"ކަބީރް ސިންގް" ބެލުމަށްފަހު ލޯބިވެރިޔާ މަރާލައިފި

މިއަހަރު ޖޫން މަހުގެ 21 ވަނަ ދުވަހު ސްކްރީންތަކަށް އައި "ކަބީރް ސިންގް" ފިލްމް ބެލުމަށްފަހު މީހަކު އޭނާގެ ލޯބިވެރިޔާ މަރާލައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި މީހާ އަކީ ޓިކްޓޮކް ގައި މަޝްހޫރުކަމެއް ...

16 Oct 2019 | 04:00

މިއަހަރު ޖޫން މަހުގެ 21 ވަނަ ދުވަހު ސްކްރީންތަކަށް އައި "ކަބީރް ސިންގް" ފިލްމް ބެލުމަށްފަހު މީހަކު އޭނާގެ ލޯބިވެރިޔާ މަރާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި މީހާ އަކީ ޓިކްޓޮކް ގައި މަޝްހޫރުކަމެއް ހޯދާފައިވާ އަޝްވާނީ ކުމާރެވެ. އޭނާ ލޯބިވެގެން އުޅުނު އަންހެން ކުއްޖާ އަކީ އެއަރހޮސްޓެސް އެކެވެ.

އަޝްވާނީ އެކުއްޖާ މަރާލާފައިވަނީ އެފިލްމު ބެލުމަށްފަހު ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ޝާހިދު ކަޕޫރު އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ ނުލިބިގެން އުޅޭ ގޮތް ބެލުމަށްފަހު އެވެ. އެ ފިލްމުގައި ޝާހިދު ބުނާ ޑައިލޮގަކަށް ބަރޯސާވެ، އަންހެން ކުއްޖާ މަރާލާފައި ވަނީ އޭނާ ކައިވެނިކުރަން އުޅޭތީ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

"އަހަރެންގެ މީހަކަށް ނުވެއްޖެނަމަ އެހެން މީހަކަށް ލިބުމުގެ ފުރުސަތެއް ނުދޭނަން" އެ ފިލްމުގެ މި ޑައިލޮގަށް އޭނާ ވަނީ ޓިކްޓޮކްގައި ވީޑިއޯ އެއްވެސް ކުޅެފައެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ އަމަލުކޮށްފައި ވަނީ މި ޑައިލޮގުގައި ބުނާގޮތަށެވެ.

މީގެ އިތުރުން ވެސް ޝާހިދު އެ ފިލްމުގައި ފެންނަ ކެރެކްޓާތަކަށް އެކި ވީޑިއޯ އާއި ފޮޓޯތައް އޭނާގެ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަނީ މަރުވި ކުއްޖާގެ އާއިލާގެ ކިބައިން މައާފަށް އެދިފައެވެ. ނަމަވެސް އޭނާގެ ފިލްމުތަކުން މީހުން މެރުމާއި އަދި މީހަކަށް ގެއްލުން ދިނުމަށް އެއްވެސް ވަރަކަށް ބާރުއަޅާ މަންޒަރުތައް ފެނިފައި ނުވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކަބީރް ސިންގް" ފިލްމަކީ މިއަހަރު ބޮކްސް އޮފީހުގެ އެންމެ ކުރީސަފުގައި ހިމެނޭ ފިލްމެކެވެ. މި ފިލްމުން ފެނިގެން ދަނީ ޝާހިދުގެ ލޯބިވެރިޔާ ކިއަރާ ނުލިބެގެން އޭނާ އަމިއްލަ ނަފްސަށް ދެމުންދިޔަ ގެއްލުންތަކެކެވެ. އެގޮތުން އޭނާ ފެނިގެން ގޮސްފައިވަނީ މަސްތުގެ ހާލަތުގައި އުޅެމުން ދިޔަ "ޑިޕްރެސްޑް" މީހެއްގެ ކެރެކްޓާއަކުންނެވެ. މި ފިލްމަކީ މިއަހަރުގެ ބޮޑު ހިޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް