ދިރާގު މޯލްޑިވްސް ރޯޑް ރޭސް ސެޕްޓެމްބަރު މަހުގައި

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ސެޕްޓެމްބަރު މަހުގައި ބާއްވަން ނިންމައިފިއެވެ...

16 Jul 2019 | 08:34

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ސެޕްޓެމްބަރު މަހުގައި ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމަކީ، 5 އަކާއި 10 ކިލޯމީޓަރުގެ ދެ ކެޓަގަރީއަކުން ދުވަން ހަމަޖެހިފައިވާ ރޭހެކެވެ.

ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މިއަހަރުގެ ރޭހުގެ ޝިއާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.

ދިރާގުން ބުނީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ، އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ މިއަދުން ފެށިގެން 20 ޖުލައި 2019 އާއި ހަމައަށް ހުޅުވާލާފައި ކަމަށެވެ. އަދި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާއެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައިޝާއިއުކުރެވޭނެ ކަމަށާއި، ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަ ކުރާނީ ކޮން ޖަމިއްޔާއަކަށްކަން ކަނޑައަޅަންވާނެ ކަމަށް ދިރާގުން ބުންޏެވެ. މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ.

ދިރާގުން އިތުރަށް ބުނީ، މި ދުވުމަކީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެއް ކަމުގައެވެ. ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތަށް ދިރާގުން ވަނީ ކަނޑައަޅާފައިއެވެ. އެގޮތުން 5 ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ސެޕްޓެމްބަރ  2019 އަށް 7 އަހަރު ފުރިފައިވާން ޖެހޭނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ސެޕްޓެމްބަރ 2019 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެއެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 13 ވަނައަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް