ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ ގަވާއިދަށް ބޮޑު އިސްލާހެއް

އޮކްޓޯބަރު 1، 2008 ވަނަ ދުވަހު އެކުލަވާލާފައިވާ "ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމުގެ ގަވާއިދަށް" އިސްލާހެއް ގެނެސްފި އެވެ. މިއީ މި ގަވާއިދަށް އަމަލު ކުރަން ފެށިފަހުން ގެނައި ދެވަނަ އިސްލާހު ކަމަށްވ...

16 Aug 2017 | 01:19

އޮކްޓޯބަރު 1، 2008 ވަނަ ދުވަހު އެކުލަވާލާފައިވާ "ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމުގެ ގަވާއިދަށް" އިސްލާހެއް ގެނެސްފި އެވެ.

މިއީ މި ގަވާއިދަށް އަމަލު ކުރަން ފެށިފަހުން ގެނައި ދެވަނަ އިސްލާހު ކަމަށްވާއިރު މި އިސްލާހުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ އަގު ކަނޑައެމަށް އެކުލަވާލާ މަޝްވަރާ ކޮމިޓީގައި އަމިއްލަ ފަރުދުން ހިމަނަން ޖެހޭ ކަމަށް ކުރިން އޮތް އޮތުން އިސްލާހުކޮށް ހައުސިން މިނިސްޓަރު ކަނޑައަޅުއްވާ، އެ މިނިސްޓްރީގެ ފަންނީ ފަސް މެމްބަރުން އެ ކޮމިޓީގައި ހިމެނޭގޮތަށް ކޮށްފައިވާ އިސްލާހެވެ.

އެގޮތުން ގަވާއިދު އެންމެ ފުރަތަމަ އެކުލަވާލި އިރު ގަވާއިދުގެ 10 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި، އެ ގޯތި ރަޖިސްޓްރީކޮށްފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ މިނިސްޓްރީގައި ގާއިމް ކުރެވިފައިވާ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޓީއެއްގެ މަޝްވަރާއާއެކު މިނިސްޓްރީން ކަމަށެވެ.

އަލަށް ގެނެސް އިއްޔެއިން ފެށިގެން ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ އިސްލާހުގެ 10 ވަނަ މާއްދާގެ ހ އިސްލާހު ކޮށްފައިވާއިރު އެ އިސްލާހުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި، އެ ގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ، ހައުސިން މިނިސްޓަރު އައްޔަން ކުރައްވާ އެ މިނިސްޓްރީގެ ފަސް މުވައްޒަފެއްގެ މައްޗަށް އެކުލެވޭ އަގު ކޮމިޓީއެއްގެ މަޝްވަރާއާއެކު ހައުސިން މިނިސްޓަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް