އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ މަގާމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން ޑރ އަޒީމާ އާދަމް އިސްތިއުފާދެއްވައިފި އެވެ. އަޒީމާ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ އެ އަޑު ފެތުރޭތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. އަޒީމާ އަކ...

16 Aug 2017 | 05:37

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން ޑރ އަޒީމާ އާދަމް އިސްތިއުފާދެއްވައިފި އެވެ.

އަޒީމާ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ އެ އަޑު ފެތުރޭތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. އަޒީމާ އަކީ އުމުރުން 19 އަހަރުން ފެށިގެން އެމްއެމްއޭގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އަޒީމާ އެ މަގާމުން އިސްތިއުފާދެއްވީ އެކަމަނާގެ ފިރިކަލުން ޑރ އަލީ ނަސީރު، އދ. އާއި އެމެރިކާއަށް ކަނޑައެޅުއްވި އާ ސަފީރުގެ ގޮތުގައި ހަމަޖެއްސުމުން އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރައްވަން ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ. އަޒީމާ ވިދާޅުވީ ގަވަރުނަރުގެ މަގާމަކީ އެންމެ ހިތްހަމަ ޖެހިގެން އަދާ ކުރެއްވި ވަޒީފާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ބޭރުގައި ގިނަ ދުވަހު ހުންނަވަމުން ރާއްޖޭގެ ވަޒީފާއެއްގެ ޒިންމާ ނެންގެވުމަކީ އިންސާފުވެރި ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަޒީމާ ވިދާޅުވި ގޮތުގައި ރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވުނީ ކިތައްމެ ކުޑަ ޚިިދުމަތެއް ނަމަވެސް ނުވަތަ ހޯއްދަވައިދެއްވުނީ ކިތައްމެ ކުޑަ ފައިދާއެއް ނަމަވެސް އެކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގަންނަވަ އެވެ.

އަޒީމާ ވިދާޅުވީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމާއި ބޭރު ފައިސާގެ މާކެޓް ހަމަޖެއްސުމުގައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ރުފިޔާގެ އަގު ހިފެހެއްޓުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ. އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފު ކުރެއްވުމަކީ ވެސް އެމްއެމްއޭއަށް ހޯދުނު ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.

އަޒީމާ ގަވަރުނަރު ކަމަށް އައްޔަން ކުރައްވާފައިވަނީ 20 އެޕްރިލް 2014 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް