މާބޮނޑީގައި ހަރުކޮށްފައިވާ ނޯޓުކޮޅު ރާއިފު ނަގާ ކިޔާލިއެވެ. އެއީ ކާކު ފޮނުވި މާބޮނޑިއެއްކަން އައިލީން އަށް އެނގޭތީ އެވަގުތު އައިލީންގެ ހިތް ތުރުތުރު އަޅަމުންދިޔައެވެ.
"މިއީ ކާކު ފޮނުވި މާބޮނޑިއެއް....؟ ކޮންމެސް އަންހެން ކުއްޖެއްގެ ނަން މިއޮތީ....!" އައިލީން އާ ދިމާއަށް ބަލާލަމުން ރާއިފު ބުނެލިއެވެ.
"އޭނ....! ކޮން ނަމެއް އޮތީ...؟" އައިލީން މާބޮނޑިއާ ދިމާއާށް ބަލަންއޮވެ ސުވާލު ކޮށްލިއެވެ.
"ކޮންމެސް ނިޝާނާއެއް....! މިއީ ކޮން ނިޝާނާއެއް....؟ އޮފީސް ކުއްޖެއްތަ....؟" އައިލީން އޮތް އެނދާ ދިމާއަށް ހިނގައިގަންނަމުން ރާއިފު ބުނެލިއެވެ.
"އޮފީހުގައި ތިހެން ކިޔާ ކުއްޖެއް ނޫޅޭނެ...! ނޭނގެ ތީ ކާކު ކަމެއް....!" އައިލީން ދޭނެ އިތުރު ޖަވާބެއް ނެތުމާއެކު ބުނެލިއެވެ.
އެވަގުތު ކޮޓަރީގައި ހުންނަ ފޯނު ރިންގ ވިއެވެ. ފޯނު ނެގީ ރާއިފެވެ. އެކޮޅުން ފޯނުކުރީ އަންހެން ކުއްޖެކެވެ. އަދި އެއީ ނިޝާނާ ކަމަށާއި، އައިލީން އާ ވާހަކަ ދެއްކިދާނެތޯ ސުވާލު ކުރިއެވެ.
"މިއޮތީ އެ ނިޝާނާ ގުޅާފައި....!" ފޯނުގެ އަތްގަނޑު އައިލީން އާ ދިމާޢަށް ދިއްކޮށްލަމުން ރާއިފު ބުނެލިއެވެ.
ނިޝާނާއޭ ކިޔައިގެން ކޮންމެ މީހަކު ގުޅިޔަސް އެއީ މިފްޒާލްގެ ކަމެއްކަން އައިލީން އަށް އެނގެއެވެ. އެހެން ނަމަވެސް އައިލީންއަށް މަޖުބުރުވީ ފޯނުން ވާހަކަ ދައްކާށެވެ. އައިލީން ފޯނުގެ އަތްގަނޑުގައި ހިފުމަށްފަހު ހެލޯ އޭ ބުނުމުން އެކޮޅުން އިވުނީ މިފްޒާލްގެ އަޑެވެ.
"ކޮބާ، އަހަރެން ފޮނުވި މާބޮނޑި ލިބުނުތަ...؟ ހިތްހަމަ ޖެހޭތަ...؟ އަހަންނަށް އިނގޭ އައިލީން އަށް އެންމެ ކަމުދާނީ ރޯސްކަން..! އަދި އެވެސް ރެޑްރޯސް...! އެހެންވެ ރެޑްރޯސް މިފޮނުވީވެސް....!" ވަރަށް ހަމަޖެހިލާފައި މިފްޒާލް ބުނެލިއެވެ.
"ނިޝާނާ ކިހިނެތް....؟" އައިލީން ދެއްކީ މުޅިން އެހެން ވާހަކައެކެވެ.
ވަގުތަކީ އައިލީން އަށް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ވަގުތެކެވެ. ފިރިމީހާގެ އިތުބާރު އަލުން އަނބުރާ ލިބެން ފަށާފައިވާ ވަގުތެކެވެ. އެ ކަހަލަ ދަނޑިވަޅެއްގައި، ރާއިފަށް އޮޅުވާލައިގެން ފިރިހެނަކާ ވާހަކަ ދެއްކުމަކީ އައިލީން އެންމެ ކުރަން މިހާރު ބޭނުން ނުވާ ކަންތަކެވެ. މިފްޒާލް ބޭނުންވީ، އައިލީންގެ ދަރިފުޅު ވެއްޓުނު ޚަބަރު އިވިފައި އުފާވެވުނު ކަމަށްޓަކައި މާފަށް އެދޭށެވެ. ހަމްދަރުދީގެ ދަޅަ ދައްކައިގެން އައިލީންގެ ހިތް ފަތަޙަކުރާށެވެ. ފޮނިފޮނި ބަސްތަކުން އައިލީންގެ މޫނު މައްޗަށް ހިތްހަމަ ޖެހުމާއި ހިނިތުންވުން ގެނެސްދޭށެވެ. ނުވަތަ އަނެއްކާވެސް އައިލީން ހައްލާލައިގެން އައިލީންގެ ކިބައިން ކޮންމެވެސް ފައިދާއެއް ނަގާށެވެ.
"ވަރަށް ދެރަވެއްޖެ ދަރިފުޅު ބައިގެން ދިޔަވާހަކަ ބުނީމަ....! އަސްލު ކިހިނެތް ވެގެންތަ އެހެންވާން ޖެހުނީ....! އަނެއްކާ މީހެއްގެ އެސްޕީނާ ޖެހުނީތަ...؟" މިފްޒާލް ދެރަވާކަމަށް ހެދިގެން ގަސްދުގައި ދޮގެއް ހަދާލިއެވެ.
"އާނ....! ހަމަ ރަނގަޅަށް ތިބުނީ...! އެކަމަކު އަދިވެސް މަ މިއުޅެނީ ތިއީ ކޮން ނިޝާނާއެއްކަން ހަނދާން ނެތިގެން ހަމަ...! ކޮންތާކުންތަ އަހަރުމެން ދިމާވީ....؟" އައިލީން ދައްކަމުން ގެންދިޔައީ ހަމަ މުޅިން އެހެން ވާހަކަ އެކެވެ.
"ކީކޭ ތިކިޔަނީ....! އަހަރެން ދަންތަ ހޮސްޕިޓަލަށް އައިލީންއާ ބައްދަލުކޮށްލަން....؟ އައިލީން ނުފެންނަތާ ގިނަދުވަސް ވެގެން މިހާރު އަހަރެންގެ ލޮލަށް ހަމަނިދި ނުލިބޭތާވެސް ކިތަންމެ ދުވަހެއް ވެއްޖެ...! އަޅެ ދަންތަ...؟ މައްސަލައެއް އެބަ އޮތްތަ....؟" އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.
"ދެން ބާއްވާލާނަން އިނގޭ..." މިފްޒާލް ވާހަކަ ދައްކަދައްކަ ހުއްޓާ އައިލީން ފޯނު ބޭއްވިއެވެ.
"އެއީ ކާކު....؟" އައިލީން ފޯނު ބޭއްވުމާއެކު ރާއިފު ސުވާލުކޮށްލިއެވެ.
"ނޭނގެ.... ނިޝާނާއެކޯ...! ހަނދާންކޮށްކޮށް ހަމަ ހަނދާނެއް ނުވި....! ވެދާނެ އެހެން މީހެއްކަމަށް ހީކޮށް ފޮނުވި މާބޮނޑިއެއް ކަމަށްވެސް....! ހިނގާ އެއްލާލަމާ... ގޮތް ނޭނގޭ މީހުން ދޭ އެއްޗިހި ބޭނުންކުރާކަށް ނުވާނެ...! އަނެއްކާ ރަތް ފިނިފެންމާ....! ފަންޑިތައެއްވެސް ހަދާފަ ހުރެދާނެ..." އެއްވެސް ޝައުޤުވެރިކަމެއް ނެތި އައިލީން ވާހަކަ ދެއްކިއެވެ.
އައިލީން ފޯނު ކަނޑާލުމާއެކު މިފްޒާލް އެކަމާ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ. މިފްޒާލް ހުރީ ކޮންމެ ގޮތަކުންވެސް އައިލީންއާ ބައްދަލުކުރަން ބޭނުންވެފައެވެ. އެންމެފަހުން ހޮސްޕިޓަލަށް ދިޔުން ނޫންގޮތެއް ނެތިގެން މިފްޒާލް ހޮސްޕިޓަލަށް ގޮސް އައިލީން އޮތް ކޮޓަރިއަށް ފާރަލާން ތަންކޮޅެއް ދުރުގައި ހުއްޓެވެ. ރާއިފު ކޮޓަރިން ނުކުންނާނެ ވަގުތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރިއެވެ. އެދުވަހު ހަވީރު ރާއިފު ފެންވަރަން ގެއަށް ދިޔައީ އައިލީންގެ މަންމަ އައިސް އެތައް ވާހަކަ އެއް ދައްކައިގެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް އައިލީން އާ ދުރަށްދާކަށް ރާއިފު މިހާރު ބޭނުމެއް ނުވެއެވެ. ރާއިފު ބޭނުންވަނީ އައިލީން ހިތްފުރެންދެން ލޯބި ދޭށެވެ. ރާއިފު ކޮޓަރިން ނުކުތްތަން ބަލަން މިފްޒާލް ހުރެފައި އައިލީން އޮތް ކޮޓަރިއަށް މިފްޒާލް ފޯނު ކުރިއެވެ. އެވަގުތު އައިލީންގެ މަންމަ ފޯނު ނެގުމަށްފަހު އައިލީންއަށް ފޯނެކޭ ބުނެ ފޯނުގެ އަތްގަނޑު ދިއްކޮށްލިއެވެ.
"ހަލޯ....!" އައިލީން ވާހަކަ ދެއްކިއެވެ.
"ޔޭސް...! މަށޭ މިއީ...! ހޮސްޕިޓަލުގައި މިހިރީ....! ތި ރޫމު ތެރެއަށް އަހަރެން ވަންނަންތަ....؟" އަވަސް އަވަހަށް މިފްޒާލް ބުނެލިއެވެ.
"މިފްޒާލް މޮޔަވީތަ....؟ ރާއިފު އެބައުޅެ....! ތިވަރަށް މިތަނަށް ނުގުޅަބަލަ...! ކިހާބޮޑު ކަމެއް....! އަހަރެން މިތާ ބަލިވެއޭ މިއޮތީ...!" އައިލީން އޭނާގެ މަންމައަށް އަޑުއިވިދާނެތީ މަޑުމަޑުން ބުނެލިއެވެ.
"ބަލިވެ އުޅޭތި ގޮވާލާށޭ މިއައީ....! ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލަބަލަ...!" މިފްޒާލް ހީނލާފައި ބުނެލިއެވެ.
އައިލީން ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލިއެވެ. ހުޅުވިފައިވާ ދޮރުގެ ހަނި ޖާގައިގެ ތެރެއިން މިފްޒާލްގެ ދެ ލޯ އައިލީން އަށް ފެނުނެވެ.
"ކިހާބޮޑު ކަމެއްދެން ތީ....! ކީއްކުރަން މި ތަނަށް ތި އައީ...." ތިއީ މީހުން އުޅޭގޮތެއް ނޫނެއްނު....! މަގޭ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ ކީއްވެގެންތަ....؟" އައިލީން ރުޅިއައިސްފައި އެހިއެވެ.
"މިއައީ އައިލީން ބަލިވެ އޮތީމަ ޙާލު ބަލާލާށޭ ބުނެފީމެއްނު....! ރައްޓެއްސެއްގެ ޙައިސިއްޔަތުންނޭ....! އަހަރުމެން މީ މިހާރު ރަޙުމަތްތެރިންނެއްނު....! އައިލީން ހަނދާނެއް ނެތްތަ....؟" ކޮޓަރީގެ ދޮރު ލައްޕާލާމުން މިފްޒާލް ބުނެލިއެވެ.
"ބުނަން ވާހަކައެއް...! ތިކަން އަހަރެން ހަނދާން އެބަހުއްޓޭ....! އެކަމަކު އެކަން މިފްޒާލް ހަނދާން ހުރި ހެނެއް މަށަކަށް ހީއެއްނުވޭ....! ރަޙުމަތްތެރިންނަކީ، އަނެކާއަށް ދެރައެއް ލިބުނީމަ އެކަމާ އުފާކުރާ ބައެއް ނޫނޭ...! އެކަން މިފްޒާލް އަށް އެނގޭތަ....؟ އަހަރެން މިހާރު މިފްޒާލްދެކެ ފޫހިވެއްޖެ....! ތިއީ ރައްޓެއްސެއްގެ ގޮތުގައި ބަހައްޓަންވެސް ފުދޭވަރުގެ މީހެއްނޫން...! އަހަރެން ބޭނުމެއް ނޫން މިފްޒާލްއާ ވާހަކަ ދައްކާކަށް...! މި ކަން މިހާ ހިސާބުން ނިންމާލަމާ ހިނގާ...! އައިލީން ވާހަކަ ދެއްކިއެވެ.
މިފްޒާލް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އައިލީން އެހެން ބުނިލެއް ފަސޭހަކަމުންނެވެ.
"މަށަކަށް ނުވާނެ ތި ކަމެއް...! އައިލީން އަށް ހާދަފަސޭހަޔޭދޯ ތިހެން ބުނެލަން...!" މިފްޒާލް ކުއްލިއަކަށް ފޯނު ކަނޑާލިއެވެ.
މިފްޒާލް މިހެން ބުނުމަށްފަހު ހިނގައިގަތީ ހޮސްޕިޓަލުން ނުކުތުމަށެވެ. އެހެން ނަމަވެސް ތަންކޮޅަކަށް ގޮސްފައި ކުއްލިއަކަށް އަނބުރާލާފައި އައިސް ވަރަށް ބާރަށް އައިލީން އޮތް ކޮޓަރިއަށް ވަނެވެ. އެވަގުތު މިފްޒާލްއަކީ ޖެހިލުން ކުޑަ މީހަކަށްވާތީ، އައިލީން ދިޔައީ ސިއްސައިގެންނެވެ.
"އިހަށް ބޭރުގައި މަޑުކޮށްލައްވާ....!" ކޮޓަރިއަށް ވަނުމަށްފަހު އައިލީންގެ މަންމައާ މުޚާތަބުކޮށް މިފްޒަލް ބުންޏެވެ.
އެވަގުތު މިފްޒާލްހުރީ މޫނުމަތީގައި މާސްކެއް އަޅާފައެވެ. އަދި ބޮލުގައި ތޮއްޕެއް އޮތެވެ. އެހެން ވުމާއެކު އައިލީންގެ މަންމަ ހީކުރީ އެއީ ޑޮކްޓަރެއް ކަމަށެވެ. އައިލީން އަށް ބަލާލުމަށްފަހު މަޑުމަޑުން އައިލީންގެ މަންމަ ކޮޓަރިން ނުކުތެވެ. އައިލީން އޮތީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެވަގުތު މިފްޒާލް އެކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ތަޅުލިއެވެ. ހަދާނެ ގޮތެއްނޭނގިފައި އައިލީން ބަލަހައްޓައިގެން އޮއްވާ އެނދު ކައިރީގައިހުރި ގޮނޑި ހިފައިގެން އައިސް މިފްޒާލް އިށީނީ އައިލީން އާ ވަރަށް ގާތުގައެވެ.
"އަހަރެންގެ މޫނަށް ބަލަހައްޓައިގެން އޮވެ ތިބުނާއެއްޗެއް ދެން ބުނެބަލަ....!" އައިލީންގެ މޫނާ ދިމާއަށް ގުދުވަމުން ނުރުހުމުގެ ރާގެއްގައި މިފްޒާލް ބުންޏެވެ.
"މޮޔަވެގެންތަ ތިއުޅެނީ....! ކީކޭތަ ބުނަންވީ...! މިތަނުން ދުރަށްދޭ....!" އައިލީން އަނެއް ފަރާތަށް މޫނު އަނބުރާލަމުން ވާހަކަ ދެއްކިއެވެ.
"ދެންމެ ތިބުނީއެއްނު މިކަން މި ނިމުނީއޭ...! އެހެންވީމަ މިކަން ނިމިއްޖިއްޔާ ދެން ކިހިނެކޭ ވާންވީ...! އަހަރެންގެ މޫނަށް ބަލަންއޮވެ ހަތަރުކަޅި ހަމަކޮށްފައި ތިހެން ބުނެބަލަ...! އަނެއްކާވެސް މިފްޒާލް ވާހަކަ ދެއްކިއެވެ.
އެވަގުތު ބިރުންގޮސް އައިލީންގެ ދޫ ތަޅުލެވުނު ކަހަލައެވެ. އެއްވެސް އެއްޗެއް ނުބުނެވުނެވެ.
"ކަލޭ ހީކުރީ ކަލޭ ބޭނުންވާއިރަށް މަގޭ ހިތާ ކުޅެލާފައި، ފޫހިވާއިރަށް ދުރަށް އެއްލާލެވިދާނެ ކަމަށްތަ....؟ ކަލޭ ހިތަށްއަރާއިރަށް މަށަކީ ކަލޭގެ ލޯބިވެރިއެއް...! އެހެންނޫނީ ކަލޭ ހިތަށްއަރާއިރަށް މަށަކީ ކަލޭގެ ރައްޓެއްސެއް....! އަބަދަކު ތިހެނެއް ނުހެދޭނެ....! އަހަރެން ހާދަހާ ކެތްކޮށްފީމޭ..! ކާކަށްޓަކާތަ ކަލޭ އަހަރެން ތި ދޫކޮށްލަނީ....! ރާއިފުއަށްޓަކައިތަ...؟ ބަލަ އޭނައަށް ކަލެއަށް ލޯބި ދެވުނުނަމަ މިއަދު މިހިނެއް ނުވީހެއްނު...!" މިފްޒާލްގެ އަޑުގަދަވަމުން ދިޔައެވެ.
"މިއީ ކަލެއާ ބެހޭ ކަމެއް ނޫން...! އަހަރުމެން ދެމަފިރިންގެ ދޭތެރެއަށް ވަންނަން މަސައްކަތް ނުކޮށްބަލަ...! އިރެއްގައި ރާއިފު އާ އަހަންނާ ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހުނަސް އެކަން މިހާރު ނިމިއްޖެއޭ...! މިތަނުން ދާންއުޅޭ...!" އައިލީންވެސް ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ.
"ބަލަ މަށެއްނޫނޭ އައިލީންގެ ހަޔާތަށްވަނީކީ...! އައިލީން އަހަރެން ތި ހަޔާތަށް ވެއްދީ....! މި ބުނާ މައްސަލަތަކެއްވެސް ހައްލެއް ނުވާނެ...! އޭނަގެ ދަޅަޔަށް ނުހެއްލިބަލަ...! މިހާރު އައިލީން ތިއޮތީ ހުރިހާ ކަމަކުން ސަލާމަތް ވެފައި...! ދެން އަހަންނާއެކު ކުރިއަށްދާން ހިނގާ...! އާދޭސްކޮށްފައި ބުނަން...!" އައިލީންގެ އަތުގައި ހިފާލަމުން މިފްޒާލް ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 16 ޖުލައި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް