އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކަލަރ ރަންގެ ފޯރިގަދަކަން އިތުރުކޮށް، ނޮވެމްބަރ 29 އަދި 30 ވާ ހަފްތާ ބަންދަށް ވަރަށް ހާއްސަ ހަރަކާތްތަކެއް އިއުލާންކޮށްފިއެވެ.
އުރީދޫ އިން ކަލަރ ރަން އޮންނަ ހަފްތާ ބަންދުގައި ޚާއްސަ ހަރަކާތްތަކެއް އިއުލާނު ކުރީ އާއިލާ އާއި ރައްޓެހިންނާއި އެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަށް އެންމެހާ ފަރާތްކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އުރީދޫ އިން ބުނެއެވެ.
ހަފްތާ ބަންދުގެ ހަރަކާތްކުގެ ތެރޭގައި ނޮވެންބަރު 29 ވާ ހުކުރު ދުވަހު އޮންނާނީ އުރީދޫ މޫދު މަޖާ އިންވެޓެކެވެ. ހެނދުނު 8:00 އިން 10:30 އަށް އޮންނަ މި ހަރަކާތަކީ އާއިލާ އާއި ރައްޓެހިންނާއި އެކު މޫދަށްގޮސް، ވަރަށް ތަފާތު މޫދު ކުޅިވަރުތަކާއި މުބާރާތްތައް ހިމެނޭ ހަރަކާތެކެވެ. ހަމައެހެންމެ، އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުގައި ތަފާތު ކާތަކެތީގެ އިތުރުން ޒަމާނުއްސުރެ ދަތުރުގޮސް ދިވެހިން ކައިއުޅޭ އަނބު މަޖާ އާއި މަސްކާށިވެސް ލިބެން ހުންނާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ހަމަ އެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އުރީދޫ ކައިޓް ފެސްޓިވަލެއް އޮންނާނެއެވެ. އުރީދޫ އިން ބުނީ، އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި ޕާޓްނަރުންގެ ޚާއްސަ ސްޓޯލެއް ހިމެނޭ ކަމަށާއި، މުބާރާތްތަކުގައި އަދި ވަރކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރ ކުރަން ނުޖެހޭނެ ކަމަށެވެ.
މި ހަފްތާ ބަންދުގެ އެންމެ ޚާއްސަ ހަރަކާތް ކަމަށްވާ ކަލަރ ރަން އޮންނާނީ ނޮވެމްބަރު 30 ވާ ހޮނިހިރު ދުވަހުގެ 15:30 އިން 18:00 އަށެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި އިވެންޓް ކުރިން ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމަބަރު 29 ވަނަ ދުވަހުއެވެ. ނަމަވެސް ހަފްތާ ބަންދުގައި ޚާއްސަ ހަރަކާތްކެއް ކުރިއަށް ގެންދިއުމަށް އުރީދޫ އިން ވަނީ ކަލަރ ރަން 30 ވަނަ ދުވަހަށް ލަސްކޮށްފައެވެ.
ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ 20:30 އިން 23:30 އަށް ކަލަރ ރަން މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އުރީދޫ އިން ބުނީ، ކަލަރ ރަން ނިމުމަށްފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑު ހާއްސަކުރެވިފައިވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާއި އެކު ބާއްވާ މިއުޒިކް ޝޯއަކަށް ކަމަށެވެ. އެގޮތުން މިފަހަރުގެ މިއުޒިކް ޝޯގައި ހަބޭސް ބޮޑުބެރު، މޫޝާން، އަދި ޒަކިއްޓެ ފަދަ މަގްބޫލު އާޓިސްޓުން ފެންނާނެކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް