"ބަލަ މަށެއްނޫނޭ އައިލީންގެ ހަޔާތަށްވަނީ...! އައިލީންއޭ އަހަރެން ތި ހަޔާތަށް ވެއްދީ....! މި ބުނާ މައްސަލަތަކެއްވެސް ހައްލެއް ނުވާނެ...! އޭނަގެ ދަޅަޔަށް ނުހެއްލިބަލަ...! މިހާރު އައިލީން ތިއޮތީ ހުރިހާ ކަމަކުން ސަލާމަތް ވެފައި...!" އައިލީންގެ އަތުގައި ހިފާލަމުން މިފްޒާލް ބުނެލިއެވެ.
"މިތަނުން ދުރަށްދޭ...!" މިފްޒާލްގެ އަތް ފޮޅުވާލަން މަސައްކަތް ކުރަމުން އައިލީން ހަޅޭއްލަވައިގަތެވެ.
"ތިހެން ނަހަދާ...! މިހާރު އައިލީން ތިހިރީ ހުރިހާ ކަމެއް ތަޖުރިބާކޮށްފައި...! ކިހާ ދުވަހަކު އައިލީން ހިތާމަކޮށްފިންތަ....؟ އަހަރެން މިހިރީ އައިލީންއަށްޓަކައި ހުރިހާ ހުރަހެއްވެސް ގިރާކުރަން ތައްޔާރަށޭ...! ދެނެއް މަށަކަށް އަނބުރާ އައިކޮޅަށް ނުދެވޭނެ...! އައިލީން ޖެހޭނީ ރާއިފު ދޫކޮށްލާފައި އަހަންނާ އެކީ ދާން...!" މިފްޒާލް އަމުރުވެރިކަމާއެކު ވާހަކަ ދެއްކިއެވެ.
ސިކުނޑި ހަމަޖެހޭ މީހަކު ނުދައްކާނެ ކަހަލަ ކިތަންމެ ވާހަކައެއް އެފަހަރު މިފްޒާލް ދެއްކިއެވެ. ފޮރުވިފައިވާ އަނދިރި ފަރާތެއް މިފްޒާލްގެ ކިބައިގައިވާކަން އައިލީންއަށް އެނގުނީ އެ ދުވަހުއެވެ. އެހެން ނަމަވެސް އޭރު މިފްޒާލް ވަނީ ރަނގަޅަށް ދެވިހިފާފައެވެ. އޭނައާ ދުރުވުމަށްޓަކައި އައިލީން އަޅާ ފިޔަވަޅަކަށް ދެ ފިޔަވަޅު އޭނަ އަޅައެވެ. އިއްޔެ ލޯބިވެވުނު މީހާ ބިރުވެރި ހިޔަންޏެއްހެން އައިލީންއަށް ފާރަލާން ފެށިއެވެ. ދަރިފުޅު ވަކިވުމުގެ ހިތާމައަށްވުރެ، އެ ނާމާންކަން އައިލީންއަށް މާ އުނދަގޫ ކުރަން ފެށިއެވެ. މިކަމުގައި ރާއިފުގެ އެހީ ހޯދަން އައިލީން ޖެހިލުން ވިއެވެ. އައިލީންއަށް ވެސް ގޯސްތަކެއް ހެދިފައި ވާތީއެވެ. އެހެން ނަމަވެސް އައިލީން އަށް ހިތްހަމަ ޖެހުމެއް ލިބޭނީ އިތުރު މީހަކާ މިވާހަކަ ހިއްސާކޮށްގެން ކަމުގައިވާތީ ވަރަށް ވިސްނުމަށްފަހު އެންމެފަހުން އައިލީން ގުޅާލީ އޭނާގެ އެކުވެރި ހީނާ އަށެވެ.
"ކިހިނެތްވީ އަނެއްކާ ކުއްލިއަކަށް އަހަރެން މަތިން ހަނދާންވީ...." ގޭތެރެއަށް ވަދެގެންއައި ހީނާ، އައިލީން ފެނުމުގެ ސަމާސާ ރާގަކަށް ބުނެލިއެވެ.
"ބަލިވެ އުޅޭއިރުވެސް ނާންނާތީ ގުޅީ....!" އައިލީން ބުނެލިއެވެ.
"ހޮސްޕިޓަލުގައި އޮއްވާ ދިޔަފަހުން އަދި ނާދެވޭދޯ...؟ މިދުވަސްކޮޅު ފާޑެއްގެ ރޯގާއެއް ލައްވާލައިގެން ވަރަށް ބަލިވެ އުޅުނީ...! އެހެންވެ ގުޅާވެސް ނުލެވުނީ....!" ހީނާ އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
މިހާރު އެކަންތައްގަނޑު ހަމައަކަށް އެޅިއްޖެތަ...؟" އައިލީންވެސް އައިސް ހީނާ ގާތުގައި ސޯފާގައި އިށީންނަމުން ސުވާލުކޮށްލިއެވެ.
"މިހާރު ރަނގަޅު...! ކޮބާ މިހާރު އައިލީންގެ ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެތަ...؟ ކޮބާ އެއްކަހަލަ ދުވަހު އާޓިފިޝަލް ބީޗަށް މީޓް ކުރަންދިޔަ ބިޓު...! ބުނީމެއްނު އެއީ ފާޑެއްގެ ބިޓެކޭ....!" ހީނލާފައި ސަމާސާ ރާގަކަށް ހީނާ ބުނެލިއެވެ.
"ތިވާހަކަ ދައްކާށޭ އެވަރަކުން މި ގުޅީވެސް...! މިއުޅެނީ އޭނަ ކިބައިން ސަލާމަތް ނުވެވިގެން...! އަބަދު މޯބައިލަށް ވެސް ގުޅަނީ...! މަގުމައްޗަށް ނުކުތަސް ފާރަ ވެސްލަނީ... މިހާރު މަގޭ ބޯ ފަޅައިގެންދާވަރުވޭ....! ހަދާނެގޮތް ހުސްވެފަ މި ހުންނަނީ...! މަ ބޭނުމެއް ނޫން މިކަންތައްގަނޑު ރާއިފުއަށް އެނގިގެން ބޮޑު މައްސަލައަކަށް ވާކަށް...!" އައިލީން މަންމައަށް އަޑު އިވިދާނެތީ މަޑުމަޑުން ވާހަކަ ދެއްކިއެވެ.
"މީހަކު ހަމަ ގުޅާލާއިރަށް ހެއްލޭތީ ތިހެން ތި ވަނީ....! މީހެއްގެ އަތްންބަކަށް ވީމަ ޖެހޭނެ ހަރުދަނާވާން...! ގުޅާހާ މީހަކަށް ދެމަފިރިންގެ ސިއްރުތަކާ އެކިއެކި އެހެން ވާހަކަތަކަށްދަންދެން ކިޔައިދީ އޮޅުކުރާތީއޭ ތިހެން ތިވަނީ...! މަ އެދުވަހުވެސް ބުނީމެއްނު ތިއީ ރަނގަޅު ކަމެއް ނޫނޭ...! ދެން ކިހިނެތް ތިކަމުގައި ހަދާނީ...!" ހީނާ ވަގުތުން އައިލީން ކުށްވެރި ކުރިއެވެ.
"އަހަރެން އަދި ހީނާއަށް މިވާހަކަތައް މި ކިޔައިދިނީ ހީނާގެ ހިޔާލެއް މިކަމުގައި ހޯދާލަން ވެގެން...! އެކަމަކު ހީނާވެސް ހިޔާލެއް ދޭކަށް ނޫން ތިއުޅެނީކީ...! ކޮންމެ ގޮތެއް ވިޔަސް މިކަން މިއޮތީ ކުރެވިފައި...! ދެންވެސް އަހަރެން މިހާ ހިސާބުންވެސް މިކަމުން ސަލާމަތްވާނެ ގޮތެއް ކިޔާދީބަލަ...!" އައިލީން ހީނާގެ އަތުގައި ހިފާލަމުން އާދޭސްކުރާ ރާގަކަށް ބުނެލިއެވެ.
"ތީގައި އަހަރެން މިހާރުވެސް ބުނާނީ ކުރިން އަހަރެން ބުނި ވާހަކަ....! ދެން މިހާ ހިސާބުންވެސް އޭނަގެ މަތިން ހަނދާން ނައްތާލުމަށްފަހު، އޭނަ ތަނަކުން ފެނުނަސް ފެންނަ ކަމަށްވެސް ނުހަދަންވީ...! އައިލީން އަށް މިގޮތަށް ކަންތައް ކުރެވޭނެތަ...؟" ހީނާ ކޮށްލީ ސުވާލެކެވެ.
"އޭނަގެ ކަންތައް މިހާރު އެހަރަ ފެންވަރުން އަހަރެން މަގުމަތިން ފެނުނަސް ފަހަތުންވެސް މިހާރު އަންނާނެ....! އެއީ ޔަޤީން ކަމެއް....! ރާއިފު އާއެކު ހުއްޓަސް ހިޔެއްނުވެ އޭނަ ބަލާލާނެ ހެނެއް....! އެއީ އާދައިގެ މީހެއް ނޫނޭ....! މަށަކަށް ހިޔެއްނުވެ މިހާރު އޭނަގެ ހުރިހާ ހިއްސުތައް ހަމަހެނެއްވެސް.....! އަހަރެން ވަރަށް ބިރުގަނޭ... އަހަރެން އެހެން ކަންތައް ކޮށްފިއްޔާ އޭނަގެ ރުޅި އިތުރަށް ގަދަވުމާއި އުނދަގޫ ކުރުން އިތުރުވުން ނޫން އެހެން ކަމެއް ނުވާނެހެން މަށަށް ހީވަނީ..." އައިލީން ވާހަކަ ދެއްކިއެވެ.
"ދެން އެހެން ވިއްޔާ ކިހިނެތް ހަދަން ތި ގަސްދުކުރަނީ....؟" ހީނާ ސުވާލު ކޮށްލިއެވެ.
"މި ހިތަށް އަރަނީ އޭނައާ އަދި އެއްފަހަރު ވާހަކަ ދައްކަންވިއްޔޭ....! މިގޮތް ކިހިނެތްވާނީ...؟" އައިލީންވެސް ކޮށްލީ ސުވާލެކެވެ.
"ދެން ބަލާބަލަ ތިހެންވެސް ތިކަންވޭތޯ....! އަހަރެން ދެން ދަނީ އިނގޭ...! ވާގޮތެއް އަންގާލާތި....!" ސޯފާއިން ތެދުވަމުން ހީނާ ބުނެލިއެވެ.
މެންދުރުގެ ވަގުތެވެ. ރާއިފުވީ އައިލީންއަށް ފުރްޓްސް ކޮޅެއް ގަތުމަށްޓަކައި ފިހާރަކަށް ގޮހެވެ. ލިބުނު ދަނޑިވަޅުގައި އައިލީން މިފްޒާލް އާގުޅާލިއެވެ.
"އަހަންނަށް އިނގޭ ވިސްނިގެން އަދި އައިލީން އަހަންނަށް ގުޅާނެކަން....!" މިފްޒާލް ފޯނު ނެގިގޮތަށް އޯގާތެރިކަމާއެކު ބުނެލިއެވެ.
"އަހަރެން މިގުޅީ ވަކިއެއްޗެއް ވިސްނިގެނެއް ނޫން....! އަހަރެން ބުނަން ބޭނުންވަނީ ފެންނަހާ ތަނަކުން ތިހެން މަށަށް އުނދަގޫ ނުކުރާށޭ، މަބޭނުމެއް ނޫނޭ މިހާރު ތިކަން ކުރިއަށް ގެންދާކަށް....!" މަޑުމަޑުން އައިލީން ވާހަކަ ދެއްކިއެވެ.
"ކީކޭ....! މަ ބޭނުމެއް ނޫނޭ ކުރިއަށް ގެންދާކަށް....؟ އެހެންތަ ތިބުނަނީ....؟" މިފްޒާލްގެ ފުރަތަމަ ސުވާލުވެސް ވަރަށް ހަރުކަށްޓެވެ.
"ރުޅިނާދެބަލަ....! ޕްލީޒް....!" ފޯނު ހިފައިގެން އައިލީން ގޮސް ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
މިފްޒާލް އެވަގުތު އިނީ އޮފީހުގައެވެ. މެންދުރުގެ ވަގުތަކީ އޮފީހުގެ ހަލަބޮލިކަން އެންމެއިތުރުވެފައިވާ ވަގުތެވެ.
"ދެން ރުޅިނައިސް އަހަރެން ހޭންވީތަ...؟ އަބަދު ބުނާނެ އަހަރެން ރުޅިއަންނަ ވާހަކަ....! އައިލީންއޭ އަބަދު އަހަރެން ރުޅިއަރުވަނީވެސް...! އައިލިން ކީއްކުރަން އަހަރެން ރުޅިއަރުވަނީ...؟ އަހަރެން ފުރައިގެން ދިޔައިރު އެހާ ރަނގަޅަށް ވާހަކަ ދައްކާފައި އެކޮޅުގައި ހުރި އިރު އެހާ ލޯބިކޮށް މެއިލްތައް ފޮނުވާފަ، މާލެ އައީމަ ޓަސްލާފަ ތި ބުނަނީ ވަކިވާން...! ތިހެން ކަންތައްކުރީމަ އަހަރެންނަށް ވާނެ ގޮތް ވިސްނާލަބަލަ...! މަގޭ މުޅި ލައިފް ބޭކާރުވީނު....! އަހަރެން ކިހާ އެކަނިވާނެ ކަމެއް އައިލީންއަކަށް ނޭނގޭތަ...؟ މިފްޒާލް ހިތުގައި ޖެހުނެވެ.
"މިފްޒާލް ދެރަކުރާކަށް އަހަރެންވެސް ބޭނުމެއް ނޫނޭ...! އެކަމަކު މިއީ ކުރިއަށް ގެންދެވޭނެ ގުޅުމެއް ނޫންކަން މިފްޒާލަށްވެސް އެނގެއެއްނު....!" އައިލީން ގަސްދުކުރީ މިފްޒާލް އަށް ވިސްނައިދެވޭތޯ އެވެ.
"މިއީ ކުރިއަށް ގެންދެވޭނެ ގުޅުމެއް ނޫންކަން އައިލީން އަށް އެނގުނީ ކަންކަން މިހާ ހިސާބަށް ދިޔައިމަތަ....؟ އައިލީން އާ ވަކިން އަހަންނަށް ދިރިނޫޅެވޭ ހިސާބަށް ދިޔައިމަތަ...؟" އަސަރާއެކު މިފްޒާލް ވާހަކަ ދައްކަމުން ދިޔައެވެ.
"އަހަރެންގެ ދަރިފުޅު ބައިގެން ދިޔުމާ ގުޅިގެން އަހަންނަށް ލިބިފައިވާ ހިތާމަތަކާ ގުޅިގެން މިވަގުތު އިތުރު އެއްވެސް ކަމެއް ކުރުމުގެ ހިތްވަރެއް އަހަރެން ނެތް...! ހެޔޮނުވާނެ...! އަހަންނަށް ތިގޮތަށް އުނދަގޫ ނުކުރޭ...!" އައިލީންވެސް ވާހަކަ ދެއްކީ އާދޭސްކުރާ ރާގަށެވެ.
"އައިލީން ތިހެން އަހަރެން ދޫކޮށްލީމަ އަހަންނަށް ވާނެ ގޮތަކާމެދު ނިކަން ވިސްނާލަބަ...! އަހަރެންގެ ހުރީ ކާކު...! އިތުރު އެއްވެސް މީހަކު ނެތޭ.....! ހެޔޮނުވާނެ ތިހެން ނަހަދާ...!" މިފްޒާލްގެ ލޮލުން ކަރުނަ ހިލުނެވެ.
"އަހަރެން ނެތަކަސް މިފްޒާލް އެކަންޏެއް ނުވާނެއޭ....! އަންހެނުން ވެސް ހުންނާނެ އެއްނު....! މިފްޒާލް ތަންކޮޅެއް ބޮޑަށް ވިސްނާލަބަލަ...!" މިފްޒާލަށް ވިސްނާދެވޭތޯ އައިލީން މަސައްކަތް ކުރިއެވެ.
އަނބިމީހާ މަތިން އައިލީން ހަނދާންކޮށްދިނީ އެކަމުގެ ސަބަބުން މިފްޒާލަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާ މިފްޒާލް އައީ ރުޅިއެވެ.
"މަގޭ އަންބެއް މިހާރަކު ނެތޭ...! އަންބެއް ނެތޭ...! އެންމެ ފަހުން މިފްޒާލް އަށް ބުނެވުނީ ބުނަން ބޭނުންވި ޖުމްލައެއް ނޫނެވެ.
އެވަގުތު އައިލީން އަށް ލިބުނީ ކުއްލި ޝޮކެކެވެ. މިފްޒާލްގެ ވާހަކަ ގަބޫލުކުރަން ވެސް ދަތިވީއެވެ.
"މިފްޒާލް އަށް އެނގޭތަ...! މަޖަލަކަށްވެސް ތިހެން ބުނެފިއްޔާ ވަރިވާނެކަން....!" އައިލީން ހީކުރީ އެއީ މިފްޒާލް ކުރި ސަމާސާއެއް ކަމަށެވެ.
"އަހަރެން މިހިރީ ސަމާސާކުރާ މޫޑެއްގައެއް ނޫނޭ....! އައިލީން އަށް ހީވޭތަ އަހަރެން އައިލީން އާއި ސަމާސާ ކުރަނީޔޭ...! އަހަރެން މިހާރުވެސް މިބުނަނީ އަހަރެންގެ އަންބެއް ނުހުންނާނެއޭ....! އަހަރެން، އަހަރެންގެ އަންހެނުން މިވަރިކުރީ އައިލީންގެ ކުރިމަތީގައި....! މިވަރުންވެސް ދެން އެނގެން ވެއްޖެއެއްނު އަހަރެން އައިލީން ދެކެ މިވާލޯބި...." މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ސީރިއަސްކޮށެވެ.
"ކީއްކުރަން ތިހެން ތިކަންތައް ކުރީ...! ކޮބާ އަންޖަލްގެ ކުށަކީ....؟ މިފްޒާލް ތިގޮތަށް ކަންތައްކުރާއިރުވެސް އޭނަ އަޅާނުލާ މަޑުމަޑުން ހުންނާތީތަ....؟" އައިލީން ވާހަކަ ދެއްކިއެވެ.
އޮފީސްތެރޭގައި އަޑުގަދަކަމުން މިފްޒާލް އަށް އުނދަގޫވިއެވެ. ވާހަކަ ދައްކަން ބޭނުންވާ ރާގެއްގައި ވާހަކައެއް ނުދެއްކެއެވެ. ބުނަން ބޭނުންވާ އެއްޗެއްވެސް ނުބުނެވެއެވެ. މިފްޒާލް ފޯނު ކަނޑާލުމަށްފަހު ނިކުތީ ބޭރަށެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 18 ޖުލައި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް