފައިވެއެވެ.
ގެއްލިފައިވާ ދެމީހުން ހޯދުމުގެ މަސައްކަތް
ކޯސްޓްގާޑުގެ ޑައިވަރުން އަންނަނީ ކުރަމުންނެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން
މީހުންގެ ތެރެއިން ދެމީހަކު އެވަގުތު ތިބީ ކޮޅުވެއްޓީގައި އުފުލަމުންދިޔަ އެކްސްކަވޭޓަރެއްގެ
ތެރޭގައި ކަމަށްވެސް މެރިން ޕޮލިސް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް